Advertisement
ކ. މާލެ
|
27 އޮކްޓޯބަރ 2025 | ހޯމަ 13:03
އެމްޑީޕީން ބޭއްވި އޯޕެން މައިކް ސެޝަން ގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ
އެމްޑީޕީން ބޭއްވި އޯޕެން މައިކް ސެޝަން ގައި ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވާހަކަ ދައްކަވަނީ
ރާއްޖެއެމްވީ
މުހައްމަދު ނިޝާން
މުއިއްޒުގެ ސަރުކާރުން ގާނޫނު ތަކަށް ބަދަލު ގެންނަމުން ދަނީ އެއްވެސް ގާނޫނީ ހަމައަކަށް ބެލުމެއް ނެތި: ނިޝާން
އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ވަރުގެ ބާރު ރައްޔިތުންގެ މަޖިލީހުން ޕާޓީ އަށް ލިބުނު
ރައްޔިތުންނަށް ދެރަވާ ގޮތަށް، ރައްޔިތުންގެ ހައްގުތައް ހަނިވާ ގޮތަށް ގާނޫނަށް މި ސަރުކާރުން ދަނީ ބަދަލުތައް ގެންނަމުން
މި ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނު އަސާސީގެ ބާރު ކެނޑޭ ގޮތަށް

ރައީސުލްޖުމްހޫރިއްޔާ ޑރ.މުހައްމަދު މުއިއްޒުގެ ސަރުކާރުން ގާނޫނު ތަކަށް ބަދަލު ގެންނަމުން ދަނީ އެއްވެސް ގާނޫނީ ހަމައަކަށް ބެލުމެއް ނެތި ކަމަށް ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް ވިދާޅުވެއްޖެ އެވެ.

އާދިއްތަ ދުވަހުގެ ރޭ އެމްޑީޕީން ބޯހިޔާވަހި ކަމުގެ މައްސަލަ އާ ގުޅިގެން ބޭއްވި އޯޕެން މައިކް ސެޝަން ގައި، ރާއްޖޭގެ ހުރިހާ ތަރައްގީގެ މަޝްރޫއެއް މި ސަރުކާރުން ހުއްޓުވާފައިވާތީ އެކަމުގެ ކަންބޮޑުވުން ވެސް ފާޅު ކޮށްފައިވެ އެވެ. އަދި ސަރުކާރުތައް ބަދަލުވެގެން ދާއިރު، ކުރީ ސަރުކާރުން ފަށާފައިވާ މަޝްރޫއުތައް ސިޔާސީ ބޭނުމަށްޓަކައި ހުއްޓުވައި، ރައްޔިތުންގެ މަންފާ އަށް ފައިދާ އަށް ބެލުމެއް ނެތި އައު މަޝްރޫއުތައް ފަށައި، ކުރިއަށް ނުގެންދާކަން ހާމަކޮށްފައިވެ އެވެ. އަދި ކުރިއަށް އޮތްތަނުގައި މިގޮތަށް މިކަން ނުކުރެވޭނެ ގޮތަކަށް ފެހި ގާނޫނު އަސާސީ އަށް ބަދަލު ނުގެނެވޭނެތޯ އާއްމުންގެ މީހަކު ސުވާލު ކޮށްފައިވެ އެވެ.

މި ސުވާލަށް ޖަވާބު ދެއްވަމުން ނިޝާން ވިދާޅުވީ ކުއްލި އަކަށް ގާނޫނު އަސާސީ އަށް ބަދަލު ގެނައުމަކީ ބުއްދިވެރި ގޮތެއް ނޫން ކަމަށާއި، ގާނޫނު އަސާސީ އަށް ބަދަލު ގެންނަ ނަމަ ރައްޔިތުންގެ ހިޔާލާ އެކު ދިރާސާ އެއް ހަދަން ޖެހޭނެ ކަމަށެވެ.

