އިނގިރޭސިވިލާތުގެ ދެކުނުގައި ހުންނަ މިސްކިތެއްގައި އަލިފާން ޖެހުމުގެ މައްސަލަ، ނަފުރަތުގެ އަމަލެއްގެ ގޮތުގައި ބަލައި ތަހުޤީގު ކުރަމުން އަންނަ ކަމަށް އެ ޤައުމުގެ ފުލުހުން ހާމަ ކޮށްފި އެވެ.
ޕީސްހޭވަން ސަރަހައްދުގައި ހުންނަ މިސްކިތެއްގައި އަލިފާން ޖެހި މައްސަލަ ފުލުހުންނަށް ރިޕޯޓު ކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ފަތިހުގެ ވަގުތެއްގަ އެވެ. މި ހާދިސާގައި އެއްވެސް މީހަކަށް އަނިޔާވެފައި ނުވި ނަމަވެސް، މިސްކިތުގެ މައި ދޮރާށްޓާއި، މިސްކިތު ކުރިމަތީގައި ޕާކު ކޮށްފައި އޮތް އުޅަނދަކަށް ގެއްލުން ލިބިފައިވެ އެވެ.
މި ހާދިސާ ހިނގާފައި ވަނީ މެންޗެސްޓަރގެ އުތުރުގައި ހުންނަ ޔަހޫދީންގެ ސިނަގޯގަކަށް ބުރާސްފަތި ދުވަހު ދިން ހަމަލާއެއްގައި ދެ މީހަކު މަރުވެ، އިތުރު ތިން މީހަކަށް ބޮޑެތި ގެއްލުން ތަކެއް ލިބިފައި ވަނިކޮށެވެ. މި ދެ ހާދިސާއާ ގުޅިގެން އިނގިރޭސިވިލާތުގެ ސަލާމަތީ ބާރު ތަކުން ވަނީ ސަލާމަތީ ފިޔަވަޅުތައް އިތުރަށް ވަރުގަދަ ކޮށްފަ އެވެ.
ސިނަގޯގަކަށް އަމާޒުކޮށް ދިން ހަމަލާއާ ގުޅިގެން އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާ ވަނީ އެކަން ކުށްވެރި ކުރައްވައިފަ އެވެ. އަދި އެކަން ތަހުޤީގު ކުރުމަށާއި، އެކަން ސީރިއަސް މައްސަލައެއްގެ ގޮތުގައި ބެލުމަށް ވެސް ބޮޑު ވަޒީރު ވަނީ ގޮވާލައްވައިފަ އެވެ.
އިނގިރޭސިވިލާތުގެ ފުލުހުން މިހާރު ކުރަމުން އަންނަ މަސައްކަތަކީ އަލިފާން ޖެހުމުގެ މައްސަލައިގެ ހެކި ހޯދުމުގެ މަސައްކަތެވެ. އަދި މި ހާދިސާއާ ގުޅޭ އެއްވެސް މައުލޫމާތެއް އާންމުންގެ ތެރެއިން ލިބެން ހުރި ނަމަ، އެ މައުލޫމާތެއް ފުލުހުންނާ ހިއްސާ ކުރުމަށް ވެސް ވަނީ އެދިފަ އެވެ.