ނޫސްވެރިޔާ ޖަމާލު ޚަޝޯގީ މަރާލުމަކީ 'ގޯހެއް' ކަމަށް އެމެރިކާ ދަތުރުފުޅުގައި ސައުދީ ވަލީ އަހުދު އަދި ބޮޑުވަޒީރު މުހައްމަދު ބިން ސަލްމާން ވިދާޅުވެއްޖެ އެވެ.
އެމްބީއެސް ނަމުން އާންމު ކޮށް މުޚާތަބު ކުރާ، ވަލީ އަހުދު މުޙައްމަދު ބިން ސަލްމާން، އަންގާރަ ދުވަހު ވައިޓް ހައުސްއަށް ވަޑައިގަތުމުން އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަރުޙަބާ ވިދާޅުވީ ދައުލަތެއްގެ އެންމެ މަތީ ވެރިޔެއްގެ ފެންވަރުގައެވެ.
ދެ ބޭފުޅުން އޯވަލް އޮފީހުގައި ދެއްވި ވާހަކަފުޅުގައި، ވަލީ އަހުދު ކުއްލި އަކަށް އިއުލާނު ކުރެއްވީ، އެމެރިކާ އަށް ސައުދީން ކުރިން އިންވެސްޓްމަންޓުގެ ގޮތުގައި ދިނުމަށް ކަނޑައެޅި 600 ބިލިއަން ޑޮލަރު، 1 ޓްރިލިއަނަށް އިތުރުކުރައްވާނެ ކަމަށެވެ.
ވަލީ އަހުދުގެ މި ދަތުރުފުޅަކީ ސައުދީ އެޖެންޓުންގެ ބައިވެރިވުމާއެކު 2018 ވަނަ އަހަރު ވޮޝިންޓަން ޕޯސްޓްގެ ނޫސްވެރިޔާ ޖަމާލް ޚަޝޯގީ މަރާލުމުގެ ހާދިސާ އަށް ފަހު އެމެރިކާ އަށް ކުރައްވާ ފުރަތަމަ ދަތުރެވެ. އެމެރިކާގެ އިންޓެލިޖެންސް ޚިދުމަތްތަކުން ކުރި ތަހުގީގުގައި ނިންމީ އެ ހާދިސާގައި ބައިވެރިވި ސައުދީ އެޖެންޓުން އަމަލު ކުރަމުން ގެންދިޔައީ ވަލީ އަހުދުގެ އަމުރުފުޅުގެ މަތިން ކަމަށް ބެލޭ ކަމަށެވެ.
އޯވަލް އޮފީހުގައި ނޫސްވެރިންނަށް ޓްރަމްޕް ގެ ޚާއްސަ މެހެމާނާ ބެހޭގޮތުން ވިދާޅުވީ: "އޭނާ ކުރައްވާފައިވާ މަސައްކަތްތަކަށް ވަރަށް ބޮޑަށް ފަޚުރުވެރިވާ،" ކަމުގައެވެ. އެ ގޮތުން އިންސާނީ ހައްގުތަކުގެ ރޮނގުންނާއި އެހެނިހެން ރޮނގުތަކުން އެމްބީއެސް ކުރައްވަމުން ގެންދަވަނީ ހައިރާންވާ ފަދަ މަސައްކަތެއް ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
އެމްބީއެސް އާއި ޓްރަމްޕް އުފާވެރިކަމާ އެކު އިންވެސްޓްމަންޓްތަކާ ބެހޭގޮތުން ވާހަކަދައްކަވަމުން ގެންގޮސް ސުވާލު ކުރުމަށް ދެއްވި ފުރުސަތުގައި އެމެރިކާގެ ރިޕޯޓަރަކު 2018 ވަނަ އަހަރު ތުރުކީގައި ހުންނަ ސައުދީ ކޮންސިއުލޭޓެއްގައި ޚަޝޯގީ މަރާލި ހާދިސާ އާ ބެހޭގޮތުން ޕްރިންސް އަށް ސުވާލު ކުރުމުން މާޙައުލު ވަރަށް ބޮޑަށް ނުތަނަވަސް ވެގެން ދިޔަ އެވެ.
ސުވާލަށް ޖަވާބު ދެއްވަން ފެއްޓެވީ ވެސް ޓްރަމްޕް އެވެ. ޓްރަމްޕް ވިދާޅުވީ ޚަޝޯގީ އަކީ ވަރަށް ގިނަ މީހުންނަށް ކަމުނުދާ މީހެއް ކަމަށާއި، "ކޮންޓްރޮވާޝަލް" މީހެއް ކަމަށެވެ. އަދި އެނާގެ މަރާ ބެހޭ ގޮތުން ޕްރިންސް އަށް މާ ބޮޑު އެއްޗެއް އެނގިވަޑައި ނުގަންނަވާ ކަމަށް ޓްރަމްޕް ވިދާޅުވިއެވެ.
ޚަޝޯގީ މަރާލާ އޭނާގެ ގުނަވަންތައް ވަކިކޮށްލި އަނިޔާވެރި ހާދިސާ އަކީ މުޅި ދުނިޔެ އަށް ސިހުން ގެނުވި ހާދިސާ އެކެވެ. އެހާދިސާ ހިނގީ ވަރަށް ބޮޑަށް ރާވައިގެން އޭނާ ތުރުކީ ގައި ހުންނަ ސައުދީ ކޮންސިއުލޭޓަށް އެޕޮއިންޓްމަންޓަކަށް ގެންގޮސްގެންނެވެ.
ނޫސްވެރިޔާގެ ސުވާލަށް ޕްރިންސް މުޙައްމަދު ވިދާޅުވީ، އެއީ ވޭނުން ފުރިފައިވާ ކަމެއް ކަމަށާއި އަދި މިފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމަށް ކުރެވެން ހުރި ހުރިހާ މަސައްކަތެއް ކުރައްވަމުން ގެންދަވާ ކަމަށެވެ.
ސުވާލު ކުރި ރިޕޯޓަރަށް ޓްރަމްޕް ބަހުގެ ހަމަލާދީ، ވިދާޅުވީ ތިޔައީ ޕްރިންސް ލަދު ގަންނަވާލަން ކުރި ކަމެއް ކަމަށެވެ.