ޖުމްހޫރީ ޕާޓީގެ ލީޑަރ ޤާސިމް އިބްރާހިމްގެ ވާހަކަފުޅާއި ރާގު އިރުއިރުކޮޅާ ބަދަލުވުމަކީ އައު ކަމެއް ނޫނެއެވެ. އާ ވާހަކައެއްވެސް ނޫނެއެވެ. ސިޔާސީ ގޮތުން ވެރިންނަށް ހައްދެއް ނެތް މިންވަރަށް ތައުރީފްކޮށް ހުޝާމަދު ކުރުމާއި ސިޔާސީ ބޭނުމަށް، ވެރިންނަށް ކުރުދޮޅިން ދިނުމަކީވެސް ޤާސިމްގެ ޒާތަށް ބަލާއިރު އާ ކަމެއް ނޫނެއެވެ.
އެކަމަކު މިފަހަރު ޤާއިމް އެއުޅުއްވަނީ އެހެން ފަހަރު ފަހަރަށްވުރެ ތަންކޮޅެއް މަތީގައެވެ. ވާހަކަ ފެށެނީ ޤާސިމްގެ މަޝްހޫރު ކޮޅުދާލި ވާހަކައިންނެއެވެ. އެއީ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބުގެ ކެމްޕެއިން ތެރެއެވެ. ކެމްޕެއިން ޖަލްސާއެއްގައި ވާހަކަފުޅު ދައްކަވަމުން ޤާސިމް ވިދާޅުވީ، ޕީއެންސީއަކީ ޕީޕީއެމްގެ ކޯލިޝަން ޕާރޓްނަރު ކަމަށެވެ. ރިޔާސީ ކެންޑިޑޭޓެއްގެ ގޮތުގައި ޕީއެންސީއަށް ނިކުމެ ހުންނެވީ ކާކުތޯއޭ ވިދާޅުވެ ޤާސިމް އުފެއްދެވީ ސުވާލެއެވެ. އެބޭފުޅަކު ވަޒީރު ކަމަށް ވަޑައިގެންނެވި އިރު އަތުގައި އޮތީ ކޯއްޗެއްތޯއޭ ވިދާޅުވެ ވެސް އުފެއްދެވީ ސުވާލެވެ. ފަނަރަ ބުރިއަށް ގެ ނަންގަވައިގެން އެ ހުންނަވަނީ ކޮންތާނކުން ހޯދި ފާއިސާއަކުންތޯ އޭވެސް އައްސަވާ ކުރެއްވީ ސުވާލެވެ. މިސުވާލުތަކުގެ ޖަވާބު ދެއްވީވެސް ޤާސިމްއެވެ. ވަޒީރު ކަމުގައި ހުންނަވައިގެން އަމަލީ ގޮތުން ބައިވެރިވެވަޑައިގެންނެވި ކޮންމެވެސް ޕްރޮޖެކްޓެއްގެ އަރިމަތިން ނެންގެވި ކޮޅުދާލިކޮޅަކުން ހެއްދެވި ގެއެކޭ ވިދާޅުވެ ޖަވާބު ދެއްވީވެސް ހަމަ ޤާސިމްއެވެ. އެކަމަކު އެއީ އެމަނިކުފާނު ވިދާޅުވި އެއްޗެއް ނޫން ކަމަށާއި ރަށު ތެރޭގައި މީހުން ކިޔައި އުޅޭ އެއްޗެއް ކަމަށް ވިދާޅުވެ އެވާހަކަ ނިންމަވާލެއްވި އެވެ. މިއީވެސް މިފަދަ މޭރުމުން ޤާސިމް ދައްކަވާފައި ހުރި އެތައް ވާހަކައެއްގެ އަރިމަތިން ނެގުނު ކޮޅުދާލިކޮޅެކެވެ.
ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވިއިރު މިދެންނެވި ޤާސިމް އިބްރާހިމް ހުންނެވީ އެމަނިކުފާނުގެ އަރިހުގައެވެ. ކޮނޑާއި ކޮނޑު ޖައްސަވައިގެންނެވެ. ކުރީގެ ސަރުކާރުގެ ކޯލިޝަން ޕާޓްނަރެއްގެ ގޮތުގައި ހުންނަވައިގެން އަނބިކަނބަލުން އެސަރުކާރުގެ ޓްރާންސްޕޯޓް މިނިސްޓަރު ކަމުގައި ބަހައްޓަވައިގެން ދައުރު ނިންމަވާލެއްވި ޤާސިމް އިބްރާހިމް މިއަދު އެ ހުންނެވީ ރައީސް މުއިއްޒުއަށް ތައުރީފްކުރައްވާށެވެ.
