އެމެރިކާގެ ކުރީގެ ނައިބު ރައީސް ޑިކް ޗެނީ އަވަހާރަ ވެއްޖެ އެވެ.
ޗެނީގެ އާއިލާ އިން ހާމަ ކޮށްފައިވާ ގޮތުގައި އުމުރުފުޅުން 84 އަހަރުގައި ޗެނީ އަވަހާރަވެފައި ވަނީ، އަންގާރަ ދުވަހުގެ ވަގުތެއްގަ އެވެ.
ޗެނީ ވަނީ އެމެރިކާގެ ކުރީގެ ރައީސް ޖޯޖް ޑަބްލިއު ބުޝްގެ ވެރިކަމުގައި ނައިބު ރައީސްކަން ކުރައްވައިފަ އެވެ. އެގޮތުން 2001 ވަނަ އަހަރުން، 2009 ވަނަ އަހަރަށް ޗެނީ ނައިބު ރައީސްކަން ކުރެއްވިއިރު، އޭނާ އަކީ އެމެރިކާގެ ތާރީޚުގައި އެންމެ ބާރު ގަދަ ނައިބު ރައީސްގެ ގޮތުގައި ފާހަގަ ކުރެވުނު ފަރާތެވެ.
ޗެނީ އަވަހާރަވީއިރު ގެންދެވީ ހިތުގެ އާލާސްކަންފުޅަށް ފަރުވާ ހޯއްދަވަމުންނެވެ. އެގޮތުން ހިތުގެ ލޭ ހޮޅިތަކާއި، ހިތާ ގުޅުން ހުރި ބައެއް އެހެން ކަންކަމަށް ފަރުވާ ހޯދަމުން ގެންދެވި ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
ޗެނީގެ އާއިލާ އިން ބުނެފައި ވަނީ އޭނާ އަވަހާރި ވަގުތު، އުމުރުން 61 އަހަރުގެ ޗެނީގެ އަނބިކަނބަލުންނާއި، އޭނާގެ ބޭފުޅުން އަދި އާއިލާގެ އެހެން މެމްބަރުން ވެސް އަރިހުގައި ތިއްބެވި ކަމަށެވެ. އާއިލާ އިން ބުނީ ޗެނީ އަކީ، ދަރިންނާއި، ދަރީންގެ ދަރިން ދެކެ ލޯބިވާ އަދި ޤައުމު ދެކެ އިންތިހާ އަށް ލޯބިވާ ބޭފުޅެއް ކަމަށެވެ. އަދި އޭނާ އަކީ ހިތްވަރާ އެކު މަސައްކަތް ކުރެއްވި، ޝަރަފުވެރި ޝަޚުސިއްޔަތެއް ކަމަށް ވެސް ފާހަގަ ކޮށްފައިވެ އެވެ.
ނަމަވެސް ޗެނީ އަކީ، އެމެރިކާ އަދި ދުނިޔޭގެ އެކި ކަން ކޮޅު ތަކުގައި ވަރަށް ބޮޑު ނުރުހުމަކާ ވެސް ކުރިމަތިލައްވާން ޖެހުނު ސިޔާސީ ލީޑަރެކެވެ. ޚާއްސަކޮށް ނައިބު ރައީސްގެ ބާރުތައް ފުޅާކޮށް، އިރާޤާ ދެކޮޅަށް ކުރިއަށް ގެންދިޔަ ހަނގުރާމަ ލީޑު ކުރެއްވީ ޗެނީ އެވެ. އެގޮތުން 2003 ވަނަ އަހަރު އިރާޤު ހަނގުރާމަ ފެށުމުގެ ކުރިން، އިރާޤުގައި ހުރި ކަމަށް ބުނާ ބޮޑެތި ހަތިޔާރުތަކާ ބެހޭ ގޮތުން ބުޝްގެ ވެރިކަމުގައި އެންމެ ގަދަ އަށް ވާހަކަ ދެއްކެވީ ވެސް ޗެނީ އެވެ.
އެހެން ނަމަވެސް، އެ ފަދަ ހަތިޔާރެއް އެއްވެސް ދުވަސް ވަރެއްގައި ފެނިފައި ނުވެ އެވެ. އެކަމާ ގުޅިގެން ޗެނީ ވިދާޅުވެފައި ވަނީ، އެ ވަގުތު ލިބުނު އިންޓެލިޖެންސް މައުލޫމާތުގެ މައްޗަށް ބިނާކޮށް އޭރު ނިންމީ ރަނގަޅު ނިންމުމެއް ކަމަށާއި، އެކަމުގެ ސަބަބުން އިރާޤުގެ ރައީސް ސައްދާމް ޙުސެއިން ވެރިކަމުން ދުރު ވެސް ކުރެވުނު ކަމަށެވެ.
ބުޝްގެ ވެރިކަމުގެ ދައުރަށް ފަހު، އޭގެ އަހަރު ތަކެއް ފަހުން އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ އެންމެ ބޮޑު އަމާޒަކަށްވީ ޗެނީ އެވެ. ޚާއްސަކޮށް އޭނާގެ ދަރިފުޅު ލިޒް ޗެނީ ވަނީ ރިޕަބްލިކަން ޕާޓީގެ ތެރެއިން، ޓްރަމްޕް އަށް ވަރަށް ބޮޑެތި ފާޑު ކިޔުންތައް އަމާޒު ކޮށްފަ އެވެ.
2020 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުން ބަލިވުމަށް ފަހު، ވެރިކަމުގައި ދެމި ހުރުމަށް 2021 ވަނަ އަހަރުގެ ޖަނަވަރީ މަހުގެ ހަ ވަނަ ދުވަހު، ޓްރަމްޕް އިސްވެ ހުންނަވައި ކެޕިޓޯލްގައި ހިންގި ހަމަ ނުޖެހުންތައް ބަލައި ދިރާސާ ކުރި އިސް ފަރާތަކީ ވެސް ޗެނީގެ ދަރިފުޅެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ޗެނީ ވަނީ ރިޕަބްލިކަން ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ޓްރަމްޕް އަށް ތާއީދު ނުކުރައްވައި، ޑިމޮކްރަޓިކް ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އަށް ތާއީދު ކުރައްވައި، އޭނާ އަށް ވޯޓު ދެއްވާނެ ކަމަށް ހާމަ ކުރައްވައިފަ އެވެ.
ޗެނީ އަވަހާރަވެފައިވާއިރު، އޭނާގެ ޙަޔާތުގައި ވަރަށް ގިނައިން ހިތުގެ މައްސަލަތަކާ ކުރިމަތިލައްވާން ޖެހުނެވެ. ޗެނީ އަށް އެންމެ ފުރަތަަމަ ހާޓް އެޓޭކެއް ޖެހުނީ އޭނާގެ އުމުރުފުޅުން 37 އަހަރުގަ އެވެ. މީގެ އިތުރުން 2012 ވަނަ އަހަރު ޗެނީ ވަނީ ހިތުގެ ޓްރާންސްޕްލާންޓެއް ވެސް ހައްދަވައިފަ އެވެ.