އެމެރިކާގައި ކުރިއަށް ދިޔަ އިންތިޚާބު ކާމިޔާބު ކުރައްވައި، ވާޖިނިއާގެ ފުރަތަމަ އަންހެން ގަވަރުނަރަކަށް އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ އަބިގެއިލް ސްޕެންބާގާ ވެއްޖެ އެވެ.
އަންގާރަ ދުވަހު ކުރިއަށް ދިޔަ އިންތިޚާބު ކާމިޔާބު ކުރައްވައި، ސްޕެންބާގާ ވެވަޑައިގެންފައި ވަނީ ވާޖިނިއާގެ އެންމެ ފުރަތަމަ އަންހެން ގަވަރުނަރަށެވެ. މި އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ފާހަގަ ކޮށްލެވޭ ވަރުގެ ކާމިޔާބީތަކެއް ހޯދައިފަ އެވެ.
އިންތިޚާބުގައި ސްޕެންބާގާ ވަނީ ވެރިކަން ކުރާ ރިޕަބްލިކަން ޕާޓީގެ ގަވަރުނަރު ވިންސަމް އާލް ސިއާސްގެ މައްޗަށް ކުރި ހޯއްދަވައިފަ އެވެ. މީގެ ކުރިން ސްޕެންބާގާ ވަނީ ކޮންގްރެސްގެ މެމްބަރުކަން ކުރައްވައި، އަދި ސީއައޭގެ އޮފިސަރުކަން ވެސް އަދާ ކުރައްވައިފަ އެވެ.
މި އިންތިޚާބުގައި ނިއު ޖާސީގެ ގަވަރުނަރުގެ މަގާމު ވެސް ޑިމޮކްރަޓިކް ޕާޓީ އިން ހޯދާފައިވާއިރު، ނިއު ޔޯކް ސިޓީގެ މޭޔަރު ކަމަށް ވެސް އިންތިޚާބުވެފައި ވަނީ އެ ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޒޯރަން މަމްދާނީ އެވެ.
އެމެރިކާގެ ދެކުނުގައި އޮންނަ ވާޖިނިއާ ސްޓޭޓް އަކީ ޕެންޓަގަން އަދި ފެޑެރަލް ސަރުކާރުގައި މަސައްކަތް ކުރާ ގިނަ އަދަދެއްގެ މުވަައްޒަފުން ދިރިއުޅޭ ސްޓޭޓް އެކެވެ. ޓްރަމްޕްގެ ސަރުކާރުން ފެޑަރަލް ޚަރަދުތައް ކުޑަ ކުރުމުގެ ނަމުގައި އަޅާފައިވާ ފިޔަވަޅު ތަކުން އެ މުވައްޒަފުންނަށް ބޮޑެތި އަސަރު ތަކެއް ކޮށްފައިވެ އެވެ.
ކޮންގްރެސްގައި ތިން ދައުރު އަދާ ކޮށްފައިވާ ސްޕެންބާގާ އިންތިޚާބު ކާމިޔާބު ކުރައްވާފައިވާއިރު، މިދިޔަ ހަފުތާގައި އޮތް އޭނާގެ ކެމްޕެއިން ރެލީގައި ކުރީގެ ރައީސް ބަރަކް އޮބާމާ ވެސް ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. އިންތިޚާބުގެ ކާމިޔާބީ އަށް ފަހު ވާހަކަ ދައްކަވަމުން ސްޕެންބާގާ ވިދާޅުވެފައި ވަނީ، މުޅި ދުނިޔެ އަށް ޚާއްސަ މެސެޖެއް އިންތިޚާބުން ފޮނުވާފައިވާ ކަަމަށެވެ.
އިންތިޚާބުގެ ކެމްޕެއިންގެ ތެރޭގައި ސްޕެންބާގާ އެންމެ އިސްކަމެއް ދީގެން ވާހަކަ ދައްކަވާފައި ވަނީ، ޓްރަމްޕްގެ ފެޑަރަލް ސަރުކާރުގެ ޚަރަދުތައް ކުޑަ ކުރުމުން ވާޖިނިއާގެ ވަޒީފާގެ ދާއިރާ އަށް ކުރާ އަސަރުތަކާ ގުޅޭ ގޮތުންނެވެ. ޚާއްސަކޮށް އޭނާ ވަނީ، ދިރިއުޅުމުގެ ޚަރަދުތައް ކުޑަ ކުރުމަށް އިސްކަން ދޭނެ ކަމަށް ކެމްޕެއިންގައި ވިދާޅުވެފަ އެވެ.
އިދިކޮޅު ޑިމޮކްރަޓިކް ޕާޓީގެ ނެޝަނަލް ކޮމެޓީ އިން ސްޕެންބާގާގެ ކާމިޔާބީ ފާހަގަ ކޮށްފައި ވަނީ، އަމިއްލަ މަސްލަހަތަށް ބަލައި، ކޮރަޕްޝަންގެ މޫތައް އޮތްް ޓްރަމްޕްގެ ސަރުކާރު ބަލި ކުރުން ކަމަށެވެ. ޑީއެންސީގެ ޗެއާ ކެން މާޓިން ވިދާޅުވީ، ރިޕަބްލިކަންގެ މެމްބަރުންނަށް ލިބިފައި ވަނީ ކުޑަ ވަގުތު ކޮޅެއްކަން އިޙުސާސް ވާން ޖެހޭނެ ކަމަށެވެ.