ކ. މާލެ
|
20 ނޮވެންބަރ 2025 | ބުރާސްފަތި 17:50
ފުލުހުންގެ އޮފިޝަލުން ތަކެއް މަގު މަތީގައި ޙަރަކާތްތެރި ވަނީ
ފުލުހުންގެ އޮފިޝަލުން ތަކެއް މަގު މަތީގައި ޙަރަކާތްތެރި ވަނީ
ސޯޝަލް މީޑިއާ
މަގޭ ރިޕޯޓް
މަސްތުވާތަކެތި ވިއްކާ މީހޫން ހޯދުމުގެ ބޮޑު އޮޕަރޭޝަންގެ ހިލަމެއްނެތް. ޖަލްސާއަށް ކުޅުނު ޑްރާމާއެއްތަ؟
މަސްތުވާތަކެތީގެ ޑީލަރުން ހޯދަން ފުލުހުން ބޮޑު އޮޕަރޭޝަނެއް ފެށިއެވެ. ރައީސްގެ އެންގެވުމަށް ފެށި މި އޮޕަރޭޝަނަށް ހަފުތާއެއް ވީއިރު އެކަމުގެ އިތުރު ތަފްސީލެއް ނުދެއެވެ.

ހީވީ ދެން މި ނިމުނީ ހެންނެވެ. އިޖްތިމާއީ އެބޮޑު ވަބާއަށް ހައްލު ލިބުނީ ކަމަށެވެ. މަސްތުވާތަކެތި ވިއްކާ ބޮޑުން ހައްޔަރުވެ އެ ވިޔަފާރި ނިމުނީ ކަމަށެވެ.

އެހެން ހީނުވާންވީ ސަބަބެއް ނެތެވެ. ހިންގާން ފެށީ އާދައިގެ އޮޕަރޭޝަނެއް ނޫނެވެ. މާ ސިންގާ ބޮޑު އޮޕަރޭޝަނެކެވެ. ސަރުކާރުން ބުނިގޮތުންނަމަ މިހާތަނަށް ދުވަހަކުވެސް ނުހިންގާވަރުގެ ބިޔަ އޮޕަރޭޝަނެކެވެ. ސީދާ ރައީސުލްޖުމްހޫރިއްޔާ އަންގަވައިގެން ފެށި އޮޕަރޭޝަނެކެވެ. މަސްތުވާތަކެތީގެ ޑީލަރުން ހައްޔަރުކުރުމަށް މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަނެކެވެ.

އޮޕަރޭޝަން ފެށިކަން އިއުލާން ކުރެއްވީވެސް ސީދާ ރައީސުލްޖުމްހޫރިއްޔާ އެވެ. އިއުލާން ކުރެއްވީ "މަސްތުވާތަކެތީގެ ޑީލަރުންގެ ފަހަތުން ފުލުހުން ދާނެ" ކަމަށެވެ.

މިދިޔަ ހަފުތާގެ ބުރާސްފަތި ދުވަހު އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުއިއްޒު ވިދާޅުވީ، ދިވެހިރާއްޖެއަކީ ޑްރަގްގެ ވަބާއިން އެއްކޮށް ސަލާމަތް ވެފައިވާ ގައުމަކަށް ހެދުމަށް ސަރުކާރުން ގިނަ މަސައްކަތްތަކެއް ކުރަމުންދާ ކަމަށެވެ.

އެގޮތުން ޑްރަގުގެ ވިޔަފާރީގަ ބައިވެރިވާ ފަރާތްތަކާއި ދެކޮޅަށް ޚާއްސަ ކޮށްގެން ބުރާސްފަތި ދުވަހު އޮޕަރޭޝަނެއް ހިންގުމަށް ފުލުހުންނަށް އަންގާފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.

އެއް ވަގުތެއްގައި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަން ބަލާ ފާސްކުރެވިފައިވާ ކަމަށާއި، މި އޮޕަރޭޝަނުގައި 500 އަށްވުރެ ގިނަ ފުލުހުން ބައިވެރިވާ ކަމަށް ރައީސް މުއިއްޒު ވިދާޅުވި އެވެ.

މީގެ އިތުރުން މި އޮޕަރޭޝަންއާ ގުޅޭގޮތުން ފުލުހުން ބުނީ، "އޮޕަރޭޝަން އަލިމަގު" ގެ ނަމުގައި މަސްތުވާތަކެއްޗާ ދެކޮޅަށް ޚާއްސަ އޮޕަރޭޝަނެއް މުޅި ރާއްޖެ ހިމެނޭ ގޮތަށް ފަށާފައިވާ ކަމަށެވެ.

ފުލުހުން ބުނީ، އިންޓެލިޖެންސް މައުލޫމާތަށް ބިނާކޮށް ކުރިއަށް ގެންދިޔަ އެ އޮޕަރޭޝަން ބުރާސްފަތި ދުވަހުގެ ހެނދުނު 05:30 ގައި ފަށާފައިވާ ކަމަށެވެ.

