ރައްޔިތުންގެ ޚިޔާލު ހޯދުމަށް އައްޑޫ ގައި ނަގަން ތައްޔާރުވާ ވޯޓާ ބެހޭ ގޮތުން ސަރުކާރުން ވަކި ކޮޅަކަށް ތާއީދު ނުކުރާ ކަމަށް ބުނުމުން މި ވޯޓަކީ އެއްވެސް ހަރުދަނާ ވިސްނުމެއް، ސީދާ މަގުސަދެއް އަދި ރޭވުންތެރިކަމެއް ނެތި ކުރާ ކަމެއްކަމުގައި މޯލްޑިވިއަން ޑިމޮކްރަޓިކް ޕާޓީ - އެމްޑީޕީ އިން ބުނެފިއެވެ.
އައްޑޫ ގައި މި މަހުގެ 25 ވަނަ ދުވަހު ނަގާ އާންމު ޚިޔާލު ހޯދުމުގެ ވޯޓާ ބެހޭ ގޮތުން އަންގާރަ ދުވަހު އެމްޑީޕީ އިން ނެރުނު ބަޔާނެއް ގައި ބުނެފައިވަނީ ރައްޔިތުންނާ ގުޅޭ މުހިންމު ކަންކަމުގައި އަދި ގައުމީ މުހިންމު މައްސަލަތަކުގައި ރައްޔިތުންގެ ހިޔާލު ދެނެގަތުން ނުވަތަ ރައްޔިތުންގެ ބަސް ހޯދުމަކީ، ދިވެހިރާއްޖެ ފަދަ ޑެމޮކްރެޓިކް އުސޫލުން ހިންގާ ޖުމްހޫރީ ދައުލަތެއްގައި ނުހަނު މުހިންމު ކަމެއްކަމަށް މި ޕާޓީން ގަބޫލުކުރާ ކަމަށާއި އެހެން ނަމަވެސް އެކަން ކުރަންވާނީ، ޤާނޫނުއަސާސީގެ 4 ވަނަ މާއްދާގައި ބަޔާންކުރާ ރައްޔިތުންގެ ބާރު އެންމެ ފުރިހަމައަށް ކަށަވަރުކުރުމުގެ ސާފުސީދާ މަގުސަދުގައި ކަމަށްވުމަކީ ލާޒިމު ކަމެއް ކަމުގައި ދެކޭ ކަމުގައެވެ.
"އެހެންނަމަވެސް، މި ފަދަ ވޯޓެއް ނެގުމަށް އިއުލާނުކޮށްފައި މި ވަނީ، ރައްޔިތުންގެ ހިޔާލު ހޯދުމުގެ އާންމު ވޯޓު ނެގުމުގެ ބިލު ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުމުން އެ ބިލު ދިރާސާކުރުމަށާއި، އެ ބިލާމެދު މަޝްވަރާކުރުމަށް އެކަށީގެންވާ ވަގުތާއި ފުރުސަތު ދިނުމުގެ ބަދަލުގައި، އަވަސް އަރުވައިލައިގެން ފާސްކޮށްގެންކަމުގައި ވާތީ، މި ކަމުގައި ސަރުކާރުގެ ރަނގަޅު ނިޔަތެއް ނެތްކަން،" ފާހަގަ ކުރެވޭ ކަމަށް ބަޔާނުގައި ވެއެވެ.
އެ ބިލު މަޖިލީހަށް ހުށަހެޅުމާއެކު، އެ ބިލުގައި ހުރި ކަންބޮޑުވާ ކަންކަން ފާހަގަކޮށް، ކޮންމެހެން ގެންނަންޖެހޭ އިސްލާހުތައް އެމްޑީޕީގެ ޕާލިމެންޓަރީ ގްރޫޕުން ހުށަހެޅި ކަމަށް ވެސް ބަޔާނުގައި ވެއެވެ.
"މި ގޮތުން، ހިޔާލު ހޯދުމުގެ ވޯޓުތަކުގައި، ސަރުކާރަށް ނުވަތަ ރައީސުލްޖުމްހޫރިއްޔާއަށް ބޮޑެތި ބާރުތަކެއް އޮންނަ ގޮތަށް އޮތް މާއްދާތައް ބަދަލުކޮށް، އެ ފަދަ ވޯޓުތައް ނަގަންވާނީ ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ގޮތެއްގެ މަތިންކަމުގައި ހެދުމަށާއި، އަދި ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށް މަސައްކަތްކޮށްފައިވާނެ،" ކަމަށް ބަޔާނުގައި ވެއެވެ.
"އެހެންނަމަވެސް، މިއިން އެއްވެސް އިސްލާހެއް ބަލައިނުގަނެ، ބިލު ފާސްކުރީ ސަރުކާރުން ހުށަހެޅި ގޮތަށެވެ."
