ކ. މާލެ
|
13 އޮކްޓޯބަރ 2024 | އާދީއްތަ 14:41
 ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު
ހައުސިން މިނިސްޓަރ ޑރ.އަލީ ހައިދަރު
ގެދޮރުވެރިވެރިޔާ ސްކީމް
ގެދޮރުވެރިވެރިޔާގެ ހުރިހާ ފޯމެއް އެބަ އިވަލުއޭޓްކުރަން، އުންމީދަކީ މި މަހު ލިސްޓް އިއުލާންކުރުން - ހައިދަރު
މި ސްކީމްގެ ދަށުން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފަ
ހައިދަރު ވިދާޅުވީ ފޯރމްތައް އިވަލުއޭޓްކޮށް ނިމޭ އިރު ޕޮއިންޓްތަކަށް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތް ކަމަށް

ނިމިދިޔަ ސަރުކާރުން ހުޅުވާލި ގެދޮވެރިވެރިޔާ ސްކީމްގެ ދަށުން ހުށަހަޅާފައިވާ ހުރިހާ ފޯމެއް އިވަލުއޭޓްކުރަމުންދާ ކަމަށާއި އުންމީދަކީ މި މަހު ފުލެޓު ލިބޭ މީހުންގެ ފައިނަލް ލިސްޓު އާއްމުކުރުން ކަމަށް ހައުސިން މިނިސްޓަރު، އަލީ ހައިދަރު ވިދާޅުވެއްޖެއެވެ.

ރާއްޖެ އެމްވީ އަށް މައުލޫމާތުދެއްވަމުން ހައިދަރު ވިދާޅުވީ ފޯރމްތައް އިވަލުއޭޓްކޮށް ނިމޭ އިރު ޕޮއިންޓްތަކަށް ބަދަލު އައުމުގެ ފުރުސަތު އެބަ އޮތް ކަމަށެވެ. ފްލެޓަށް އެދި ހުށަހެޅި މީހުންގެ ފޯރމްތައް އިވަލުއޭޓްކުރުމުގެ މަރުހަލާގެ ކިހާ އިންސައްތައެއް ނިމިފައިވޭތޯ ސާފުކުރުމަށް ރާއްޖެ އެމްވީން ސުވާލުކުރުމުން ހައިދަރު ވިދާޅުވީ އިވަލުއޭޝަންގެ މަރުހަލާ ކުރިއަށް ގޮސްފައިވާ މިންވަރު އެނގިވަޑައިނުގަންނަވާ ކަމަށެވެ. ނަމަވެސް އިވަލުއޭޝަންގެ މަރުހަލާ މިހާރުވެސް ކުރިއަށްދާކަން އެ މަނިކުފާނު ވަނީ ހާމަކުރައްވާފައެވެ.

މީގެ އިތުރުން މިހާރު ކަނޑައަޅާފައިވާ މުއްދަތަށް މި މަހުގެ ނިޔަލަށް އެ ލިސްޓް އާއްމުކުރާނެ ކަމުގެ ޔަޤީންކަން އެބައޮތްތޯ ސުވާލުކުރުމުން އެ މަނިކުފާނު ވިދާޅުވީ މިނިސްޓްރީން މަސައްކަތްކުރަނީ މިމަހުގެ ނިޔަލަށް އެ ލިސްޓް އާއްމުކޮށް ނިންމުމަށް ކަމަށެވެ.

ރިޔާސީ އިންތިޚާބުގެ ތެރޭގައި ޑރ. މުއިއްޒު ވިދާޅުވެފައިވަނީ ސަރުކާރުން ކަނޑައަޅާފައިވާ ލިސްޓާ އެއްގޮތައް އެމަނިކުފާނުގެ ސަރުކާރެއްގައި ފްލެޓް ދެއްވާނެ ކަމަށެވެ. މީގެ އިތުރުން ވެރިކަމަށް ވަޑައިގެންނެވި ފަހުންވެސް ރައީސް ވިދާޅުވެފައިވަނީ ރައްޔިތަކަށް ދީފައިވާ ބޯހިޔާވަހިކަމެއް އަތުނުލައްވާނެ ކަމަށެވެ.

ފްލެޓް ލިސްޓަށް ފްލެޓް ދޫކުރުން ހުއްޓާލާފައިވަނީ އެންޓި-ކޮރަޕްޝަން ކޮމިޝަނުން އެންގުމާ ގުޅިގެންނެވެ. ގެދޮރުވެރިޔާ ސްކީމުގެ ދަށުން ހުޅުމާލޭގައި އިމާރާތް ކުރި 700 ހައުސިން ޔުނިޓުގެ މަސައްކަތްތައް ނިންމައި އިންޑިއާ ސަރުކާރުން ވަނީ މި ހިނގާ އޮކްޓޯބަރ މަހުގެ ހަތްވަނަ ދުވަހު އެ ތަންތަން ރާއްޖެ އާއިހަވާލުކޮށްފައެވެ.

މި ސްކީމްގެ ދަށުން 15،046 މީހުން ޝަރުތު ހަމަވާ ކަމަށް ކުރީ ސަރުކާރުން ވަނީ ކަނޑައަޅާފައެވެ. އޭރު އެމްޑީޕީގެ ސަރުކާރުން ނިންމީ ފްލެޓަށް އެދި ހުށަހެޅި އެންމެންނަށް ފްލެޓް ދިނުމަށެވެ. އޭގެ ތެރެއިން 4000 ފުލެޓުގެ މަސައްކަތް ކޮންޓްރެކްޓްކޮށް އޭރު މަސައްކަތް ވަނީ ފަށާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް