 
                        
                
    
ފަޤީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތަޢާރަފު ކުރުމަށް ދިވެހިރާއްޖޭގެ ޒަކާތު ހައުސްއިން ނިންމައިފި އެވެ.
މި ކާޑު ތަޢާރަފް ވުމުން، ޞިއްޙީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތަޢުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
މިކަންކަމަކީ، އިސްލާމީ ދުނިޔޭގައި ޒަކާތާ ބެހޭ މުއައްސަސާތަކުން އެހީތެރިކަން ފޯރުކޮށްދެމުން ގެންދާ އަސާސީ ކަންކަން ކަމުގައި ފާހަގަކުރެވެ އެވެ.
މި ކާޑު އުފެއްދުމުގެ މަޤުސަދަކީ ރައީސުލްޖުމުހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ދިވެހިރާއްޖޭގެ ޒަކާތު ހައުސް ވަކި އިދާރާއެއްގެ ގޮތުގައި އުފައްދަވާ ޒަކާތު ހައުސްއާއި ހަވާލުކުރައްވާފައިވާ މުހިއްމު މަސްއޫލިއްޔަތުކަމުގައިވާ ފަޤީރުކަމުގައި ތިބި ފަރާތްތައް ތަނަވަސް ޙާލަތަކަށް ގެނައުމަށް އެޅިގެންދާ މުހިއްމު ފިޔަވަޅެއް ކަމަށް ޒަކާތު ހައުސްއިން މައުލޫމާތުދެ އެވެ.
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
 
                        
                
    
