ފަލަސްޠީނުގެ ރައީސް މަޙުމޫދު އައްބާސް ނެތް ޙާލަތެއްގައި، ނުވަތަ ރިޔާސީ މަޤާމު ހުސްވެއްޖެ ޙާލަތެއްގައި، ވަގުތީ ގޮތުން ވެރިކަމާ ހަވާލުވާނީ ނައިބު ރައީސްގެ ގޮތުގައި ކަނޑައަޅުއްވައި ޤަރާރެއް ނެރުއްވައިފި އެވެ.
މިކަން ހާމަކޮށްފައި ވަނީ ފަލަސްޠީނުގެ ވަފާ ނިއުސް އެޖެންސީ އިންނެވެ. އެ ޤަރާރުގައި ބުނެފައިވާ ގޮތުން ރިޔާސީ މަޤާމު ހުސްވެ، ފަލަސްޠީނުގެ ޤާނޫނު ހަދާ މަޖިލިސް އުވިފައިވާ ޙާލަތެއްގައި، ފަލަސްޠީން ލިބަރޭޝަން އޯގަނައިޒޭޝަން (ޕީއެލްއޯ)ގެ އެގްޒެކްޓިވް ނައިބު ރައީސް 90 ދުވަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ރައީސްގެ މަޤާމު އަދާ ކުރައްވާނެ އެވެ.
މީގެ އިތުރުން އެ 90 މުއްދަތުގެ ތެރޭގައި އައު ރައީސަކު އިންތިޚާބު ކުރުމަށް އިންތިޚާބެއް ވެސް ބާއްވަން ޖެހޭނެ އެވެ. ނަމަވެސް، އައު އިންތިޚާބެއް ނުބޭއްވޭ ޙާލަތެއްގައި ފަލަސްޠީން ސެންޓްރަލް ކައުންސިލްގެ ނިންމުމަކުން އެއް ފަހަރު އެ މުއްދަތު އިތުރު ކުރެވިދާނެ ކަމަށް ވެސް ވަނީ ކަނޑައަޅުއްވައިފަ އެވެ.
އެކަމާ ގުޅޭ ގޮތުން ފަލަސްޠީނުގެ ރައީސް އައްބާސް ވިދާޅުވެފައި ވަނީ، އެ ޤަރާރުގެ މަޤުސަދަކީ ފަލަސްޠީނުގެ ސިޔާސީ ނިޒާމު ހިމާޔަތްކޮށް، ޤައުމުގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމާ އެކު، ޤާނޫނީ މުއައްސަސާތައް ދެމެހެއްޓުމެވެ. އަދި ބާރުތައް ވަކި ކުރުމުގެ ނިންމުން ކަށަވަރުކޮށް، މިނިވަން އަދި އިންސާފުވެރި އިންތިޚާބު ތަކެއްގެ ތެރެއިން ވެރިކަން ބަދަލު ކުރުމުގެ އުސޫލު ޚަރުދަނާ ގޮތެއްގައި ހިފެހެއްޓުން ކަމަށް ވެސް އައްބާސް ވަނީ ވިދާޅުވެފަ އެވެ.
ފަލަސްޠީނުގެ ރައީސް އައްބާސް އައު ޤަރާރެއް ނެރުއްވުމާ އެކު، މީގެ ކުރިން 2024 ވަނަ އަހަރު ނެރުއްވާފައިވާ ކުރީގެ ޤަރާރު މިހާރު ބާތިލު ވާނެ އެވެ.