ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ އަދި ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އައިޝަތު ޝިމަން، އާދިއްތަ ދުވަހު ފުލުހަށް ހާޒިރުކޮށްފިއެވެ.
ހޮނިހިރު ދުވަހުގެ ރޭގެ ލަސް ގަޑި އެއްގައި ޗިޓް ފޮނުވުމަށް ފަހު އާދިއްތަ ދުވަހު ޝިމަން ފުލުހަށް ހާޒިރުކުރީ ކުއްލި ގޮތަކަށެވެ. ޝިމަންގެ ޤާނޫނީ ވަކީލް ޝީނާ މުހައްމަދު ވިދާޅުވި ގޮތުގައި ފުލުހުން ހޮނިހިރު ދުވަހުގެ ރޭ އަންގާފައި ވަނީ އާދިއްތަ ދުވަހު ޝިމަން ހާޒިރު ކުރަނީ އޭނާގެ މައްޗަށް ކުރާ ތުހުމަތުތަކާއި ގުޅިގެން ބަޔާނެއް ނެގުމަށް ކަަމަށެވެ. އެހެންނަމަވެސް އާދިއްތަ ދުވަހު އޭނާ ފުލުހަށް ހާޒިރުކުރުމަށް ފަހު ޝިމަން އަށް ފުލުހުން އިތުރަށް ކުރާ ސުވާލެއް ވެސް އަދި ތުހުމަތެއް ވެސް ނެތް ކަމަށާއި މައްސަލަ ނިމޭ ގޮތް އަންގާނެ ކަމަށް ފުލުހުން ވަނީ އޭނާ އަށް އަންގާފައެވެ.
ޝިމަންގެ ޤާނޫނީ ވަކީލް ވިދާޅުވީ ކޯޓު އަމުރަކާއި ނުލާ ފުލުހުން ޝިމަންގެ ފޯނު ނެގުމަކީ ވެސް ކަންބޮޑުވެވަޑައިގަންނަވާ ކަމެއް ކަމަށެވެ. އޭރު ވަކީލުންނާއި ކުރެވުނު މުއާމަލާތުތަކުގައި ފުލުހުން ބުނެފައި ވަނީ ނަގަން ބޭނުން ވަނީ މައުލޫމާތު ބަޔާނެއް ކަމަށެވެ. އަދި ތުހުމަތު ކުރާ ހިސާބަށް މައްސަލަ ނުދާ ކަމަށް ވެސް ފުލުހުން ވަނީ އޭރު ޝިމަންގެ ވަކީލުންނަށް އަންގާފައެވެ.
ފުލުހުންނަށް ފުރިހަމަ އަށް ޝިމަންގެ ފަރާތުން އެއްބާރުލުން ދެމުންދަނިކޮށް ހޮނިހިރު ދުވަހުގެ ރޭ 11ގެ ފަހުން ފުލުހުން ޝިމަން އަށް ޗިޓް ފޮނުވާފައި ވަނީ ކުރިން މަޝްވަރާކުރުމަކާއި ނުވަތަ އެންގުމަކާއި ވެސް ނުލައެވެ. އެންމެ ފުރަތަމަ ފުލުހުން އެންގި ގަޑިއަށް ހާޒިރުވެވެން ނެތުމުން ފަހުން އާދިއްތަ ދުވަހު 4 ޖަހާއިރު ފުލުހުންގެ އިދާރާ އަށް ޝިމަން ހާޒިރު ކުރަން ނިންމީ ޝިމަންގެ ވެސް އެދުމުގެ މަތިން ކަމަށް އޭނާގެ ޤާނޫނީ ވަކީލް ފާހަގަކުރެއްވިއެވެ.
އޭނާ އިތުރަށް ވިދާޅުވީ ޝިމަންގެ ފޯނު ޖަހައިގަތުމަކީ މިހާރު ޓާގެޓްކޮށްގެން ކަނބަލުންނަށް ކުރަމުންދާ ޖެއްސުމުގެ ތެރެއިން ބައެއް ކަމަށެވެ. އެއީ ވަރަށް ޢައިރު ޒިންމާދާރު ކަމެއް ކަމަށް ވެސް އޭނާ ވަނީ ފާހަގަކުރައްވާފައެވެ.
ޝިމަން ގެ ފޯނު ފުލުހުންގެ ބެލުމުގެ ދަށަށް ގެންދިޔަތާ 24 ގަޑި އިރު ނުވަނީސް، އެ ފޯނުގައި ހުރި ފޮޓޯ އެއް އެކްސްގައި ވަނީ ލީކުކޮށްލާފައެވެ. އެކަމަށް ވެސް އޭނާގެ ޤާނޫނީ ވަކީލް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ.