ސަރުކާރުން އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދެވޭނެ ފެންވަރެއް މި ސަރުކާރުގައި ނެތް ކަމަށާއި، ރިކަަރަންޓް ހަރަދު ފޫބެއްދުމަށްޓަކައި އަންނަ އަހަރު ވެސް ފައިސާ ޗާޕުކުރާނެ ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ވިދާޅުވެއްޖެ އެވެ.
ޕީއެންއެފް ފްރަންޓް އޮފީސް ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ ފަސް ހަފްތާ ތެރޭގައި އަމިއްލަ ކުންފުނިތަކަށް ފައިސާ ދޭނެ ކަމަަށް ވިދާޅުވި ނަމަވެސް އެކަމެއް ނުވި ކަމަށާއި، ނުވެސް ވާނެ ކަމަށެވެ. ރައީސް ޔާމީން ވިދާޅުވީ 5 ހަފްތާ ތެރޭގައި އަމިއްލަ ވިޔަފާރިވެރިންނަށް ފައިސާ ދޭނީ ބޮޑު ހަފްލާއެއްގެ ތެރޭގައި ކަމަށް ރައީސް މުއިއްޒު ވިދާޅުވި ނަމަވެސް ފެނިގެން ދިޔައީ ބިޑަކާ ނުލާ 206 މަޝްރޫއެއް ޕީއެންސީގެ މެންބަރުންގެ މަސްލަހަތު އޮންނަ ކުންފުނިތަކަށް ދިން މަންޒަރު ކަމަށެވެ.
މިދިޔަ އޮކްޓޯބަރު މަހުގެ 2 ވަނަ ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވެފައިވަނީ 17 ނޮވެމްބަރު 2023 ގައި ސަރުކާރު ހިންގުމާ ހަވާލުވެވަޑައިގެންނެވި އިރު، ދިވެހި ވިޔަފާރިތައް މެދުވެރިކޮށް މަސައްކަތް ކުރުވާ ފައިސާ ނުދީ ހުރި އެތައްހާސް ބިލުތައް ހިމެނޭހެން، ދިވެހި ސަރުކާރަށާއި ސަރުކާރު ހިއްސާވާ ކުންފުނިތަކަށް، ޤާނޫނުތަކާއި ޤަވާޢިދުތަކުގައި ކަނޑައަޅާފައިވާ އުޞޫލުތަކާ އެއްގޮތްވާ ގޮތުގެ މަތީން ހުށަހަޅާފައިވާ އެންމެހައި ބިލުތަކަށް އަދާކުރަންޖެހޭ ފައިސާ، ކުރިޔަށް އޮތް 5 ހަފްތާ ތެރޭ ދައްކާ ނިމޭނެ ކަމަށެވެ. ރައީސް އިތުރަށް ވިދާޅުވީ ފުން އަނދަވަޅެއްގައި އޭރު އޮތް ދިވެހި އިގްތިސާދު ނަގާ ކޮޅަށްޖެހުމުގައި ކުރެވެމުންދާ މަސަައްކަތުގެ ތެރެއިން މީ ޙާސިލްކުރެވޭ ވަރަށް ބޮޑު ކާމިޔާބިއެއް ކަމަށެވެ.
ރައީސް ވައުދުވެވަޑައިގެންނެވި ގޮތަށް 5 ހަފްތާ ހަމަވީ ބުދަ ދުވަހުގެ ރޭ 7:44 ގަ އެވެ.
ކުންފުނިތަކަށް ފައިސާ ނުދެވުނީ ސަރުކާރުގައި އެ ފެންވަރު ނެތިގެން ކަމަށް ރައީސް ޔާމީން ވިދާޅުވި އިރު އެމަނިކުފާނު ވަނީ އަމިއްލަ ކުންފުނިތަކަށް ދޭންޖެހޭ އަދަދު 13 ނުވަތަ 14 ބިލިއަން ރުފިޔާ އަށް އަރާ ކަމަށް ވިދާޅުވެފަ އެވެ. ޔާމީން ވިދާޅުވީ ސަރުކާރުން އެޗްޑީސީއަށާއި ބީއެމްއެލް ފަދަ ކުންފުނިތަކަށް ވެސް މިލިއަނުން ފައިސާ ދޭން ޖެހޭކަމަށާއި ސަރުކާރުން ދައްކަންޖެހޭ ދަރަނި ގިނަ ކަމަށެވެ.