ރައީސް މުއިއްޒު އދ.އަތޮޅަށް ވަޑައިގެން މާމިގިލީ ގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަން ޤާސިމްއަށްވެސް ފުރުޞަތު ލިބިއްޖެއެވެ. ޕޯޑިއަމްގައި ހުންނަވައިގެން ރައީސް މުއިއްޒު އަށް ތައުރީފް ކުރައްވަމުން ޤާސިމް އިބްރާހިމް ގެންދެވީ ހިތާވެގެން އުޅޭ އަންހެނަކަށް ފިރިހެނަކުވެސް ތައުރީފް ނުކުރާނެހާ ވަރަށެވެ. ވިދާޅުވަމުން ގެންދެވީ އުމުރުފުޅުން އެހާ ދުވަސްވީއިރުވެސް ރައީސް މުއިއްޒު ފަދަ އަމާނާތްތެރި ތެދުވެރި، އިޚްލާސްތެރި، އޯގާތެރި، ހިންގުންތެރި، ހީވާގި ބޭފުޅަކު ދެކެވަޑައި ނުގަންނަވާ ކަމަށެވެ. މުޅި ހަޔާތްޕުޅުގައިވެސް ގައުމަށް މިހާ ބޮޑެތި ތަރައްޤީ ގެނެސްދިން ވެރިކަމެއްވެސް ނުދެކޭ ކަމަށެވެ. ވެރިކަމަށް އެންމެ ދެ އަހަރު ވިޔަސް ހެޔޮ ނޫންތޯއެވެ. ބިންގާ އެޅުމާއި ކޮންޓްރެކްޓް ހެދުން ނޫންކަމެއް އަދި ނުވިޔަސް ހެޔޮ ނޫންތޯއެވެ. މިހާތަނަށް ރައީސް މުއިއްޒު، ރިބަން ކަނޑުއްވައިދެއްވި ހުރިހާ ތަންތަނަކީ ކުރީގެ ސަރުކާރުން ނިންމާފައި ހުރި ތަންތަނަށް ވިޔަސް ހެޔޮ ނޫންތޯއެވެ. ރައްޔިތު މީހާއަށް ބޭސްކޮޅެއް ނުލިބުނަސް ކުރިން ބަރާބަރަށް ލިބެމުން އައި އާސަންދަ ނުލިބުނަސް ތަކެތީގެ އަގު އަތް ނުފޯރާ ވަރަށް އަރައިގެން އުޅުނަސް ހެޔޮ ނޫންތޯއެވެ. ޑޮލަރުގެ އަގު ބޮޑުވެ އަމިއްލަ ކުންފުނިތައް ބަނގުރޫޓްވެ، ފިހާރަތަކުގެ ވިޔަފާރި ހުއްޓި ތަންތަން ބަންދުކުރަމުން ދިޔަ ނަމަވެސް މައްސަލައެއް ނެތެއް ނޫންތޯއެވެ.
ސުޕްރީމް ކޯޓުގެ ބެންޗް ބަދަލު ކުރި ކުރުންވެސް ޤާސިމްއަށް ފެނުނީ ފަނޑިޔާރުންގެ ވިޔާނުދާ ކަމުން ވީ ކަމެއް ކަމުގައެވެ. ލާމަރުކަޒީ ނިޒާމް ފުނޑާލާ، ކައުންސިލްތަކުގެ ބާރު ކަނޑުވާލާ، މަޖިލިސް މެމްބަރުންގެ މިނިވަންކަން ނަގާލުންވެސް ޤާސިމްއަށް ފެނިވަޑައިގަތީ ރައީސް މުއިއްޒުގެ އަދުލުވެރިކަމާއި، ގައުމަށް އޮތް އިންތިހާ ލޯބީގެ ގޮތުގައެވެ. ބޮންޑާ، ސޮންޑާ ލޯނާ، ބޯނާ، ސުކޫކާ، މުކޫކާ، އާސަންދައާއި މާސަންދައާއި، ނަގައިގެން ކުރީގެ ސަރުކާރުތަކުން ގައުމު ދަރުވާލި ވާހަކަ، ޤާސިމް ދައްކަވަމުން ގެންދެވީ، އެއިން ސަރުކާރެއްގައި ޤާސިމްވެސް، ޤާސިމްގެ ޕާޓީގެ މީހަކުވެސް ޤާސިމްގެ އަންބަކުވެސް ދުވަހަކުވެސް ނުވެސް އުޅޭ ކަމަށް ހަދައިގެންނެވެ. މިއީވެސް ޤާސިމް ދެއްކެވި، އެތައް ވާހަކައެއްގެ ތެރެއިން އަރިމައްޗަކުން ނެގުނު ކޮޅުދާލިކޮޅުކޮޅެވެ.
