Advertisement
ކ. މާލެ
|
7 ނޮވެންބަރ 2025 | ހުކުރު 10:30
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު
އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު
ރާއްޖެއެމްވީ
ރެސިޑެންސީ ބައި އިންވެސްޓްމެންޓް
ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް މި ސަރުކާރަށް ނެގޭކަށް ނެތް :ރިޔާޒް މަންސޫރު
ރިޔާޒް ވަނީ މިއީ ސަރުކާރުން އޮޅުވާލުމަށް ކުރާ ކަމެއް ކަަމަށް ސިފަކުރައްވާފަ
ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް ހިންގަން މަގު ފަހިވީ 2020 ވަނަ އަހަރުގެ ނޮވެމްބަރު މަހު އެމްޑީޕީ ސަރުކާރުން ގަވާއިދަށް ގެނެސްފައިވާ އިސްލާހުގެ ސަބަބުން
އެމްޑީޕީގެ ޕްލޭނުގައި ދިގު މުއްދަތުގެ ވިސާ ޕްރޮގްރާމާއި އެކު އާ ޓޫރިޒަމް ޕްރޮޑަކްޓްތައް ހިމަނައިގެން އިންޓަރގްރޭޓެޑް ޓޫރިޒަމް ރިސޯޓް ޕްރޮޖެކްޓްތައް ތަރައްގީކުރުން ހިމެނޭ

ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ކްރެޑިޓް މި ސަރުކާރަށް ނެގެން ނެތް ކަމަށް އިކޮނޮމިކް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު އަދި އެމްޑީޕީގެ ކުދި ވިޔަފާރިއާ ގުޅޭ ކޮމެޓީގެ މުގައްރިރު ރިޔާޒު މަންސޫރު ވިދާޅުވެއްޖެ އެވެ.

އިނގިރޭސިވިލާތުގެ ހެންލީ އެންޑް ޕާޓްނާސްއާ އެކު ދިވެހި ސަރުކާރުން "ރެޒިޑެންސް ބައި އިންވެސްޓްމެންޓް ޕްރޮގްރާމް އެއް ފަށާފައިވާ ކަމަށް ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. ރިޔާޒް ވިދާޅުވީ ސަރުކާރުން ވާހަކަ ދައްކާ ގޮތުން މިއީ މި ސަރުކާރުން އިސް ނަގައިގެން ކުރި ކަމެއް ކަމަށް ދޭހަވީ ނަމަވެސް ހަގީގަތަކީ އެއީ ނޫން ކަމަށެވެ. އެ ޕްރޮގްރާމް ހިންގަން މަގު ފަހިވީ ނިމިދިޔަ ސަރުކާރުން ޤާނޫނަށް ގެނެސްފައިވާ ބަދަލުގެ ސަބަބުން ކަމަށް ރިޔާޒް ވިދާޅުވި އެވެ. އެކަމާއި މެދު އޭނާ ވަނީ އެކްސްގައި ޕޯސްޓެއް ކުރައްވާފަ އެވެ.

މިކަމާއި ގުޅިގެން ރާއްޖެ އެމްވީ އަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ އެމްޑީޕީ ސަރުކާރުން އެކަމާއި ގުޅޭ އިސްލާހެއް ގަވާއިދަށް ގެނެސްފައިވާ ކަމަށެވެ. ރެސިޑެންޓް ކޯޕަރޭޓް ވިސާ ޤާނޫނުގައި ހިމެނީ އެމްޑީޕީ އިން ކަމަށް އޭނާ ވިދާޅުވިއެވެ. އެ ގަވާއިދު ގެޒެޓްކޮށްފައި ވަނީ މީގެ 5 އަހަރު ކުރިން 2020 ވަނަ އަަހަރުގެ ނޮވެމްބަރު މަހު ކަމަށް މަންސޫރު ވަނީ ވިދާޅުވެފައެވެ. އެ ބަދަލު ގެނެސްފައި ވަނީ ކޮވިޑްގެ ދުވަސްވަރު ކަމަށް ވެސް އޭނާ ވަނީ ވިދާޅުވެފަ އެވެ.

ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމްގެ ތެރެއިން ދުނިޔޭގެ ލެވެލްގައި ފާހަގަކޮށްލެވޭ އިންވެސްޓަރުންނަށް ރާއްޖޭގައި ދިގު މުއްދަތަށް ދިރުއުޅުމަށް މަގު ފަހިވާނެ އެވެ. އަދި އެ ފަރާތްތަކާ އެކު އެކުލަވާލާ އެއްބަސްވުންތަކަކީ ދިގު މުއްދަތަކަށް އެކުލަވާލާ އެއްބަސްވުންތަކަކަށް ވެގެންދާނެ އެވެ.

"އެހެންވީމަ، 5 އަހަރު ކުރިން އެހެން ދައުރެއްގައި ކޮށްފައިވާ ކަމަކަށް އަހަރެމެން އާ ކަމެއްގެ ގޮތުގައި ދައްކައިގެން ނުވާނެ." ރިޔާޒް ވިދާޅުވި އެވެ.

ރިޔާޒް ވިދާޅުވީ ދިގު މުއްދަތަށް ރެޒިޑެންސީ ހޯދަން ބޭނުންވާ އިންވެސްޓަރުން އެބަ ތިބި ކަމަށެވެ. އެހެންނަމަވެސް އެމްޑީޕީ ޕްލޭނަކީ ހަމައެކަނި ދިގު މުއްދަތުގެ ވިސާ ޕްރޮގްރާމެއް ހުޅުވުން ނޫން ކަމަށް އޭނާ ވިދާޅުވި އެވެ. އެކަމަކު ވިސާ ޕްރޮގްރާމާއެކު ޓާގެޓް ގްރޫޕަށް އިންވެސްޓްކުރަން ޝައުގުވެރިވާނެ އާ ޓޫރިޒަމް ޕްރޮޑަކްޓްތައް ހިމެނުމާއި އެ މީހުން ރާއްޖެއަށް ގެނައުމަށް ހިތްވަރުދިނުމަށް ވިސްނާފައިވާނެ ކަމަށް ރިޔާޒް ވިދާޅުވި އެވެ.

"އަލަކަށެއް ނޫން. އެމްޑީޕިީން ކުރާ ކަންކަން މި ސަރުކާރުން ދައްކާ އާ ކަންކަމުގެ ގޮތުގައި. މިއީ މާ ހައިރާންވާން ޖެހޭ ކަމެއް ނޫން. މިއީ ސަރުކާރުން ކުރާ ކަމެއް." އޭނާ ވިދާޅުވިއެވެ.

ރިޔާޒް އިތުރަށް ވިދާޅުވީ ހއ. ދައްޕަރު (ހއ. ފިއްލަދޫއާ ގާތުގައި) އަކީ އެމްޑީޕީ ސަރުކާރުން ފުރަތަމަ ފަހަރަށް އިންޓަރގްރޭޓެޑް ޓޫރިޒަމް ރިސޯޓް ޕްރޮޖެކްޓެއް ތަރައްގީކުރުމަށް ވިސްނި ތަންތަން ކަމަށެވެ. މީގެ އިތުރުން 2024 އޭޕްރީލްގައި، އެދުވަސްވަރުގެ ޓޫރިޒަމް މިނިސްޓަރު ފައިސަލް އިންޓިގްރޭޓެޑް ޓޫރިޒަމަށް ހުރި ފުރުސަތުތައް ބެލުމަށް ހއ. ދައްޕަރަށް ޒިޔާރަތްކުރެއްވި ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ނަމަވެސް އެތަނަށް ވަޑައިގެން ކުރެއްވި ޓްވީޓް ވެސް އޭނާ ފަހުން ޑިލީޓް ކުރެއްވިކަމަށް ރިޔާޒް ވިދާޅުވިއެވެ.

މީގެ އިތުރުން 2025ގެ އޮގަސްޓް މަހު ރެސިޑެންސީ ބައި އިންވެސްޓްމެންޓް ޕްރޮގްރާމް އާއި މެދު ވާހަކަ ދައްކާފައިވާ ކުންފުންޏަކީ ކުރިން އެމްޑީޕީ ސަރުކާރުން ވެސް އެކަމާއި މެދު މުއާމަލާތު ކުރަމުން އައި ކުންފުނިކަން ރިޔާޒް ފާހަގަކުރެއްވިއެވެ. ރިޔާޒް ވަނީ މިއީ ސަރުކާރުން އޮޅުވާލުމަށް ކުރާ ކަމެއް ކަަމަށް ސިފަކުރައްވާފަ އެވެ.

- ކޮމެންޓް