ފްރާންސްގެ ބޮޑު ވަޒީރު ކަމުގެ މަޤާމަށް މިދިޔަ ސެޕްޓެމްބަރު މަހު އައްޔަން ކުރެއްވި ސެބަސްޓިއަން ލެކޯނޫ މަޤާމުން އިސްތިއުފާ ދެއްވައިފި އެވެ.
މިދިޔަ ސެޕްޓެމްބަރު މަހުގެ ނުވަ ވަނަ ދުވަހު، ފްރާންސްގެ ރައީސް އިމަނުއެލް މެކްރޮން ވަނީ އެ ޤައުމުގެ ބޮޑު ވަޒީރު ކަމަށް ލެކޯނޫ އައްޔަން ކުރައްވައިފަ އެވެ. އެއީ އޭނާގެ ކުރިން މަގާމުގައި ހުންނެވި ފްރާންސުއާ ބެއިރޫ އިސްތިއުފާ ދެއްވުމާ ގުޅިގެންނެވެ.
ބޮޑު ވަޒީރު ކަމުގެ މަޤާމުން ލެކޯނޫ އިސްތިއުފާ ދެއްވާފައި ވަނީ ހޯމަ ދުވަހު އެވެ. އެއީ ފްރާންސްގެ އައު ސަރުކާރު އެކުލަވާލިތާ މާ ގިނައިރު ތަކެއް ނުވަނީހެވެ. ފްރާންސްގެ ރިޔާސީ ގަނޑުވަރުން ވަނީ ލެކޯނޫ އިސްތިއުފާ ދެއްވާފައިވާކަން ހާމަކޮށްފަ އެވެ.
ފްރާންސްގެ ބޮޑު ވަޒީރު ކަމަށް ލެކޯނޫ އައްޔަން ކުރެއްވުމުގެ ކުރިން އޭނާ ހުންނެވީ ޑިފެންސް މިނިސްޓަރުގެ މަގާމުގަ އެވެ. އައު ސަރުކާރު އެކުލަވާލިއިރު، ކެބިނެޓަށް ވަނީ ކޮންމެ ވެސް ވަރެއްގެ ބަދަލުތަކެއް ގެނެސްފަ އެވެ. އެހެން ނަމަވެސް، އައު ސަރުކާރުގެ ކެބިނެޓަށް ވެސް ވަނީ ފާޑު ކިޔުންތަކާ ކުރިމަތިލާން ޖެހިފަ އެވެ.
މެކްރޮން އިއުލާން ކުރެއްވި އައު ސަރުކާރުގެ ޑިފެންސް މިނިސްޓަރުގެ މަޤާމަށް އައްޔަން ކުރައްވާފައި ވަނީ، 2017 ވަނަ އަހަރުން ފެށިގެން، 2024 ވަނަ އަހަރަށް އިޤްތިޞާދީ ވަޒީރު ކަމުގައި ހުންނެވި ބްރޫނޯ ލޭ މެއާ އެވެ. އޭނާގެ ބަދަލުގައި އިޤްތިޞާދީ ވަޒީރަކަށް އައްޔަން ކުރައްވާފައި ވަނީ ރޯލަންޑް ލެސްކިއުރް އެވެ.
ފްރާންސްގެ އައު ސަރުކާރު އެކުލަވާލިއިރު ވެސް، ކުރީގެ ގިނަ ވަޒީރުން މަޤާމު ތަކުގައި ދެމި ތިއްބެވެ. އޭގެ ތެރޭގައި ފޮރިން މިނިސްޓަރު ޖޯން ނޮއެލް ބަރޮޓް، ހޯމް މިނިސްޓަރު ބްރޫނޯ ރެޓެއިލޯ އަދި ޖަސްޓިސް މިނިސްޓަރު ޖެރަްޑް ދަރްމަނިން ހިމެނެ އެވެ.
މީގެ އިތުރުން ކޮރަޕްޝަންގެ ތުހުމަތުތައް އަމާޒުވެ، އަންނަ އަހަރު ޝަރީއަތާ ކުރިމަތިލާން ޖެހިފައިވާ ކަލްޗާ މިނިސްޓަރު ރަޝިދާ ޑަޓީ ވެސް ވަނީ މަޤާމުގައި ދެމި ހުންނަވައިފަ އެވެ.
ބޮޑު ވަޒީރު ކަމުން ލެކޯނޫ އިސްތިއުފާ ދެއްވާފައިވާއިރު، އޭނާގެ މައްޗަށް ގާނޫނު ހަދާ މަޖިލީހުގައި އިތުބާރު ނެތް ކަމުގެ ވޯޓު ނަގައިފާނެ ކަމުގެ ބިރު އޮތީ ބޮޑުވެފަ އެވެ.
ފްރާންސްގައި ސިޔާސީ ހަލަބޮލިކަން އިތުރުވެފައިވާއިރު، ފްރާންސް ސަރުކާރުގެ ދަރަނި ވަނީ މިހާތަނަށް ނުދެކޭ މިންވަރަކަށް މައްޗަށް ގޮސްފަ އެވެ. ޖީޑީޕީގެ ނިސްބަތުން ދަރަނީގެ މިންވަރަަށް ބަލާއިރު، ފްރާންސް އަކީ ގްރީސް އާއި އިޓަލީ ފިޔަވައި ޔޫރަޕިއަން ޔޫނިއަންގައި އެންމެ ބޮޑަށް ދަރަނިވެރިވެފައިވާ ޤައުމެވެ.
ވޭތުވެ ދިޔަ ތިން އަހަރު ވެސް ފްރާންސް ސަރުކާރުން ބަޖެޓު ފާސްކޮށްފައި ވަނީ ޤާނޫނު ހަދާ މަޖިލީހުގެ ވޯޓަކާ ނުލައި، ޤާނޫނު އަސާސާ އިން ލިބިދޭ ބާރުގެ ދަށުންނެވެ. ނަމަވެސް، އެގޮތަށް ބަޖެޓު ފާސް ކުރުމާ މެދު އިދިކޮޅު ފަރާތްތަކުން ވަނީ ނުރުހުން ފާޅު ކޮށްފަ އެވެ.
ލެކޯނޫ އަކީ މެކްރޮންގެ ވެރި ކަމުގައި ފްރާންސްގައި އައްޔަން ކުރެވުނު ހަތް ވަނަ ބޮޑު ވަޒީރެވެ. އެހެންކަމުން ދެން އައްޔަން ކުރައްވާ ބޮޑު ވަޒީރު ވާނީ މެކްރޮންގެ ސަރުކާރުގައި އައްޔަން ކުރައްވާ އަށް ވަނަ ބޮޑު ވަޒީރަށެވެ.