500 އަށްވުރެ ގިނަ ފުލުހުންނާއެކު، ސްޕެޝަލައިޒްޑް ޑިޕާޓްމަންޓްތަކާއި ރީޖަންތަކުން ވިލަރެސް ކުރެވިގެން އެކުލަވާލެވިފައިވާ ޓީމުތަކުން މުޅި ރާއްޖޭގެ 100 އަށްވުރެ ގިނަ ތަންތަނުގައި އެއްވަގުތެއްގައި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒު ކުރުމުގެ އަމަލީ މަސައްކަތްތަކެއް ކުރިއަށް ގެންދިޔަ ކަމަށް ފުލުހުން ބުންޏެވެ.

ފުލުހުން ބުނީ، "އޮޕަރޭޝަން އަލިމަގު" އަކީ ފަހުގެ އަހަރުތަކުގައި އެންމެ ފުޅާ ދާއިރާއެއްގައި ހިންގޭ މަސްތުވާތަކެއްޗާ ދެކޮޅު ހަރަކާތެއް ކަމަށެވެ.

މިއީ ރާއްޖޭގައި ހަރަކާތްތެރިވާ މަސްތުވާތަކެތީގެ ވިޔަފާރިކޮށް ޓްރެފިކްކުރާ ވިއުގަތައް ހުއްޓުވައި، މުޅިން ނައްތާލުމަށާއި، މުޖުތަމައުގައި މަސްތުވާތަކެތި ފެތުރުމުގައި ޒިންމާވާ ފަރާތްތައް ގާނޫނުގެ ކުރިމައްޗަށް ގެނައުމަށް ކުރެވޭ ދެމެހެއްޓެނިވި މަސައްކަތްތަކުގެ ތެރެއިން ހިންގޭ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ.

އޮޕރޭޝަން ބުރާސްފަތި ދުވަހު ކުރިއަށް ގެންދިޔައިރު އެކަމާ ގުޅޭ އެކި ވާހަކަތައް ހޯމް މިނިސްޓަރުވެސް ދޭތެރެ ދޭތެރެއިން ގެންދެވީ ދައުލަތުގެ ޓީވީ މެދުވެރިކޮށް ދައްކަވަމުންނެވެ. އަދި ފުލުހުން ވަނީ އެ ހާއްސަ އޮޕަރޭޝަންގައި އަތުލައިގަތް މަސްތުވާތަކެއްޗާއި ފައިސާތަކެއް ވެސް ސޯޝަލް މީޑިއާގައި އާންމުކޮށްފަ އެވެ.

މީގެ އިތުރުން 97 މީހަކު ހައްޔަރުކޮށް، ޖުމްލަ 86 ތަނެއް ބަލައި ފާސްކޮށްފައިވާ ކަމަށްވެސް ފުލުހުން ބުންޏެވެ.

އިއްތިފާގުން މި އޮޕަރޭޝަން ފެށީ ޖެހިގެން އައި ހުކުރު ދުވަހުގެރޭ ޕީއެންސީން ޖަލްސާއެއް ބާއްވަން ނިންމާ އެކަމަށް މުޅި ސަރުކާރު މަސައްކަތް ކުރަމުން ދިޔަ ދަނޑިވަޅެއްގައެވެ. ވައިގެ މަގުންނާއި ކަނޑުމަގުން އެތައް ބަޔަކު މާލެ ގެނައުމުގެ މަސައްކަތް އޭރު ދިޔައީ ކުރިއަށެވެ.

އެރޭގެ ޖަލްސާގައިވެސް މުއިއްޒު އެންމެ ގަދައަށް ދެއްކެވި އެއް ވާހަކައަކީ އެއޮޕަރޭޝަންގެ ވާހަކައެވެ. ޑީލަރުން ހޯދާނެ ވާހަކައެވެ. އެމީހުންނަށް ދެން ފިލާ ނުތިބެވޭނެ ވާހަކައެވެ.

ބޮޑު މިބޮޑު މައްސަލައަށް ހައްލެއް ލިބޭތީ ރައްޔިތުން ހިތްހަމަ ޖެހުނެވެ. އެކަމަކު އޭގެ ފަހުން މިއަދާ ހަމައަކަށް އެކަމުގެ އިތުރު ހިލަމެއް ނެތެވެ. އެއޮޕަރޭޝަން ފެށިތާ ހަފުތާއެއް ވެގެން ދިޔައިރު އިތުރަކަށް އެކަމުގެ އެއްވެސް ތަފްސީލެއް މުއިއްޒުވެސް އަދި ފުލުހުންވެސް ނުދެއެވެ. އަތުލައިގެން މަސްތުވާތަކެތި ދެއްކިއިރު އެއީ ރާއްޖޭގައި ގެންގުޅޭ ކަމަށްބެލެވޭ ވަރާ ބަލާއިރު މާބޮޑު އެއްޗެއް ނޫނެވެ. ހައްޔަރުކުރިކަމަށް ބުނާ މީހުންގެ ވަނަވަރެއް ފޮޓޯއެއް ހިސާބުވެސް ނުދައްކައެވެ. އެމީހުންނަށް ދެންވީ ކިހިނެއް ކަމެއް ނޭނގެއެވެ. ހައްޔަރު ކުރެވޭ މީހުން 24 ގަޑިއިރުތެރޭ އެމީހުންގެ ބަންދާމެދު ގޮތެއް ނިންމަން ޖެހޭއިރު އޭގެ ތެރެއިން ކިތަންމީހުން ކޯޓަށް ގެންގޮސް ބަންދުގެ މުއްދަތު އިތުރުކުރިކަމެއް ނޭގެއެވެ. ހައްޔަރުކުރި މީހުން މިއަދު ކޮބައިތޯއާއި އެމީހުން ތިބީ ހައްޔަރު ކޮށްފައި ކަމެއްވެސް ނޭނގެއެވެ. އަދި އެއީ އެތަކެތި އެތެރެކޮށް އޭގެ ވިޔަފާރިކުރާ ކިހާ ވަރުގަދަ ބައެއް ކަމެއްވެސް ނޭގެވެ. ކުރުކޮށް ބުނަންޏާ އެއޮޕަރޭޝަން ފެށިކަން އިއުލާން ކުރުމާ އެދުވަހު އެހިންގި ކަންކަމަށްވުރެ އިތުރު ކަމެއް ކުރިކަމުގެ ވާހަކައެއް ނުދައްކައެވެ. އޭގެ އެއްވެސް މައުލޫމާތެއްވެސް އަދި ހާމައެއް ނުކުރެއެވެ. އެހާ ބޮޑު އިސްކަމެއް ދެއްވައިގެން ސީދާ އަންގަވައިގެން ފެށި އެ އޮޕަރޭޝަނާ ގުޅޭގޮތުން މުިއްޒުވެސް އޭގެފަހުން ސުއްބުވެސް ވިދާޅެއް ނުވެއެވެ.

އާދައިގެ ރިހާކުރުފުޅިއެއް ނަގައިގެން ހައްޔަރު ކުރާ މީހާއަށް ބަންދުގެ މުއްދަތު ޖަހާ ވާހަކައާއި އޭނާގެ ފޮޓޯއާއެކު ވަނަވަރު ހާމަކުރާ ފުލުހުން މިކަމުގައި އަމަލު މިކުރީ ކިހިނެއް ހެއްޔެވެ. ހައްޔަރު ކުރިކަމަށް ބުނާ މީހުންގެ ފޮޓޯއާއި ވަނަވަރު އާއްމު ނުކުރަނީ ކީއްވެ ހެއްޔެވެ. އަމުދުން އެފަދަ ބޮޑު އޮޕަރޭޝަނެއްގެ އިތުރު ހިލަމެއް ނެތީ ކީއްވެ ހެއްޔެވެ. މިއީ ރައްޔިތުންގެ ހިތުގައި އުފެދޭ ބޮޑު ސުވާލު ތަކެކެވެ. މިސުވާލުތައް މިހެން ކުރިމަތިވާއިރު އުފެދޭ ބޮޑު އެހެން ސުވާލެއްވެސް އެބައޮތެވެ. މިއީ ހަގީގަތުގައިވެސް ސީރިއަސް ކަމެއް ދީގެން ހިންގި އޮޕަރޭޝަނެއް ބާވައެވެ. ނޫންނަމަ ޖެއްސި ސްޓަންޓެއް ހެއްޔެވެ. ޕީއެންސީގެ ޖަލްސާގައި މުއިއްޒު ދައްކަވާނެ މޮޅު ވާހަކައެއް ހަދާލަން ކުޅުނު ޑްރާމާއެއް ހެއްޔެވެ. އެކަމަށް ބާރު ލިބިދެނީ އެޖަލްސާއާއެކު އެޖަލްސާގެ އަޑު ކެނޑުނުހެން މަސްތުވާތަކެތީގެ ޑީލަރުން ފަހަތުން ދުވުނު އެ އޮޕަރޭޝަންގެ އެއްވެސް އަޑެއް ނީވުމެވެ. ހާދަހާވާ ދެރައެވެ. ކަން މިވީގޮތުން ކުރެވުނު އުއްމީދުވެސް އެދިޔައީ ފަނުފުލުންނެވެ. އެކަމަކީ ޖަލްސާއަށް މީހުން ގިނަ ކުރަން ނޫންނަމަ އެޖަލްސާގައި މުއިއްޒު ދައްކަވާނެ މޮޅުވާހަކައެއް ހަދާލަން ކުޅުނު ޑްރާމާއެއްނަމަ އަދި މާ ދެރައެވެ.

- ކޮމެންޓް