ގެދޮރުވެރިޔާ ސްކީމުން ދޫކުރާ ފްލެޓުތަކުގެ ކުލި ބޮޑު ކޮށް، އެޑްވާންސް ފައިސާ ނެގުމަށް ނިންމި ރައީސް ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން، މި ފްލެޓު ތަކަށް ޑައުންޕޭމަންޓު ނުދެއްކޭ 14 އާއިލާ އަކަށް ޒަކާތު ފަންޑުން ފައިސާ ދައްކާ ދިނުމަށް ނިންމައިފި އެވެ.
ބުރާސްފަތި ދުވަހު، އިސްލާމިކް މިނިސްޓްރީން ބުނީ، ދިވެހި ރާއްޖޭގެ ޒަކާތު ހައުސްއިން އެކުލަވާލާފައިވާ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ރަޖިސްޓްރީވެފައިވާ ބައެއް ފަރާތްތަކަށް، ސޯޝަލް ހައުސިންގެ ތެރެއިން ސަރުކާރުން ދޭ ފްލެޓް/އެޕާޓްމަންޓް ޔުނިޓް ލިބި، އެ ޔުނިޓްތަކަށް ދައްކަންޖެހޭ ޑައުން ޕޭމަންޓް ނުދެއްކިގެން އުޅޭކަން ރާއްޖޭގެ ޒަކާތު ހައުސް ގެ ސަމާލު ކަމަށް އައިސްފައިވާ ކަމަށެވެ.
އެހެންކަމުން މިކަން ޒަކާތު ކައުންސިލަށް ހުށަހަޅައި މަޝްވަރާ ކުރުމަށްފަހު ވަނީ އެ ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައި ދިނުމަށް ނިންމާފައި ކަމަށެވެ.
އެގޮތުން، 14 ފަރާތަކަށް ޑައުން ޕޭމަންޓުގެ ގޮތުގައި ދައްކަންޖެހޭ ޖުމުލަ 340،000 (ތިން ލައްކަ ސާޅީސް ހާސް) ރުފިޔާ ޒަކާތު ފަންޑުން ދައްކައިދޭނެ ކަމަށް މިނިސްޓްރީން ބުނެ އެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ، މި ފައިސާ ޒަކާތު ހައުސް އިން ސީދާ އެ ފަރާތްތަކުގެ އަމިއްލަ އެކައުންޓަކަށް ޖަމާކޮށް ދިނުމުގެ ބަދަލުގައި، ދައްކާނީ ސަރުކާރުގެ ކަމާގުޅުން ހުރި އިދާރާ އަށް ކަމަށެވެ. އަދި އެއަށް ފަހު، އެ ފަރާތްތަކުގެ ދިރިއުޅުމުގެ ހާލަތަށް އަންނަ ބަދަލަށް ރިއާޔަތްކޮށް، ފަގީރުކަމުގެ ހާލަތު އަލުން ރިވިއުކޮށް ބެލުމަށް ހަމަޖެހިފައިވާ ކަމަށް މިނިސްޓްރީން ބުނެ އެވެ.
ރާއްޖޭގެ ޒަކާތު ހައުސްގެ އެއް މަގުސަދަކީ ފަގީރު ކަމުގައި ތިބި ފަރާތްތައް ތަނަވަސް ހާލަތަކަށް ގެނައުމެވެ. އެގޮތުން، ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް "ޒަކާތު ބެނެފެޝިއަރީ ކާޑެއް" ތައާރަފު ކުރުމަށް ޒަކާތު ހައުސްއިން ދަނީ މަސައްކަތް ކުރަމުންނެވެ.
މި ކާޑު ތައާރަފް ވުމުން، ސިއްހީ ޚިދުމަތްތަކަށް އާސަންދަ ސްކީމުގެ ދަށުން ކަވަރުނުކުރާ ޚަރަދުތައް ޒަކާތު ފަންޑުން ކަވަރުކޮށްދިނުމާއެކު، ރަމަޟާންމަހު ކާބޯތަކެތި ގަތުމާއި، ބޯހިޔާވަހިކަމާއި ތައުލީމާ ގުޅުންހުރި އެހީތައް ދަފްތަރުގައި ހިމެނޭ ފަރާތްތަކަށް ލިބިގެންދާނެ އެވެ.
މީގެ އިތުރުން ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނޭ ފަރާތްތަކުގެ ތެރެއިން، ސޯޝަލް ހައުސިންގ ގެ ދަށުން ފްލެޓް ލިބި ޑައުން ޕޭމަންޓް ނުދެއްކި ތިބި، ފަރާތްތަކަށް ޒަކާތު ފަންޑުން ޑައުން ޕޭމަންޓް ދައްކައިދޭން ނިންމާފައިވާއިރު، ގެދޮރުވެރިޔާ ފްލެޓު ތަކުގެ ކުލި ބޮޑުކޮށް، ޑައުންޕޭމަންޓަށް ބޮޑު އަދަދެއް ނެގުމަށް ނިންމީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުންނެވެ.
އެގޮތުން މިހާރު ދެ ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 7000 ރުފިޔާ ދައްކަން ޖެހެ އެވެ.މެއިންޓެނެންސް ފީގެ ގޮތުގައި ދައްކަން ޖެހެނީ މަހަކު 1000 ރުފިޔާ އެވެ. ތިން ކޮޓަރީގެ ފްލެޓަކަށް މަހު ކުލީގެ ގޮތުގައި 9000 ރުފިޔާ ދައްކަން ޖެހެ އެވެ. އަދި މެއިންޓެނެންސް ފީގެ ގޮތުގައި 1500 ރުފިޔާ ދައްކަން ޖެހެ އެވެ.
އެއީ ކޮންމެ މަހެއްގެ ވެސް 10 ގެ ކުރިން ކުލި ދައްކާ ފަރާތްތަކުން ދައްކަންޖެހޭ އަދަދެވެ. އަދި ކޮންމެ މަހެއްގެ 10 ގެ ފަހުން ކުލި ދައްކާ ނަމަ 7،000 ރުފިޔާ ދައްކާ ދެ ކޮޓަރީގެ ފްލެޓަކަށް %100 އަށް ވުރެ ބޮޑު ޖޫރިމަނާއަކާ އެކު، 15،000 ރުފިޔާ ދައްކަން ޖެހޭނެ އެވެ. އަދި 9،000 ރުފިޔާ ދައްކަން ޖެހޭ ތިން ރޫމް ފްލެޓެއްގެ ކުލި ދެއްކުން ފަސްވެއްޖެ ނަމަ %170 ގެ ޖޫރިމަނާއަކާ އެކު 25،000 ރުފިޔާ ދައްކަން ޖެހޭނެ ކަމަށް އެފްޑީސީން ބުނެފައިވެ އެވެ.
މީގެ އިތުރުން ދެ ކޮޓަރީގެ ފްލެޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 15000 ރުފިޔާ ދައްކަންޖެހޭއިރު، ތިން ކޮޓަރީގެ އެޕާޓުމެންޓަކަށް ސެކިއުރިޓީ ޑިޕޮސިޓުގެ ގޮތުގައި 25000 ރުފިޔާ ދައްކަން ޖެހެ އެވެ.
ގެދޮރުވެރިޔާ ސްކީމުގެ ދަށުން ފްލެޓު ލިބޭ މީހުންނަށް އެ ތަންތަން ސަރުކާރުން ހަވާލު ކުރަނީ 25 އަހަރު ދުވަސް ވަންދެން އެފްޑީސީއަށް ކުލި ދެއްކުމުން މިލްކުވާ ގޮތަށެވެ.
ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ސަރުކާރުގައި ސޮއިކޮށްފައިވާ ފްލެޓު އެއްބަސްވުންތަކުގައި ވާގޮތުން ދެ ކޮޓަރީގެ ކުލީގެ އަގަކީ މަހަކު 5،000 ރުފިޔާ އެވެ. ތިން ކޮޓަރީގެ މަހު ކުލީގެ އަގަކީ މަހަކު 7،000 ރުފިޔާ އެވެ. ޑިޕޮސިޓްގެ ގޮތުގައި ފައިސާ ނެގުމަށް ނިންމާފައި ނުވެ އެވެ.
ފްލެޓުތަކުގެ އަގުތަކަށް ގެނައި ބަދަލާ ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުންފާޅު ކޮށް ކުރީގެ ސަރުކާރުގެ އަގުތަކަށް ތިރި ކޮށްދިނުމަށް އެދިފައިވެ އެވެ. އަދި މުޒާހަރާ ކޮށް އަޑު އުފުލާފައިވެ އެވެ. ނަމަވެސް މި ސަރުކާރުން ރައްޔިތުންގެ އެއްވެސް ކަންބޮޑުވުމަކަށް އިޖާބާ ދީފައިނުވެ އެވެ.
ކުރީ ސަރުކާރު ގައި މި ފްލެޓު ލިބޭ މީހުންގެ ލިސްޓު ފައިނަލް ކުރި ނަމަވެސް މި ސަރުކާރުން މި ފްލެޓުތައް ދޫނުކޮށް ވަނީ ހިފަހައްޓާފަ އެވެ. އަދި 500 އެއްހާ މީހުންގެ އަތުން ފްލެޓު އަތުލާފައިވާ ކަމަށް ވެސް މައުލޫމާތު ލިބެ އެވެ. ބައެއް މީހުންނަށް ތަޅުދަނޑި ހަވާލު ކުރި ނަމަވެސް އަދިވެސް އެތަންތަނަށް ބަދަލު ވެވޭނެ ދުވަހެއް ނޭނގޭ ކަމަށް އެ މީހުން ބުނެފައިވެ އެވެ. ސެޕްޓެންބަރު މަހުގެ ފަހު ކޮޅާއި، މިމަހުގެ ތެރޭގައި ގިނަ ބައެއްގެ އަތުން އެޑްވާންސް ފައިސާ ނަގާފައިވާއިރު، ބައެއް އާއިލާތަކަށް އަދިވެސް ތަޅުދަނޑި ހަވާލުކޮށްފައިނުވާ ކަމުގެ ޝަކުވާ ލިބިފައިވެ އެވެ.