ނިޝާން ވިދާޅުވީ އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ގާނޫނު އަސާސީ އަށް ބަދަލު ގެނެވޭ ވަރުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން އެމްޑީޕީ އަށް ލިބުނު ކަމަށާއި، އެފަދަ ކަމެއް ކޮށްފައިނުވާ ކަމަށެވެ. އަދި އެގޮތަށް އެކަން ކުރުމަކީ އެންމެ ރަނގަޅު ގޮތް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.

ނަމަވެސް މި ސަރުކާރަށް ބާރުތައް ލިބުމާއެކު ރައްޔިތުންނަށް ދެރަވާ ގޮތަށް، ރައްޔިތުންގެ ހައްގުތައް ހަނިވާ ގޮތަށް ގާނޫނަށް ބަދަލުތައް ގެންނަމުންދާ ކަމަށާއި، މި ސަރުކާރުން އެ ބަދަލުތައް ގެންނަމުން ދަނީ ގާނޫނީ އެއްވެސް ހަމައަކަށް ބެލުމެއް ނެތި ކަމަށެވެ.

ގާނޫނު އަސާސީއަށް ބަދަލުތަކެއް ގެންނަ ކަމަށްވާނަމަ ނުވަތަ ދުސްތޫރީ އިންފާރާ ކުޅޭ ކަމަށްވާނަމަ އެކަމަށްޓަކައި ރައްޔިތުން އާއްމުވެ ޝަމިލުވާ ގޮތެއްގެ މަތިން އިލްމީ ދިރާސާ ތަކެއް ހަދައި މިކަމަކީ ކޮންމެހެން ކުރަން ޖެހިއްޖެ ކަމެއްގެ ގޮތުގައި ގަބޫލު ކުރެވޭ ގޮތެއްގެ މައްޗަށް މެނުވީ ގާނޫނު އަސާސީއާ ކުޅުމަކީ ހެޔޮވާނެ ކަމެއް ނޫނޭ. އެމްޑީޕީގެ ދެ ސަރުކާރުގައި ވެސް ގާނޫނު އަސާސީއާ ކުޅޭވަރުގެ ބާރު ރައްޔިތުންގެ މަޖިލީހުގެ އަގުލަބިއްޔަތުން އެމްޑީޕީ އަށް ލިބުނު. އެކަމަކު ގާނޫނު އަސާސީއާ ކުޅުމަކީ ބުއްދިވެރިކަމެއް ނޫން ކަމުގައިވާތީ އޭރުގައި އެމްޑީޕީ ސަރުކާރުތަކުން ގާނޫނު އަސާސީއާ ކުޅުމުގެ ވިސްނުން ތަކެއް އަސާސީ ހައްގުތައް ހަނިވާ ގޮތަކަށް ނުގެންގުޅޭ. މި ސަރުކާރަށް ހައްދުފަހަނަ އަޅާވަރުގެ ބާރުތަކެއް ލިބުނީމަ މި ބޭފުޅުން މިކަން ކުރައްވަމުން މިގެންދަވަނީ. ގާނޫނު އަސާސީއަށް ބަދަލު ގެންނަންޖެހޭ ގާނޫނީ ހަމައަކުން ނޫނޭ މި ސަރުކާރުން ގާނޫނުތަކަށް ބަދަލު އެ ގެންނަނީ.

ގާނޫނީ ވަކީލު މުހައްމަދު ނިޝާން އިބްރާހިމް

ނިޝާން ވިދާޅުވީ މި ސަރުކާރުން މަސައްކަތް ކުރަނީ ގާނޫނު އަސާސީގެ ބާރު ކެނޑޭ ގޮތަށް ކަމަށެވެ. ގާނޫނު އަސާސީ ބަދަލުކޮށް، އެ މަސައްކަތްތައް ކުރަމުން ދަނީ ރާއްޖޭގެ ހާލަތު ބަދަލު ވެގެން ނޫން ކަމަށާއި، އެފަދަ އެއްވެސް ހާލަތެއް ނެތް ކަމަށް އޭނާ ވިދާޅުވި އެވެ.

- ކޮމެންޓް