އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އައިޝަތު ޝިމަންގެ އަމިއްލަ މޯބައިލް ފޯނު ފުލުހުން އަތުލައިގެން ގެންގޮސް އެ ފޯނު ގިނަ ވަގުތު ބޭނުން ކޮށްފައިވަނީ ފޯނުގައި ހުރި ފޮޓޯ ތައް ބެލުމުގައިކަން ހާމަ ވެއްޖެއެވެ.
އާދިއްތަ ދުވަހު ހަވީރު ފުލުހުން ފޯނު އަނބުރާ ދިނުމުން، ފުލުހުންގެ އަތުގައި ފޯނު އޮތް މުއްދަތުގެ ތެރޭގައި އެ ފޯނު ބޭނުން ކޮށްފައިވާ ގޮތް ދެނެގަނެވުނު އިރު، އެފޯނުން 33 މިނެޓްގެ ވަގުތަކަށް ގޫގުލް ފޮޓޯ އަށް އެކްސެސް ވެފައިވާކަން ވަނީ އެނގިފައެވެ.
ފުލުހުންގެ އަތުގައި ޝިމަންގެ ފޯނު އޮތް އިރު ޝޯޝަލް މީޑިއާގައި ފޭކް އެކައުންޓެއް ހަދައިގެން 'ޝިމަންގެއައިފޯނު' ގެ ނަމުގައި ހަދާފައިވާ އެކައުންޓަކުން ޝިމަންގެ ޒާތީ ފޮޓޯ އެއް ލީކުކޮށްލި މައްސަލަ އޮތީ ފެންމަތިވެފައެވެ. ޝިމަން ބުނެފައި ވަނީ ލީކު ކޮށްލި ފޮޓޯ އަކީ އޭނާ އަމިއްލަ އަށް ނަގާފައިވާ ފޮޓޯ އެއް ކަމަށާއި އެ ފޯނުގައި ނޫނީ އެ ފޮޓޯ ނުހުންނާނެ ކަމަށާއި އެ ފޮޓޯ ލީކު ކޮށްލާފައިވަނީ ފުލުހުންކަން ޔަގީން ކުރެވޭ ކަމަށެވެ.
ފޯނުގެ ބެޓެރީ ޔޫސޭޖަށް ބެލުމުން ވެސް ފޮޓޯ ތަކަށް އެކްސެސް ވެފައިވަނީ ފުލުހުން އަތުލައިގަތް ޝިމަންގެ ފޯނުން ކަން ސާފުކޮށް އެނގެއެވެ.
ފުލުހުންގެ ބޮޑު ފައުޖަކުން އައިސް މަގުމަތިން ޝިމަންގެ ފޯނު އަތުލާފައިވަނީ މި މަހުގެ 8 ވީ ބުރާސްފަތި ދުވަހުގެ ރޭ ޝިމަން ގޭގެ ކައިރިން އެރޭ 12 ޖަހާ ކަންހާ އިރު އެވެ. ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއްގެ މައްޗަށް ބިނާކޮށް ޝިމަންގެ މައްޗަށް ކޯޓުން ދެ އަމުރެއް ނެރެފައިވާއިރު، ފުރަތަމަ އަމުރު ގައި އޮތް ކަމަށް ވަނީ ރައީސް މުއިއްޒު އަށް ނުރައްކާވާފަދަ އެއްޗެއް ޕޯސްޓު ކުރި ކަމުގެ ތުހުމަތުގައި އޭނާގެ ފޯނު ހިފަހައްޓާ ވާހަކައެވެ. ދެވަނަ އަމުރުގައި ބުނެފައިވަނީ އޭނާގެ ފޯނުގެ ޕާސްވޯޑު ހިއްސާ ކުރުމަށާއި އެޕްތަކަށް އެކްސެސް ވެވޭނެ ގޮތް ހަދައިދޭން ޖެހޭނެ ކަމަށެވެ.
ފޯނު ފުލުހުން އަތުލީ ރައީސް މުއިއްޒު އަށް ނުރައްކާވާފަދަ އެއްޗެއް އެކްސް ގައި ޕޯސްޓު ކުރި ކަމަށް ތުހުމަތު ކޮށްފައެވެ. އެހެން ނަމަވެސް ފުލުހުންގެ އަތުގައި ފޯނު އޮތް މުއްދަތުގައި އެކްސް އަށް ވަދެފައި ވަނީ އެންމެ މިނެޓެއްގެ ވަގުތު ކޮޅަކަށް ކަން ވަނީ ހާމަވެފައެވެ.
އެހެން ކަމުން ފުލުހުން ފޯނު ބޭނުން ކުރި ގޮތާއި، ކުރެވުނު ތުހުމަތާ ހުރި ގުޅުމާ، ފޯނު ބޭނުން ކޮށްގެން ހިންގި ތަހުގީގާ މެދު އިތުރު ސުވާލުތަކެއް ވަނީ އުފެދިފައެވެ.
ފުލުހުން ފޯނު ގެންދިޔަތާ 24 ގަޑިއިރުވެސް ނުވަނީސް ފޯޓޯ ލީކު ކޮށްލި މައްސަލައިގައި އެކަމާ ގިނަ ބައެއްގެ ފާޑުކިޔުން ވެސް އޮތީ ފުލުހުންނަށް އަމާޒު ވެފައެވެ. އެއާއެކު ފުލުހުން ބަޔާނެއް ނެރެ އެއީ ދޮގެއް ކަމަށް ވަނީ ބުނެފައެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް އަދި ނެޝަނަލް އިންޓެގްރިޓީ ކޮމިޝަނަށް ޝިމަންގެ ފަރާތުން ވަނީ ހުށަހަޅައިފަ އެވެ.