Advertisement
ކ. މާލެ
|
30 އޮކްޓޯބަރ 2025 | ބުރާސްފަތި 13:20
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ
ސީރިއާގެ ރައީސް އަޙުމަދު އަލް ޝަރާ
ރޮއިޓަރސް
ސީރިއާ
ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު ދުނިޔެ އަށް ދެއްވުމާ އެކު، އަލް ޝަރާގެ ތައުރީފު ސައުދީ އަރަބިއްޔާ އަށް
އަލް ޝަރާ ވިދާޅުވެފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލް އައްސަދުގެ ވެރިކަން ވެއްޓުނު ފަހުން، މިހާތަނަށް ސީރިއާ އަށް ގާތް ގަނޑަކަށް 28 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓު އައިސްފައިވާ ކަަމަށެވެ. އަލް ޝަރާ އަންނަނީ ޤައުމުތަކާ ގުޅުން ބަދަހިކޮށް، ސީރިއާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

ސައުދީ އަރަބިއްޔާ އަކީ ވަރަށް މުހިންމު ޤައުމެއް ކަމަށް ވިދާޅުވެ، ސީރިއާގައި އިންވެސްޓު ކުރުމުގެ ދައުވަތު އެ ޤައުމުގެ ރައީސް އަޙުމަދު އަލް ޝަރާ މުޅި ދުނިޔެ އަށް ދެއްވައިފި އެވެ.

ސީރިއާގެ ކުރީގެ ރައީސް ބައްޝާރު އަލް އައްސަދުގެ ވެރިކަން ނިމުމަކަށް ގެނެސް، އެ ޤައުމުގެ ވެރިކަމާ އަލް ޝަރާ ހަވާލުވެ ވަޑައިގެންނެވުމަށް ފަހު، މުޅި ދުނިޔެއާ ގުޅުން ބަދަހި ކުރުމުގެ މަސައްކަތް އަންނަނީ ކުރައްވަމުންނެވެ.

ބުދަ ދުވަހު، ސައުދީގެ ވެރި ރަށް ރިޔާދުގައި ކުރިއަށް ދިޔަ ފިއުޗާ އިންވެސްޓްމަންޓް އިނިޝިއޭޓިވް (އެފްއައިއައި) ކޮންފަރެންސްގައި ސައުދީ އަރަބިއްޔާގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާންއާ އެކު ބައިވެރިވެ ވަޑައިގެންނެވި ސެޝަންގައި އަލް ޝަރާ ވިދާޅުވީ، ޤައުމު ތަކަށް ކުރައްވާ ދަތުރުފުޅުގައި ސައުދީ އަށް ވަޑައިގެންނެވިއިރު، އެ ޤައުމަކީ އެންމެ މުހިންމު ޤައުމު ކަމަށެވެ.

އަލް ޝަރާ ވިދާޅުވީ، ސައުދީ އަރަބިއްޔާ އަކީ ކުރިއެރުމާއި، ސުލްޙަ އަދި ފުޅާ ދާއިރާއެއްގައި ތަރައްޤީ އަށް ވެސް ދަތުރު ކުރަމުން އަންނަ ޤައުމެއް ކަމަށެވެ. ސައުދީގެ ތަޖުރިބާ އާއި ހޯދުން ތަކަކީ އެ ސަރަހައްދުގައި ވަކި ގޮތަކަށް ޚާއްސަ ވެފައިވާ ކަންތައް ތަކެއް ކަމަށް ވެސް އަލް ޝަރާ ވަނީ ވިދާޅުވެފަ އެވެ.

އޭނާ ވިދާޅުވީ ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން ހުށަހަޅުއްވާފައިވާ ވިޝަން ފޮލޯ ކުރަމުން އައިސްފައިވާއިރު، އެއީ ސައުދީ އަރަބިއްޔާގެ ސަރަހައްދަށް އަމާޒުކޮށްގެން، ހަނި ގޮތަކަށް އޮތް ކަމެއް ނޫން ކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. އަދި އެއީ މުޅި ސަރަހައްދު ހިމެނޭ ގޮތަށް އޮތް ކަމެއް ކަމަށާއި، ސައުދީގެ މެސެޖުން އެކަން ސާފުވާ ކަމަށް އަލް ޝަރާ ވަނީ ވިދާޅުވެފަ އެވެ.

މީގެ އިތުރުން އަލް ޝަރާ ވިދާޅުވެފައި ވަނީ 2024 ވަނަ އަހަރުގެ ޑިސެމްބަރު މަހު އަލް އައްސަދުގެ ވެރިކަން ވެއްޓުނު ފަހުން، މިހާތަނަށް ސީރިއާ އަށް ގާތް ގަނޑަކަށް 28 ބިލިއަން އެމެރިކާ ޑޮލަރުގެ އިންވެސްޓްމަންޓު އައިސްފައިވާ ކަަމަށެވެ. އަލް ޝަރާ އަންނަނީ ޤައުމުތަކާ ގުޅުން ބަދަހިކޮށް، ސީރިއާ އަލުން އާރާސްތު ކުރުމުގެ މަސައްކަތް ކުރައްވަމުންނެވެ.

އެކަމާ ގުޅޭ ގޮތުން އިތުރަށް ވާހަކަ ދައްކަވަމުން އަލް ޝަރާ ވިދާޅުވެފައި ވަނީ، ބޭރުގެ އިންވެސްޓަރުންނަށް ފައިސާ ޤައުމުން ބޭރަށް ބަދަލު ކުރެވޭ ގޮތަށް، ސީރިއާ އިން އިންވެސްޓްމަންޓު ޤާނޫނު ތަކަށް އިސްލާހު ވެސް މިހާރު ގެނެސްފައިވާ ކަމަށެވެ. އެއާއެކު، ޤައުމުގެ އިންވެސްޓްމަންޓް ކުރިމަގާ ގުޅޭ ގޮތުން ބައެއް ނޫސްވެރިން ވަނީ އަލް ޝަރާއާ ސުވާލު ކޮށްފަ އެވެ.

އެ ސުވާލަށް ޖަވާބު ދެމުން އަލް ޝަރާ ބޭނުން ކުރައްވާފައި ވަނީ، ޢަރަބި ބަހުގެ މަޝްހޫރު ބުނުމެކެވެ. އެގޮތުން އަލް ޝަރާ ވިދާޅުވީ ކޮންމެ ދުވަހަކު އޭނާ އަށް ކާން ދިނުމުގެ ބަދަލުގައި، ޝިކާރަ ކުރާނެ ގޮތް ދަސްކޮށްދިނުމަށެވެ. އެކަން ފާހަގަ ކުރައްވައި އޭނާ ވިދާޅުވީ ސީރިއާގައި ހުރި ފުރުސަތު ތަކަކީ ވަރަށް ބޮޑު ފުރުސަތު ތަކެއް ކަމަށެވެ. އަދި ހުރިހާ އެންމެނަށް ބޭނުން ކުރެވޭ ފުރުސަތު އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.

ވެރިކަމަށް ވަޑައިގެންނެވުމަށް ފަހު އެތައް މަސައްކަތެއް ކޮށްފައިވާކަން ފާހަގަ ކުރައްވައި އަލް ޝަރާ ވިދާޅުވީ، ސީރިއާގެ ސަބަބުން މިއަދު މުޅި ދުނިޔެ އަށް ވެސް ވަރަށް ބޮޑު ފައިދާއެއް ލިބޭނެ ކަމަށް ޤަބޫލު ކުރައްވާ ކަމަށެވެ. އޭނާ ވިދާޅުވީ ސީރިއާ އަކީ މުހިންމު ވިޔަފާރީގެ މަރުކަޒަކަށް ވާނެ ކަމަށް ވެސް ޤަބޫލު ކުރައްވާ ކަމަށެވެ.

ސީރިއާގެ ރައީސް އަލް ޝަރާ މި ވާހަކަތައް ދައްކަވާފައި ވަނީ، ސައުދީގެ ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން އާއި، ޑޮނަލްޑް ޓްރަމްޕް ޖޫނިއާ އަދި ބައިނަލްއަޤުވާމީ އޮފިޝަލުން ބައިވެރިވެ ވަޑައިގެންނެވި މުހިންމު އިންވެސްޓަރުންގެ ބައްދަލުވުމެއްގަ އެވެ.

ދިހަ އަހަރަށް ވުރެ ދިގު މުއްދަތަކަށް ދެމިގެން ދިޔަ ހަނގުރާމައިގައި އެތައް ހާސް ބަޔަކު މަރުވެ، އެތައް މިލިއަން މީހުން ވަނީ ޤައުމު ދޫކޮށް ބަދަލުވެފަ އެވެ. ސީރިއާގެ އެތައް ސިޓީ ތަކެއް ހަލާކުވެފައިވާއިރު، މިހާރު ސީރިއާ އިން ވަނީ ފުނޑު ފުނޑުވެފައިވާ އިޤްތިޞާދު އަލުން އާރާސްތު ކުމުގެ މަސައްކަތް ފަށައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް