Advertisement
ކ. މާލެ
|
6 ނޮވެންބަރ 2025 | ބުރާސްފަތި 16:17
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ
އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ
ރޮއިޓަރސް
އެމެރިކާ
ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އޮބާާމާގެ ވަރުގަދަ މެސެޖެއް
އެކްސް ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ އެ ކާމިޔާބުން ސާބިތު ކޮށްދިނީ، އެންމެން އެކުގައި ތިބެ ކުރިއަށް ގޮސް، އަސްލު މައްސަލަތަކާ ކުތިމަތިލާން ލީޑަރުން ބޭނުން ވުމުން މޮޅުވެވޭނެ ކަމުގައި.

އަންގާރަ ދުވަހު އެމެރިކާގައި ކުރިއަށް ގެންދިޔަ އިންތިޚާބުގައި އިދިކޮޅު ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު، އެމެރިކާގެ ކުރީގެ ރައީސް ބަރަކް އޮބާމާ ވަރުގަދަ މެސެޖެއް ދެއްވައިފި އެވެ.

އިންތިޚާބުގެ ނަތީޖާ ބުދަ ދުވަހު ލިބިފައިވާއިރު، ޑިމޮކްރަޓިކް ޕާޓީ އިން ވަނީ ނިއު ޔޯކް، ވާޖިނިއާ އަދި ނިއު ޖާސީގައި ކާމިޔާބު ހޯދައިފަ އެވެ. ވެރިކަމުގައި އޮތް ރިޕަބްލިކަން ޕާޓީއާ ވާދަކޮށް ޑިމޮކްރަޓިކް ޕާޓީ އިން ހޯދި މި ކާމިޔާބަކީ، މިދިޔަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި އެ ޕާޓީ އަށް ލިބުނު ނާކާމިޔާބަށް ފަހު ހޯދި ރަނގަޅު ފެށުމެއް ކަމަށް ގިނަ ބަޔަކު ދެކެ އެވެ.

އިންތިޚާބުގެ ކާމިޔާބާ އެކު، އޮބާމާ އޭނާގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވެފައި ވަނީ ޑިމޮކްރަޓިކް ޕާޓީގެ ހުރިހާ ކެންޑިޑޭޓުންނަށް ތަޙުނިޔާ ކިޔާ ކަމަށެވެ. އޮބާމާ ވިދާޅުވީ އެ ކާމިޔާބުން ސާބިތު ކޮށްދިނީ، އެންމެން އެކުގައި ތިބެ ކުރިއަށް ގޮސް، އަސްލު މައްސަލަތަކާ ކުތިމަތިލާން ލީޑަރުން ބޭނުން ވުމުން މޮޅުވެވޭނެ ކަމުގައެވެ.

މީގެ އިތުރުން އަދިވެސް ކުރިމަތީގައި ވަރަށް ބޮޑެތި އަދި ގިނަ މަސައްކަތް ތަކެއް ހުރި ކަމަށް އޮބާމާ ވިދާޅުވި އެވެ. އެހެން ނަމަވެސް، ޑިމޮކްރަޓިކް ޕާޓީ އިން ހޯދި ކާމިޔާބާ އެކު މުސްތަޤުބަލު އުޖާލާވާން ފަށާފައިވާ ކަމަށް އޮބާމާ ފާހަގަ ކުރެއްވި އެވެ. އޮބާމާ އަކީ ޑިމޮކްރަޓިކް ޕާޓީގެ އިތުރުން، އެމެރިކާގެ ރައްޔިތުންގެ މެދުގައި މަޤުބޫލު ސިޔާސީ ލީޑަރެކެވެ.

އިންތިޚާބުގައި ޑިމޮކްރަޓިކް ޕާޓީ އިން ކާމިޔާބު ހޯދާފައިވާއިރު، އޮބާމާ ވަނީ އިންތިޚާބުގެ ކެމްޕެއިންގައި އަމަލީ ގޮތުން ވެސް ބައިވެރިވެ ވަޑައިގެންފަ އެވެ. އެގޮތުން ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުންނަށް ތާއީދު ހޯދުމަށް ކުރިއަށް ގެންދިޔަ ކެމްޕެއިން ރެލީ ތަކުގައި ވެސް އޮބާމާ ވަނީ ބައިވެރިވެ ވަޑައިގެންފަ އެވެ. ވަކި ވަކި ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައި ވެސް އޮބާމާ ބައިވެރިވެ ވަޑައިގެންނެވި އެވެ.

ޑިމޮކްރަޓިކް ޕާޓީގެ ކާމިޔާބަށް އޮބާމާ މަރުޙަބާ ވިދާޅުވެފައިވާއިރު، ތަޖުރިބާ ކާރުން ބުނާ ގޮތުގައި އެ މެސެޖުގައި އޮބާމާ އެހެން ވާހަކައެއް ވެސް ހިއްސާ ކޮށްފައިވެ އެވެ. އެގޮތުން 2024 ވަނަ އަހަރު ރިޔާސީ އިންތިޚާބުން ބަލިވުމާއި، ސެނެޓު ގެއްލުމާ ކުރިމަތިލާން ޖެހުނު ޑިމޮކްރަޓިކް ޕާޓީ އިން ކުރިއަށް އޮތް އިންތިޚާބު ކާމިޔާބު ކުރުމުގެ މުހިންމު ކަމަށް އިޝާރާތް ކުރައްވާފައިވާ ކަމަށް ފާހަގަ ކޮށްފައިވެ އެވެ.

މި އިންތިޚާބުގެ ކެމްޕެއިންގައި ވާހަކަ ދައްކަވަމުން އޮބާމާ ވަނީ، އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ހިންގަވަމުން އަންނަ ޣައިރު ޤާނޫނީ ކަންތައްތަކާ ދެކޮޅަށް ތެދުވާން ޖެހޭ ކަމަށް ގޮވާލައްވައިފަ އެވެ. ޓްރަމްޕްގެ ވެރި ކަމުގައި އެމެރިކާގެ ޑިމޮކްރަޓިކް އުސޫލުތަކާއި، މިނިވަން ކަަމަށް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށް އޮބާމާ ވިދާޅުވެފައިވެ އެވެ.

ހަމަ އެހެންމެ، ޓްރަމްޕް އަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެ އޮބާމާ ވަނީ ވާހަކަ ދައްކަވައިފަ އެވެ. އަދި ޓްރަމްޕްގެ ވެރި ކަމުގައި ޤާނޫނާ ޚިލާފު އަމަލުތައް ހިންގުމާއި، އެއްވެސް އުސޫލެއް އަދި ހަމައެއް ލަމައެއް ނެތި ކަންކަން ނިންމުމަކީ އާންމު ކަމަކަށް ވެފައިވާ ކަމަށް އޮބާމާ ވިދާޅުވި އެވެ. އަދި އެކަންކަމާ ދެކޮޅަށް މަސައްކަތް ކުރުމަށް ޑިމޮކްރަޓިކް ޕާޓީގެ ކެންޑިޑޭޓުން އިންތިޚާބު ކުރަން ޖެހޭ ކަމަށް އޭރު ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

ޓްރަމްޕްގެ ރިޔާސީ ފުރަތަމަ ދައުރުގެ ތެރޭގައި ކަންކަން ކޮށްފައިވާ ގޮތަށް ވެސް، އޮބާމާ ވަނީ އެކި ފަހަރު މަތިން ފާޑު ވިދާޅުވެފަ އެވެ. ޚާއްސަކޮށް އެމެރިކާގެ ޑިމޮކްރަސީ އާއި، އިޤްތިޞާދަށް ކުރިމަތި ވެފައިވާ ގޮން ޖެހުން ތަކަށް ވެސް އޮބާމާ ވަނީ ފާޑު ވިދާޅުވެފަ އެވެ. އެއީ ޓްރަމްޕްގެ ދޯހަޅި ސިޔާސަތުތަކާއި، ސަރުކާރު ހިންގާ ގޮތުގެ ސަބަބުން ކުރިމަތިވި ކަންކަން ކަމަށް އޭނާ ވިދާޅުވެފައިވެ އެވެ.

މަސްދަރު: ނިއުސްވީކް
- ކޮމެންޓް