ޤާސިމް އިބްރާހިމް ޕޯޑިއަމްގައި ހުންނަވައިގެން ރައީސް މުއިއްޒުއަށް ހުޝާމަދުކޮށް ތައުރީފްކޮށް، ސަނާކިޔައި އަތް ޖައްސަވައި، ސެލިއުޓް ކުރައްވަމުން މިގެންދަވަނީ ކީއްވެތޯ އަހާލުމުން މީހަކު ބުނީ، ގދ.ގައި އޮތް ޤާސިމް ގެންގުޅުއްވި ބާ އެއަރޕޯޓެއް ސަރުކާރަށް ނަންގަވައި ބަދަލުގެ ގޮތުގައި 18 މިލިއަން ޑޮލަރު ޤާސިމްއަށް ސަރުކާރުން ދިނީ ދާދި އިހަކަށް ދުވަހަކު ނޫން ހެއްޔެވެ. އެއަރޕޯޓް ނަގަން 18 މިލިއަން ޑޮލަރުގެ ބަދަލެއް ދިން އިރު، ކުރިން އެ އެއަރޕޯޓް ހިންގަން ކްރޮސް ސަބްސިޑީގެ ގޮތުގައި ކުރިން ދީފައި އޮތް ދެފަޅުވެސް އަދިވެސް އޮތީ ޤާސިމްގެ އަތުގައި ނޫން ހެއްޔެވެ. މިއީވެސް ބާ އެއަރޕޯޓެއްގެ އަރިމަތިން ޤާސިމް ނެންގެވި ކުޑަކުޑަ ކޮޅުދާލި ކޮޅެކޭ ރަށު ތެރޭގައި މީހުން ކިޔައި އުޅޭ ނޫން ހެއްޔެވެ. ވީއިރު ޤާސިމް އިބްރާހިމް ރައީސް މުއިއްޒުއަށް ސަނާ ކިޔާލެއް ކުޑަ ނޫން ހެއްޔެވެ.
ޤާސިމް އިބްރާހިމްއަކީ ސިޔާސީ ގޮތުން ކިންގް މޭކަރޭ ކިޔައި އުޅޭ އަޑު އަޅުގަނޑުމެންވެސް އަހަމެވެ. އެކަމަކު އެއީ ތަންކޮޅެއް ކުރިންނެވެ. އެންމެ ފަހުގެ ރިޔާސީ އިންތިހާބުގައި ވޯޓް ލިބިވަޑައިގަތީ އުމަރު ނަސީރަށްވުރެވެސް މަދުންނެވެ. މަޖިލިސް އިންތިހާބުގައި ޖުމްހޫރީ ޕާޓީއަށް ލިބުނީވެސް އަމިއްލަފުޅު ގޮނޑި އެކަންޏެވެ. ވީއިރު، މިއަދު ޤާސިމްއަކީ ސިޔާސީ ގޮތުން ކިހާ ބުރަދަނެއްހުރި ބޭފުޅެއްތޯ ދެނެގަންނާކަށް ދައްޗެއް ނޫނެއެވެ. އެކަމަކު ޔަގީންވާ އެއްކަމެއް އެބައޮތެވެ. އަމިއްލަފުޅު ފާއިދާއާއި މަންފާއަށްޓަކައި، ވާހަކައާއި ރާގު ބަދަލު ކުރެއްވުމަށާއި ސިޔާސީ ބޭނުމަށް މީހުންނަށް ތައުރީފްކުރެއްވުމަށާއި ސިޔާސީ މަންފާއަށް މީހުންނަށް ހުތުރުކޮށް އެއްޗެހި ވިދާޅުވުމުގައި އަދިވެސް ޤާސިމްއަކީ ހަމަ ކިންގް މޭކަރެއެވެ. އެކަމަކު މިއީވެސް ރަށު ތެރޭގައި އެތައް ބަޔަކު ދައްކަމުންގެންދާ އެތައް ވާހަކަތަކެއްގެ ތެރެއިން ނެގުނު ކޮޅުދާލިކޮޅެކެވެ.