މިއަހަރުގެ އެޕްރީލް 8 ގައި ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އާރްޑީސީ) އާއި ހަވާލުކުރި އައްޑޫ ލިންކް ރޯޑު ޒަމާނީ ފެންވަރަށް ތަރައްގީ ކުރުމުގެ މަސައްކަތް، 7 މަސް ފަހުން ފަށައިފި އެވެ.
މި މަސައްކަތް ފަށާފައިވަނީ، ރައީސް ޑރ. މުޙައްމަދު މުޢިއްޒު އައްޑޫ ސިޓީއަށް ބުދަ ދުވަހު ކުރެއްވި ދަތުރުފުޅުގެ ތެރެއިންނެވެ.
އައްޑޫ ލިންކް ރޯޑުގެ މަސައްކަތް ފައްޓަވައިދެއްވީ އިމާރާތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބެވެ.
އާރްޑީސީއާއި މަސައްކަތް ހަވާލުކުރި ނަމަވެސް މިހާތަނަށް އައި އިރު މި މަޝްރޫއުގެ އަމަލީ މަސައްކަތް ނުފެށިވަނީ މިމަސައްކަތަށް ބޭނުންވާ ސާމާނު ނެތުމުގެ ސަބަބުން ކަމަށް ވަނީ މައުލޫމާތު ލިބިފަ އެވެ. ލިންކް ރޯޑުގެ މަސައްކަތް ފެށި ކަމަށް އިއުލާން ކުރި ނަމަވެސް، މިމަސައްކަތަށް ބޭނުންވާ ސާމާނު އަދި ވެސް ނެތް ކަމަށް ވަނީ މައުލޫމާތުލިބިފަ އެވެ.
ލިންކް ރޯޑުގެ މަޝްރޫއު ދަށުން ޖުމްލަ 12.3 ކިލޯމީޓަރުގެ ސަރަހައްދެއް ހެދުމަށް ވަނީ ހަމަޖެހިފައެވެ. އަދި އައްޑޫގެ މަގު ހެދުމުގެ މަޝްރޫއުގެ ތެރެއިން ސީޓީބީ އަޅާފައިވާ މަގުތަކުގައި ތާރު އެޅުމުގެ މަސައްކަތް ވެސް މި މަސައްކަތުގެ ދަށުން ކުރިއަށް ގެންދާނެ އެވެ. އެގޮތުން 67.58 ކިލޯމީޓަރުގައި ތާރު އަޅާނެ އެވެ.
2028 ގެ ކުރިން، މި މަޝްރޫއު ނިންމަން އަމާޒު ހިފާފައިވާއިރު، ފާއިތުވި ދުވަސްތަކުގައި މިމަގު ބޭނުން ކުރާ ފަރާތްތަކަށް ބޮޑެތި ދަތިތަކާއި ވަނީ ކުރިމަތިވެފަ އެވެ.
އައްޑޫ ލިންކް ރޯޑަކީ 2003 ގައި ބޭނުން ކުރަން ފެށި މަގެކެވެ.