ޖަލްސާގައި ވާހަކަ ދައްކަވަމުން ރައީސް ޔާމީން ވިދާޅުވީ އަންނަ އަހަރުގެ ބަޖެޓަށް ފާޑުވިދާޅުވެ ސަރުކާރުން ޚަރަދުތައް ފޫބެއްދޭނެތޯ ސުވާލު އުފައްދަވައިފަ އެވެ.
އަޅުގަނޑުމެންނަށް އެބަ އެނގޭ ސަރުކާރުގެ މިހާރުގެ މުސާރަތަކާ އެއްޗެހި މި އުޅެނީ މަހެއްގެ މައްޗަށް ގާތްގަނޑަކަށް ދެ ބިލިއަން، އަހަރަކު 24 ބިލިއަން، އެހެންވީމާ މުސާރަ ދީފަ ރިކަރަންޓް ޚަރަދަށް ގާތްގަނޑަކަށް 10 ވަރަކަށް ބިލިއަން އެ އޮތީ ބާކީ، ދެން ގްރާންޓަކީ ރާއްޖެއަށް ލިބޭ އެއްޗެއްނޫން. އިންޑިއާއިން އެހީގެ ގޮތުގައި ދޭނެ ކަމަށް ސަރުކާރުން ލަފާކޮށްފައިވާ 85.6 މިލިއަން ރުފިޔާއަކީ ކުޑަ މިންވަރެއް. ބަޖެޓުގައި ބޮޑު އެއްޗަކަށް އުޅެނީ ރާއްޖެއަށް އެތެރެކޮށް ބޭރުކުރާ ތަކެތިން ނަގާ ޑިއުޓީއާއި ފަތުރުވެރިކަމާއި ޓެކުހުން ލިބޭ 40 ބިލިއަން ރުފިޔާ.
ކުރީގެ ރައީސް އަބްދުﷲ ޔާމީން![]()
ޔާމީން ވިދާޅުވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރުން ވަޒީފާތައް އިތުރުކުރަނީ ވެލާ ބިސް އަޅާ އުސޫލުން ކަމަށެވެ. އަދި މި ސަރުކާރުން ދައްކަމުން އަންނަ ބޮޑެތި އެއްވެސް މަޝްރޫއެއް ނުފެށޭނެ ކަމަށާއި، އޭގެ ތެރޭގައި އައްޑޫ ބުރިޖު ހިމެނޭ އިރު މިއިން ކަމަކަށް އިތުރަށް ފައިސާ ހޯދޭނެ އެއްވެސް ގޮތެއް ނެތް ކަމަށް ޔާމީން ވިދާޅުވި އެވެ.
ރައީސް ޔާމީން ވިދާޅުވީ ރައީސް މުއިއްޒުގެ ސަރުކާރުން މިހާތަނަށް 33.6 ބިލިއަން ރުފިޔާގެ ދަރަނި އުފައްދާފައިވާ ކަމަށާއި، ރިކަރަންޓް ހަރަދު ފޫބެއްދުމަށްޓަކައި މި ސަރުކާރުން އަނެއްކާ ވެސް ފައިސާ ޗާޕުކުރާނެ ކަމަށެވެ. އަދި އެކަން އަންނަ އަހަރު ކުރާނެ ކަމަާއި، ފައިސާ ޗާޕު ނުކޮށް ދެކޮޅު ޖެއްސޭނެ އެއްވެސް ގޮތެއް ވެސް މި ސަރުކާރަށް ނޯންނާނެ ކަމަށެވެ.