Advertisement
ކ. މާލެ
|
10 އޮކްޓޯބަރ 2025 | ހުކުރު 11:04
އެމްޑީޕީ ސަރުކާރުގެ ތިން ވަޒީރު (ކ-ވ) އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
އެމްޑީޕީ ސަރުކާރުގެ ތިން ވަޒީރު (ކ-ވ) އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީ، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް
ރާއްޖެއެމްވީ
ކުރީގެ ވަޒީރުން ހާޒިރުކުރުން
އޭސީސީއަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން: ރައީސް ޞާލިހު
އެމްޑީޕީ ސަރުކާރުގެ ކުރީގެ ވަޒީރުން ކަމަށްވާ ފައްޔާޒް އިސްމާއިލް، އިބްރާހިމް އަމީރު އަދި ޑރ އައިޝަތު އަލީ އޭސީސީއަށް ހާޒިރުވުމަށް އަންގާފައިވޭ
ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު ހިނގަމުންދަނީ އިންސާފުން އެއްކިބާވެފައިވާ ކަންކަން ކަމަށް ރައީސް ޞާލިހު ވިދާޅުވޭ
ފައްޔާޒު ހާޒިރުކުރާ މައްސަލައިގައި ސަރުކާރުގެ މެންބަރު ސައުދު ވަނީ އޭސީސީގެ ވާހަކަތަކާއި ދެކޮޅަށް ވާހަކަ ދައްކާފައި

އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ކުރީގެ ވަޒީރުން ހާޒިރުކުރަނީ ރޭވިގެން ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ކަމަށް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ނިމިދިޔަ އެމްޑީޕީ ސަރުކާރުގައި އެމަނިުފާނުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަވާ 3 ވަޒީރުން އޭސީސީއަށް ހާޒިރުކުރުމަށް އެންގުމާއި ގުޅިގެން ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ. އެމްޑީޕީ ސަރުކާރުގެ ކެބިނެޓުގައި ހިމެނިވަޑައިގަންނަނާ ވަޒީރުންގެ ތެރެއިން އޭސީސީއަށް ހާޒިރު ކުރުމަށް ޗިޓް ފޮނުވާފައިވަނީ ކުރީގެ އިކޮނަމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް، ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި އެޑިއުކޭޝަން މިނިސްޓަރު އައިޝަތު އަލީއެވެ.

މިކަމާއި ގުޅިގެން ސޯޝަލް މީޑިއާގައި ރައީސް ޞާލިހު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ އެމްޑީޕީ ސަރުކާރުގައި އެމަނިކުފާނުގެ ކެބިނެޓުގެ ތިން ވަޒީރުން ކަމަށްވާ އެމްޑީޕީގެ ޗެއަރޕާސަން ފައްޔާޒު އިސްމާއިލް އާއި ކުރީގެ ފިނޭންސް މިނިސްޓަރު އިބްރާހިމް އަމީރު އަދި ކުރީގެ އެޑިއުކޭޝަން މިނިސްޓަރ ޑރ. އައިޝަތު އަލީ އޭސީސީގެ ތަޙުޤީޤަކަށް ހާޒިރުވާން އަންގާފައި ވަނީ ދައުލަތުގެ މުއައްސަސާތަކުގެ މުސްތަގިއްލުކަން ގެއްލުވާލާފައިވާ ދަނޑިވަޅެއްގައި ކަމަށެވެ.

އަދި ‏ރާއްޖޭގެ ސިޔާސީ މަޝްރަހުގައި މިވަގުތު މިހިނގާ އިންސާފުން އެއްކިބާވެފައިވާ ކަންކަމަކީ ރައްޔިތުންގެ އަޑު ކަނޑުވާލަައި އިދިކޮޅު ސިޔާސީ ފަރާތްތައް ފަހަތަށް ޖެއްސުމަށް ރޭވިގެން ހިންގާ ވަރަށް ނުރަނގަޅު ކަންކަން ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ‏މާޒީގައި މިކަން ހިނގައިދިޔަ ގޮތް އެނގިވަޑައިގަންނަވާ ކަމަށާއި، އިންސާފުން އެއްކިބާވެފައިވާ ތަޚުޤީޤުތަކާއި، ސިޔާސީ ހުކުންތަކުން މުޅި ޤައުމު ކިލަނބުވާނެ ކަމަށް ވިދާޅުވިއެވެ.

މިފަދަ ކަންކަމުން ދުރުވެ، އިންސާފާއި، ހަމަހަމަކަމާއި ގާނޫނުގެ ވެރިކަން އިސްކުރުމަށް ދައުލަތުގެ ވެރިންނަށް އިލްތިމާސް ކުރަން.

ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު

ފައްޔާޒް އޭސީސީ އަށް ހާޒިރުވާން ޖެހެނީ މި މަހުގެ 13 ވަނަ ދުވަހުގެ ހެނދުނު 9:30 އަށެވެ. އޭސީސީގެ އަމުރުގައިވާ ގޮތުން ފައްޔާޒް އޭސީސީއަށް ހާއިޒިރުވާން އަންގާފައިވަނީ މަގާމުގެ ބޭނުން ނަހަމަގޮތުގައި ހިފުމުގެ ތުހުމަތުގައެވެ. ޗިޓުގައި ވަނީ ފައްޔާޒު ހާޒިރުކުރަނީ ސުވިފްޓް ކުންފުންޏަށް ބަދަލު ދޭން 2019 ވަނަ އަހަރު ނިންމި އަލްޓަނޭޓް ޑިސްޕިއުޓް ރިސޮލިއުޝަން ކޮމިޓީގެ މެންބަރެއްގެ ގޮތުގައި ފައްޔާޒު އިންނެވުމުންނެވެ.

މި މައްސަލާގައި އެމްޑީޕީގެ ސަރުކާރުން ބަދަލުދީފައިވާ ކަމަށް ބުނާ ސްވިފްޓް އިންޖިނިއަރިން ކުންފުނީގެ ވެރިޔާ އަދި ރައްޔިތުންގެ މަޖިލީހުގައި ސަރުކާރު ތަމްސީލު ކުރާ ޕީއެންސީ އަށް ނިސްބަތްވާ މެމްބަރު ސައުދުﷲ ހިލްމީ ވިދާޅުވީ ބަދަލުގެ ގޮތުގައި އެކުންފުންޏަށް ކުރީ ސަރުކާރުން ޕްރޮޖެކްޓުތަކެއް ދޭން ނިންމުން، އެއީ ހައްގު ބަދަލެއް ކަމަށާއި އެކަމުން ދައުލަތަށް ގެއްލުމެއް ވުމުގެ ބަދަލުގައި ލިބުނީ ފައިދާ ކަމަށެވެ. ސްވިފްޓުގެ މި ހުށަހެޅުމުގެ ދަށުން، ބަދަލުގެ ގޮތުގައި އެއްވެސް ފައިސާއެއް ނުދޭ ކަަމަށް ސައުދުﷲ ވިދާޅުވި އެވެ. އަދި ހަތަރު ޕްރޮޖެކްޓެއްގެ ބަދަލުގެ ގޮތުގައި އެ ޕްރޮޖެކްޓުތަކުގެ އަގާ އެއްވަރު ފަސް ޕްރޮޖެކްޓު ދިންއިރު، ހުއްޓުވާލި ދެ ޕްރޮޖެކްޓުގެ ބަދަލުގައި އެއްވެސް އެއްޗެއް ނުލިބޭ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ އިތުރުން ކުރީގެ ފިނޭންސް މިނިސްޓަރ އިބްރާހިމް އަމީރު އޭސީސީގެ ތަހުގީގަކާ ގުޅިގެން އާދިއްތަ ދުވަހުގެ 2:30 އަށް ހާޒިރުވުމަށް އަންގާފައެވެ. އޭނާ ވިދާޅުވީ 2019 ން 2023 ށް މާލީ ވަޒީރުކަމުގައި މަސައްކަތްކޮށްފައި ވާނީ އަމާނާތްތެރިކަމާއި ތެދުވެރިކަމާއެކު ކަމަށެވެ. އަދި ރަސްމީ ހައިސިއްޔަތުގެ ބޭނުންކޮށް ދައުލަތަށް ގެއްލުންވާނެ އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށާއި، ވަޒީރުކަމުގައި ކޮންމެކަމެއްވެސް ނިންމާފައި، ލަފާދީފައި ވާނީ ދައުލަތަށް ލިބިދާނެ ބޮޑު ގެއްލުމަކުން ސަލާމަތްކޮށް، ފައިދާވާނެ ގޮތަށް ކަމަށާއި، އެ ޔަގީންކަން ނަފްސާއި މެދު އެބައޮތް ކަމަށެވެ.

އަމީރު ވިދާޅުވީ އޭސީސީ ގެ ރައީސް އާއި މެމްބަރުންގެ ވަޒީފާގެ ދިފާއުގައި ބޭއިންސާފުން މީހުން ފްރޭމްކުރަން ކުރާ މަސައްކަތް ހުއްޓާލަން ގޮވާލާ ކަމަށެވެ. އަދި އެއްވެސް އަސާސެއް ނެތް ކަންތައްތަކުގައި އޭސީސީ އަދި ޕޮލިހަށް ގެންގޮސް، ބިރު ދައްކަން އުޅުނަސް އެއްވެސް ބިރެއް ނުގަންނަ ކަމަށާއި، ބޯ ގުދުކުރާނީ ހަމައެކަނީ އާލަމްތަކުގެ ވެރި މާތްﷲ އަށް ކަމަށެވެ. އަދި މުއިއްޒު ކަހަލަ ޚުދުމުހްތާރު ވެރިޔަކަށް ބޯނުލަބާނެ ކަމަށާއި، ކުރާނެ ކަމެއް ކުރަން ވީ ކަމަށް އެކްސްގައި ކުރެއްވި ޕޯސްޓެއްގައި އަމީރު ވަނީ ވިދާޅުވެފައެވެ.

- ކޮމެންޓް