Advertisement
ކ. މާލެ
|
25 އޮކްޓޯބަރ 2025 | ހޮނިހިރު 19:35
ފޭދޫ ރައްޔިތުން އުފާފާޅުކުރަނީ
ފޭދޫ ރައްޔިތުން އުފާފާޅުކުރަނީ
ރާއްޖެއެމްވީ
އައްްޑޫ ސިޓީ
ފޭދޫ ރައްޔިތުން އައްޑޫ ސިޓީގައި ދެމިއޮންނަށް ނިންމައި އުފާފާޅުކުރަން ފަށައިފި
ފޭދޫން ނެގުނު ވޯޓުގައި 1،782 މީހުން އައްޑޫ ސިޓީގެ ދަށުން ވަކިވުމަށް ނުފެންނަ ކަމަށް ވޯޓު ދީފައިވާއިރު 615 މީހުން ފެންނަ ކަމަށް ވޯޓު ދީފައިވޭ
ހޯމް މިނިސްޓަރ އަލީ އިހްސާނާއި ފޭދޫގެ ދެ މެންބަރުން ކެމްޕޭން ކުރީ ފޭދޫ އައްޑޫ ސިޓީއިން ވަކިކުރުމަށް

އައްޑޫ ސިޓީ ކައުންސިލުގެ ދަށުން، ހިންގުން ވަކިކުރަން ބޭނުންވާކަމަށް ހުޅުދޫއާއި މީދޫއިން ނިންމިއިރު، ވަކި ކައުންސިލެއް ހަދަން ބޭނުން ނުުވާކަމަށް ފޭދޫގެ ރައްޔިތުންގެ މެޖޯރިޓީން ނިންމައި އުފާފާޅުކުރަން ފަށައިފި އެވެ.

ހުރިހާ ފޮއްޓެއްގެ ވޯޓު މިހާރު ގުނާ ނިމިފައިވާއިރު، އެ ފޮށިތަކުގެ ނަތީޖާތައް ދައްކާ ގޮތުން ފޭދޫއިން ބޭނުންވަނީ، އައްޑޫ ސިޓީ ކައުންސިލުގެ ދަށުގައި އޮވެ، އިދާރީ ހިންގުން ކުރިއަށް ގެންދާށެވެ. ނަމަވެސް އައްޑޫގެ ގުޅިފައިވާ ރަށްތަކާ ވަކިން އޮންނަ ހުޅުދޫއާއި، މީދޫއިން ބޭނުންވަނީ އެއްފަސްކޮށް އޮންނަ އެ ދެ ރަށުގައި ވަކި ދެ ކައުންސިލެއް ހަދައިގެން އިދާރީ ހިންގުން ކުރިއަށްގެންދާށެވެ.

މި ނަތީޖާއާއެކު ފޭދޫގެ ރައްޔިތުން ދަނީ އުފާ ފާޅުކުރަމުންނެވެ. އެގޮތުން އެ މީހުން ބުނީ މިއީ ފޭދޫގެ ރައްޔިތުން ބޭނުންވާ ގޮތް ކަމަށާއި މި ނަތީޖާއާ މެދު ވަރަށް ހިތްހަމަ ޖެހޭ ކަމަށެވެ. ފޭދޫގެ ނަތީޖާ ދައްކާގޮތުން 1،782 މީހުން ނުފެންނަ ކަމަށް ވޯޓު ދީފައިވާއިރު 615 މީހުން ވޯޓު ދިނީ ފެންނަ ކަމަށެވެ. ވޯޓު ލުމުގެ ހައްގު ލިބިފައިވަނީ 4،368 މީހުންނަށެވެ.

ފޭދޫގައި 5810 މީހުންގެ އާބާދީއެއް އޮންނައިރު ސަރުކާރުން މިކަމުގައި ވަކި ސްޓޭންޑެއް ނެތް ކަމަށް ބުނި ނަމަވެސް ހޯމް މިނިސްޓަރު އަލީ އިހްސާން އާއި ރައްޔިތުން މަޖިލީހުގެ ފޭދޫ އަށް ނިސްބަތްވާ ދެ މެންބަރުން އިބްރާހިމް ދީދީ އާއި އިސްމާއިލް ނިޒާރު ކެމްޕޭން ކުރައްވަމުން ގެންދެވީ ފޭދޫ އައްޑޫ ސިޓީ ކައުންސިލްގެ ދަށުން ހިންގުން ވަކިކުރުމަށެވެ.

- ކޮމެންޓް