Advertisement
ކ. މާލެ
|
9 އޮކްޓޯބަރ 2025 | ބުރާސްފަތި 01:10
އައިޝަތު ޝިމަން
އައިޝަތު ޝިމަން
އެކްސް
އައިޝަތު ޝިމަން
ޒުވާން އެކްޓިވިސްޓް ޝިމަން ގެ ފޯނުވެސް ފުލުހުން އަތުލައިފި
ޝިމަންގެ ފޯނު ޖަހައިގަތީ ރައީސް މުއިއްޒަށް އިންޒާރު ދިން ކަމަށް ދޭހަވާ ޕޯސްޓެއް ސޯޝަލް މީޑިއާގައި ކުރި ކަމުގެ ތުހުމަތުގައި ކަމަށް ބުނޭ
ފުލުހުން އޭނާގެ ފޯނު އަތުލި އިރު ކޯޓު އަމުރެއް ދައްކާފައި ނުވާ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ވަނީ ހާމަކޮށްފަ

ސަރުކާރަށް ވަރަށް ބޮޑަށް ފާޑުކިޔާ އަދި ސަރުކާރާ ދެކޮޅު ހަރަކާތްތަކުގައި ބައިވެރިވާ އެމްޑީޕީގެ ޒުވާން އެކްޓިވިސްޓް އައިޝަތު ޝިމަން ގެ ފޯނުވެސް ފުލުހުން ޖަހައިގެންފި ކަމަށް މައުލޫމާތު ލިބިއްޖެއެވެ.

ބުދަ ދުވަހުގެ ރޭ ޝިމަންގެ ފޯނު ޖަހައިގަތީ ރައީސް މުހައްމަދު މުއިއްޒު އަށް އިންޒާރު ދިން ކަމަށް ދޭޭހަވާ މޭރުމަކުން ސޯޝަލް މީޑިއާގައި ޕޯސްޓެއް ކުރި ކަމުގެ ތުހުމަތުގައި ކަމަށް މައުލޫމާތު ލިބިފައިވެއެވެ.

ސޯޝަލް މީޑިއާ ގައި "ދޮންކެޔޮ" ގެ ނަން ބޭނުން ކުރާ ޝިމަން ގެ ފޯނު އަތުލީ ވެސް ކޯޓު އަމުރެއްގެ ދަށުން ކަމަށް ފުލުހުން ބުނާ ކަމަށާއި އެހެން ނަމަވެސް އޭނާ އަށް ކޯޓު އަމުރު ދައްކާފައި ނުވާ ކަމަށް އެމްޑީޕީގެ ލީގަލް ޑިރެކްޓަރު ވަނީ ހާމަ ކުރައްވާފައެވެ.

ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓުގެ މައްޗަށް ދޫކޮށްފައިވާ އިތުރު އަމުރެއްގައި އޭނާގެ ފޯނުގެ ޕާސްވޯޑު ހިއްސާ ކުރުމަށާއި އެޕްތަކަށް އެކްސެސް ވެވޭނެ ގޮތް ހަދައިދިނުމަށް ކޯޓުން ވަނީ އަންގާފައި ކަމަށް ވެސް މައުލޫމާތު ލިބިއެވެ.

އެމްޑީޕީގެ ލީގަލް ޑިރެކްޓަރު އަހްމަދު މައުރޫފް މި ހާދިސާ އާ ގުޅޭގޮތުން ވިދާޅުވީ "ބިރުދެއްކުމާއި ފުރައްސާރަކުރުމުގެ ޢަމަލުތައް،" ދަނީ ކުރިއަށް ކަމުގައެވެ.

މައުރޫފް އެކްސް ގައި ކުރެއްވި ޕޯސްޓުގައި އިތުރަށް ވިދާޅުވީ މޯލްޑިވްސް ޕޮލިސް ސަރވިސްގެ އޮފިސަރުން ދޮންކެޔޮގެ މޯބައިލް ފޯނު އަތުލީ އޭނާ ގޭ ދޮށުގައި ހުއްޓާ، ކޯޓު އަމުރެރެއް ނެތި ކަމުގައެވެ. އަދި އެކަން ކުރީ އެއްވެސް ތަފްސީލެއް ނުދީ، ބާރުގެ ބޭނުންކޮށްގެން ކަމަށެވެ.

ފޯނު އަތުލި ސަބަބު އޮޅުން ފިލުވުމަށް ޕޮލިސް ސްޓޭޝަނަށް އައުމަށް ޝިމަން އަށް އެންގި ކަމަށް ވެސް މައުރޫފް ވިދާޅުވިއެވެ.

މި އަހަރުގެ ކުރީކޮޅު ހ. މިޓާޒް ގޭގެ ފުރާޅުމައްޗަށް ވެއްޓިފައި އޮއްވައި ފެނުނު ހައްވާ ޔުމްނު ރަޝީދު، އަށް އިންސާފު ހޯދައިދިނުމަށް ގޮވާލައި މާލޭގައި ކުރި ޒުވާނުންގެ މުޒާހަރާތަކުގެ ތެރެއިން ޝިމަން ހައްޔަރު ކޮށް އޭނާގެ މައްޗަށް ދައުވާ ވެސް ކުރި އެވެ.

ޝިމަންގެ ފޯނު ބުދަ ދުވަހުގެ ރޭ ފުލުހުން އަތުލި އިރު އޭގެ ކުރީ ދުވަހު އެމްޑީޕީގެ ގައުމީ މަޖިލީހުގެ މެމްބަރު ފާތިމަތު ޒާޔާގެ ފޯނުވެސް ފުލުހުން ވަނީ އަތުލާފައެވެ. ޒާޔާގެ ފޯނު ފުލުހުން އަތުލީ ފުލުހުންނަށް އިންޒާރު ދިން ކަމަށް ބުނެއެވެ.

އެމްޑީޕީގެ ޔޫތު ވިންގުން ވަނީ ޝިމަންގެ ފޯނު ފުލުހުން އަތުލުން ކުށްވެރިކޮށްފައެވެ.

- ކޮމެންޓް