އެމެރިކާގެ ކުރީގެ ރައީސް ޖޯ ބައިޑަން ޖަލަށް ލާން ޖެހޭ ކަމަށާއި، އޭނާ އަކީ ބޮޑު ނާކާމިޔާބު މީހެއް ކަމަށް އެމެރިކާގެ މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ޓްރަމްޕް އޭނާގެ ޓުރުތު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓުގައި ލިޔުއްވާފައި ވަނީ، އޭނާ އަކީ ކުށްވެރިއެއް ކަމަށާއި، އޭނާ ޖަލަށް ލާން ޖެހޭ ކަމަށެވެ. އެއްވެސް މީހެއްގެ ނަން އެ ޕޯސްޓުގައި ޓްރަމްޕް ހިމަނުއްވާފައި ނެތް ނަމަވެސް، އެއީ ކުރީގެ ރައީސް އަދި އޭނާގެ ވާދަވެރިޔާ ބައިޑަން އަށް ނިސްބަތް ކުރައްވާ ކުރެއްވި ޕޯސްޓެއް ކަމަށް ރިޕޯޓު ކޮށްފައިވެ އެވެ.
ބައިޑަން އަށް ނިސްބަތް ކުރައްވައި އެ ޕޯސްޓުގައި ޓްރަމްޕް ވިދާޅުވީ، އޭނާ އަކީ ބޮޑު ފެއިލިއާއެއް ކަމަށެވެ. އަދި ބޭރުން ވެސް، އެތެރެއިން ވެސް ބައިޑަން އަކީ ރީތި މީހެއް ނޫން ކަމަށް ޓްރަމްޕް ވިދާޅުވި އެވެ. އެކަން ފާހަގަ ކުރައްވައި ޓްރަމްޕްގެ ޕޯސްޓުގައި ވިދާޅުވެފައި ވަނީ، ބައިޑަން ބަލި ކޮށްލި މީހަކީ އޭނާ ކަމަށެވެ. އަދި މިހާރު އިތުރަށް ބައިޑަން ހާސްވެފައި ހުންނަ ތަން ފެނުމަކީ އޭނާ ލޯބި ކުރާ ކަމެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕްގެ އެ ޕޯސްޓުގައި ވަނީ ޖަސްޓް ދަ ނިއުސްގެ ލިޔުމެއް ލިންކު ކުރައްވައިފަ އެވެ. އެގޮތުން ބައިޑަންގެ ވެރިކަމުގެ ހުވާ ކުރެއްވުމުގެ ކުރިން ކެޕިޓޯލްގައި ހިނގި ހަމަލާއާ ގުޅިގެން ހިންގި ތަހުގީގަކީ ރަނގަޅު ހެކިތަކަކާއި، ޤާނޫނީ އަސާސް ތަކެއް ނެތި ކުރިއަށް ގެންދިޔަ ތަހުގީގެއް ކަމަށް ބުނެފައިވެ އެވެ.
މި މަޝްހޫރު ތަހުގީގު ހިންގީ ސްޕެޝަލް ކައުންސެލް ޖެކް ސަމިތުގެ ބެލުމުގެ ދަށުންނެވެ. އެ ތަހުގީގު ނިމުނީ 2020 ވަނަ އަހަރުގެ އިންތިޚާބުގެ ނަތީޖާ ބަދަލު ކުރަން ޓްރަމްޕް މަސައްކަތް ކުރި ކަމަށް ތުހުމަތު ކުރުމަށް ފަހު އެވެ. އަދި އޭނާއާ ދެކޮޅަށް ދައުވާ ތަކެއް ވެސް ކުރުމަށް ނިންމައިގެންނެވެ.
އެ މައްސަލައިގައި ޓްރަމްޕްގެ މައްޗަށް ދައުވާ ތަކެއް ކުރެވޭނެ ކަމަށް ބެލެވުނު ނަމަވެސް، 2024 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބުގައި ޓްރަމްޕް ކާމިޔާބު ހޯއްދެވުމާ ގުޅިގެން އެ މައްސަލަ ބާތިލު ކުރެވުނުއިރު، އެ ދައުވާ ތަކުން ޓްރަމްޕް ވަނީ ސަލާމަތްވެ ވަޑައިގެންފަ އެވެ.
ހައުސް ޖުޑިޝަރީ ކޮމެޓީގެ ޗެއާމަން އަދި ޓްރަމްޕްގެ ވަފާތެރި ސަޕޯޓަރެއް ކަމަށްވާ ޖިމް ޖޯޑަން ވިދާޅުވެފައި ވަނީ، އެފްބީއައިގެ ޑިރެކްޓަރު ކޭޝް ޕަޓެލްގެ ފަރާތުން ލިބުނު ލިޔުމަކުން، އެ ތަހުގީގަކީ ޤާނޫނީ ގޮތުން ވަރަށް ދަށް ފަންވަރެއްގެ ތަހުގީގެއް ކަމަށް ސާބިތުވާ ކަމަށެވެ.
ހަމަ އެހެންމެ، އެ ތަހުގީގަކީ ޓްރަމްޕް އަށް ހަމަލާ ދިނުމާއި، ޓްރަމްޕްގެ އިއްޒަތް ގެއްލުވާލުމާއި އަދި އަދުލު އިންސާފުގެ ނިޒާމު ހަތިޔާރަކަށް ބޭނުން ކުރުމުގެ ގޮތުން ސިޔާސީ ގޮތުން ހިންގި ތަހުގޫގެއް ކަމަށް ޤަބޫލު ކުރައްވާ ކަމަށް ވެސް ޖޯޑަން ވިދާޅުވި އެވެ.
ސިޔާސީ މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި އެ މައްސަލައިގެ ސަބަބުން ޓްރަމްޕް އާއި ބައިޑަންގެ ސިޔާސީ ވާދަވެރިކަން ވަނީ ބޮޑުވެފަ އެވެ. އެގޮތުން ޓްރަމްޕް ދެ ވަނަ ދައުރަކަށް ވެރި ކަމަށް ވަޑައިގެންނެވި ފަހުން ވެސް، ބައިޑަން އާއި އޭނާގެ ސަރުކާރާ ދެކޮޅަށް ވަނީ ފާޑު ކިޔުންތައް އަމާޒު ކޮށްފަ އެވެ.
ބައިޑަން އާއި ޓްރަމްޕް އެންމެ ފުރަތަމަ ވާދަކުރެއްވީ 2019 ވަނަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގަ އެވެ. އެ އިންތިޚާބުގައި ދެ ވަނަ ދައުރެއް ހޯއްދެވުމަށް ޓްރަމްޕް މަސައްކަތް ކުރެއްވި ނަމަވެސް، ބައިޑަން ވަނީ ޓްރަމްޕްގެ މައްޗަށް ކުރި ހޯއްދަވައި ވެރިކަމަށް ވަޑައިގެންފަ އެވެ.
އޭގެ ފަހުން 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިޚާބުގައި ބައިޑަން ވަނީ ދެ ވަނަ ދައުރެއް ހޯއްދެއްވުމަށް މަސައްކަތް ކުރައްވައިފަ އެވެ. ނަމަވެސް، ރިޔާސީ ބަހުސްގައި ޓްރަމްޕްއާ ވާދަ ކުރައްވައި ބައިޑަންގެ ފަރާތުން ފެނުނު ދަށް ޕާފޮމަންސްއާ ގުޅިގެން އަމާޒުވި ފާޑު ކިޔުންތަކާ އެކު، ބައިޑަން ވަނީ ރިޔާސީ ރޭހުން ވަކިވެ ވަޑައިގެންފަ އެވެ.