މި ކަމުގެ ނަތީޖާއެއްގެ ގޮތުން، އައްޑޫ ސިޓީގެ އިދާރީ ހިންގުމުގެ އޮނިގަނޑު ބަދަލުކުރުމާގުޅޭ ގޮތުން ވޯޓު ނަގާ ދުވަސް އިއުލާނުކުރި ފަހުންވެސް، ސީދާ ރައީސުލްޖުމްހޫރިއްޔާ މުހައްމަދު މުއިއްޒު މި ވަނީ ވޯޓުގެ އެއް ސުވާލު އުނިކުރައްވައިފައި ކަމަށް ބަޔާނުގައި ވެއެވެ.
އެމްޑީޕީ އިން ފާހަގަ ކުރާ ގޮތުގައި އައްޑޫގައި ވޯޓް ނެގުމަށް މިހާރު ކަނޑައަޅައިފައިވާ މުއްދަތަކީ، މި ފަދަ މުހިންމު ކަމެއްގައި ރައްޔިތުންނަށް މައުލޫމާތު ދިނުމަށާއި، ހޭލުންތެރިކުރުމަށާއި އަދި ކެމްޕޭން ކުރުމަށް، އެކަށީގެންވާ މުއްދަތެއް ނޫން ކަމަށެވެ. އަދި އެ ފަދަ ބަދަލަކާގުޅޭ ފުރިހަމަ މައުލޫމާތު ރައްޔިތުންނަށް އެކަށީގެންވާ މިންވަރަށް ފޯރުކޮށްދީފައިނުވާކަން ވެސް ފާހަގަކޮށްފައިވެއެވެ.
އެމްޑީޕީ އިން ބުނެފައިވަނީ މި ދަނޑިވަޅުގައި މި ފަދަ ކަމެއް ކުރުމުގެ ބޭނުމަކީ، ސަރުކާރުން ރައްޔިތުންނަށް ވެފައިވާ ވައުދުތައް ނުފުއްދި އޮތުމާއި، ސަރުކާރުގެ ނާގާބިލުކަމާއި ރައްޔިތުންނާމެދު އަޅައިލުމެއް ނެތުމުގެ ސަބަބުން ރައްޔިތުންގެ ދިރިއުޅުމުގެ ހާލަތު ދުވަހެއް ދުވަހަކަށް ދަށްވަމުންދާ މައްސަލައާ ދުރަށް ރައްޔިތުންގެ ސަމާލުކަން އަނބުރައިލުމަށް ކަމުގައެވެ.
މިހެންކަމުން، މިއީ ދޭދޭ ރަށްތަކުގެ މެދުގައި ޒަމާނުންސުރެ އުފެދިފައި ހުންނަ ބައެއް ކުދިކުދި ނުތަނަވަސްކަމާއި ދެބަސްވުންތައް ފިތުނައާއި ހަސަދައަށް ބަދަލުކޮށްގެން، އެ ކަންކަމުން ސިޔާސީ މަންފާ ހާސިލުކުރަން ސީދާ ރައީސް މުއިއްޒު ކުރައްވަމުންގެންދަވާ ކަމެއްކަންވެސް ފާހަގަކުރެވޭ ކަމަށް ވެސް ބަޔާނުގައި ވެއެވެ.
އިތުރަށް ބަޔާނުގައި ބުނެފައިވަނީ "ލާމަރުކަޒީ ނިޒާމަށް ކުއްލި އެކިއެކި ބަދަލުތައް ގެނެސް، އެ ނިޒާމު މުޅިން ގަޑުބަޑު ކުރަމުންދާ ސަރުކާރަކުން މި ކަން ކުރަން އުޅެނީ، ރައްޔިތުންގެ ބާރު ކަނޑުވައިލައި، މުޅި ދައުލަތުގެ ނިޒާމުތައް ހަރާބު ކުރުމަށް ކަމަށް،" އެމްޑީޕީ އިން ދެކޭ ކަމަށެވެ.
އެމްޑީޕީގެ ބަޔާނުގައި، ރައްޔިތުންގެ ހިޔާލު ހޯދުމަށް ބޭނުންވާ މައްސަލައާމެދު ދުރާލައި ކަނޑައެޅޭ ސާފު ސުވާލެއް ނުވަތަ ސުވާލުތަކެއް ރައްޔިތުންނާ ހަމައަށް ގެނެސްދިނުމަށާއި، އެ ކަންކަމާމެދު ފިކުރުކޮށް، ބަހުސްކޮށް، ފުޅާ ދާއިރާއެއްގައި މަޝްވަރާ ކުރުމަށް އެކަށީގެންވާ ވަގުތު ދިނުމާއެކު، އެކަމުގެ ނަތީޖާއާމެދު ރައްޔިތުން ހޭލުންތެރި ކުރުމަށް ފަހުގައި ނޫނީ އެ ފަދަ ވޯޓެއް ނުނެގުމަށް ސަރުކާރަށް ގޮވާލާ ކަމަަށް ވެސް ބުނެފައިވެއެވެ.