އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓްގެ މައްސަލަ އަށް ދާއިމީ ހައްލެއް ލިބޭނެ ކަމަށް އަންދާޒާ ކުރެވެނީ ދޮޅު އަހަރެއްހާ ދުވަހުން ކަމަށް ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު ވިދާޅުވެއްޖެ އެވެ.
ރައްޔިތުންގެ މަޖިލީހުގެ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމެޓީ ގައި ވާހަކަދައްކަވަމުން ނަޖާހު ވިދާޅުވީ އައްޑު އަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލަ ހައްލު ކުރުމަށް މަސައްކަތް ކުރަނީ އެކަމަށް ޚާއްސަ އިސްކަމެއް ދީގެން ކަމަށެވެ.
އަޅުގަނޑުމެންގެ ޓާގެޓަކީ މި އަހަރު އަމަލީ މަސައްކަތް ފެށުން. އެއްކޮށް މަސައްކަތް ނިމޭނެ ކަމަށް އަޅުގަނޑުމެންނަށް އަންދާޒާ ކުރެވެނީ ދޮޅު އަހަރު ދުވަހުން. އެއީ ޖަނަރޭޓަރު ތަކަކީ، ޚާއްސަކޮށް މީޑިއަމް ސްޕީޑުގެ ޕަވަރ ޖަނަރޭޓަރަކީ މެނުފެކްޗަރ ކުރަން ޖެހޭ އެއްޗެއް. އެ އެއްޗެހި އާންމު ކޮށް ހަދާފަ އެއް ނޫން ހުންނަނީ. އެހެން ނަމަވެސް މި އަންނަ އަހަރު އަޅުގަނޑުމެން އޭގެ ދެބައިކުޅަ އެއްބައި ޕަވަރ އެރުވުން އަޅުގަނޑުމެންގެ ޓާގެޓަކީ،
ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރ މުހައްމަދު ނަޖާހު![]()
ނަޖާޙު ވިދާޅުވީ އައްޑޫގެ ކަރަންޓު މައްސަލަ ހައްލު ކުރުމަށް މި ސަރުކާރުން މިހާތަނަށް އައްޑޫއަށް 8 ޖަނަރޭޓަރު ގެންގޮސް ފައިވާ ކަމަށެވެ. އެއާއެކު އައްޑޫ ކަރަންޓު ކެޕޭސިޓީ 12 މެގަވޮޓަށް އިތުރުކޮށްފައިވާ ކަން ނަޖާހު ފާހަގަ ކުރެއްވި އެވެ.
ނަޖާހު ވިދާޅުވީ އަންނަ ރަމަޟާން މަހަށް އިތުރު 1.8 މެގަވޮޓް ޖަނަރޭޓަރެއް އައްޑު އަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ. އަލަށް ގެންދާ 1.8 މެގަވޮޓް އެރުވުމުން ގާތްގަނޑަކަށް 13 މެގަވޮޓް ގެ ކަރަންޓު ޖެނެރޭޓް ކުރެވޭނެ ކަމަށް ވެސް ނަޖާހު ވިދާޅުވި އެވެ.
އައްޑޫގައި 30 މެގަވޮޓްގެ ކަރަންޓު ކެޕޭސިޓީ ގާއިމުކުރުމަކީ މި ސަރުކާރުން ކުރައްވާނެ ކަމެއްކަމުގެ ޔަޤީންކަން ރައީސް ޑރ. މުހައްމަދު މުއިއްޒު ވަނީ މި ފަހުން އައްޑު އަށް ވަޑައިގެން އެ ސިޓީގެ ރައްޔިތުންނަށް ދެއްވާފަ އެވެ. ނަމަވެސް މި މަޝްރޫއު ކުރިއަށް ގެންދާނެ ގޮތުގެ އިތުރު ތަފްސީލެއް ދެއްވާފައެއް ނުވެ އެވެ.
އެންމެ ފަހުން ވެސް އައްޑޫ ސިޓީއަށް ދިމާވެފައިވާ ކަރަންޓުގެ މައްސަލައަށް ހައްލެއް ހޯދުމަށް، ތިނަދޫ ސިޓީގައި ހުރި ދެ ޖެންސެޓް ވަނީ އައްޑޫއަށް ގެންގޮސްފަ އެވެ. މިކަމާއި ގުޅިގެން ތިނަދޫ ރައްޔިތުން ވަނީ ކަންބޮޑުވުން ފާޅުކޮށްފަ އެވެ.