އިނގިރޭސިވިލާތުގެ ބޮޑު ވަޒީރު ކިއާ ސްޓާމާގެ ލޭބާ ޕާޓީ އަށް އެ ޤައުމުގައި އޮތް ތާއީދު ރެކޯޑު މިންވަރަކަށް ދަށަށް ވެއްޓިއްޖެ ކަމަށް، އާންމުންގެ ޚިޔާލު ހޯދުމުގެ ވޯޓުން ދައްކައިފި އެވެ.
ޔޫގޮވް ކުންފުނިން ހިންގި ސާވޭގައި ލޭބާ ޕާޓީ އަށް އޮތް ތާއީދު ވަރަށް ބޮޑަށް ދަށްވެފައިވާއިރު، މިއީ އިނގިރޭސިވިލާތުގެ ތާރީޚުގައި ވެސް އެންމެ ދަށް މިންވަރު ކަމަށް ފާހަގަ ކޮށްފައިވެ އެވެ. އެ ވޯޓުގެ ނަތީޖާ އިން ހާމަ ވަނީ ލޭބާ ޕާޓީއާ ވާދަކުރާ ގްރީން ޕާޓީ އާއި އެހެން ޕާޓީ ތަކުގެ ފަރާތުން، ވެރިކަން ކުރާ ލޭބާ ޕާޓީ އަށް އޮތް ގޮންޖެހުމެވެ.
އަންގާރަ ދުވަހު ހާމަ ކޮށްފައިވާ މި ސާވޭގައި ބައިވެރިވި އިނގިރޭސިވިލާތުގެ ރައްޔިތުންގެ ތެރެއިން، މާދަމާ ވެސް އިންތިޚާބެއް ބާއްވައިފި ނަމަ، ލޭބާ ޕާޓީ އަށް ވޯޓު ދޭނެ ކަމަށް ބުނެފައި ވަނީ އެންމެ 17 އިންސައްތަ ރައްޔިތުންނެވެ. މިއީ މިހާރު ވެސް އެތައް ޕްރެޝަރަކާ ކުރިމަތިލާން ޖެހިފައިވާ ސްޓާމާ އަށް އޮތް އިތުރު ގޮންޖެހުމަކަށް ވާނެ ކަމަށް މާހިރުން އަންނަނީ ފާހަގަ ކުރަމުންނެވެ.
ނައިޖެލް ފަރާޖް ލީޑަރުކަން ކުރަމުން އަންނަ ކަނާއަތު ފިޔައިގެ ރިފޯމް ޔޫކޭ ވަނީ މި ސާވޭގައި އެންމެ ގިނަ އިންސައްތަ ވޯޓު ހޯދައިފަ އެވެ. އެގޮތުން، އެ ސާވޭގައި 27 އިންސައްތަ ރައްޔިތުން ބުނެފައި ވަނީ ރިފޯމް ޔޫކޭ އަށް ވޯޓު ދޭނެ ކަމަށެވެ. މީގެ ކުރިން ސްޓާމާ ވަނީ، ރިފޯމް ޔޫކޭއާ ވާދަކޮށް، އެ ޕާޓީގެ މައްޗަށް ކުރި ހޯދަން ޖެހޭ ކަމަށް ލޭބާ ޕާޓީގެ މެމްބަރުންނަށް ވެސް ގޮވާލައްވައިފަ އެވެ.
މި ސާވޭގައި ގްރީން ޕާޓީ އިން ވަނީ 16 އިންސައްތަ ވޯޓު ހޯދައިފަ އެވެ. މިއީ 2021 ވަނަ އަހަރު ޔޫގޮވްގެ ޑޭޓާ ސީރީޒް އިން ވޯޓު ނަގަން ފެށި ފަހުން، އެ ޕާޓީ އަށް އެންމެ ތާއީދު ބޮޑުވި ފަހަރެވެ. ސާވޭގައި ލޭބާ ޕާޓީއާ ވާދަވެރި ކޮންޒަވޭޓިވް ޕާޓީ އިން ވެސް ވަނީ އެ ޕާޓިއާ އެއް ހަމައެއްގައި ހިފަހައްޓައިފަ އެވެ. އެގޮތުން ކޮންޒަވޭޓިވް ޕާޓީ އިން ވަނީ 17 އިންސައްތަ ވޯޓު ހޯދައިފަ އެވެ. މީގެ އިތުރުން ލިބަރަލް ޑިމޮކްރަޓްސް އަށް ލިބިފައި ވަނީ 15 އިންސައްތަ އެވެ.
މި ސާވޭގައި ފަސް ޕާޓީ އިން ވެސް މަދުވެގެން 15 އިންސައްތަ ވޯޓު ހޯދާފައިވާއިރު، މި ސާވޭ އިން ދައްކައިދެނީ އިނގިރޭސިވިލާތުގެ ސިޔާސީ މަސްރަހު ވަރަށް ބޮޑަށް ބައިބައިވެފައިވާ މަންޒަރު ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ. ބޮޑު ވަޒީރު ސްޓާމާ އަށް 2029 ވަނަ އަހަރުގެ މެދު ތެރެއާ ހަމައަށް ޖެހެންދެން އައު އިންތިޚާބެއް ބޭއްވުމުގެ ޒިންމާއެއް ނެތް ނަމަވެސް، މި ސާވޭ އިން ހާމަވަނީ ލޭބާ ޕާޓީ އަށް ހުރިހާ ދިމާލަކުން ވެސް ބޮޑެތި ގޮންޖެހުން ތަކެއް ކުރިމަތިވެފައިވާ ކަމަށެވެ.
މީގެ އިތުރުން 2026 ވަނަ އަހަރުގެ މެއި މަހު ބާއްވަން ހަމަޖެހިފައިވާ ލޯކަލް އިންތިޚާބު ތަކަކީ ސްޓާމާގެ ލީޑާޝިޕަށް ނިމުމެއް އައު އެކަށީގެންވާ ވަރުގެ އިންތިޚާބެއް ކަމަށް، ލޭބާ ޕާޓީގެ އިސް މެމްބަރުން އަދި އާންމު މެމްބަރުން ވެސް ދެކެ އެވެ. މިކަން މިހެން އޮތްއިރު، ވެރިކަމުގައި ކުރިމަތި ވަމުން އަންނަ ގޮންޖެހުންތަކާއި، ޕާޓީގެ އެތެރެއިން ދިމާވާ ގޮންޖެހުން ތަކަށް ޙައްލު ހޯދުމަށް ސްޓާމާ އަންނަނީ ގިނަ މަސައްކަތް ތަކެއް ކުރައްވަމުންނެވެ.
ފާއިތުވި ދުވަސް ތަކުގައި ސްޓާމާ ވަނީ، ރިފޯމް ޔޫކޭއާ ވާދަ ކުރުމަށް ގިނަ މަސައްކަތް ތަކެއް ކޮށްފަ އެވެ. އެގޮތުން އެ ޕާޓީގެ ފަރާތުން އޭނާގެ ސަރުކާރަށް ކުރިމަތި ވަމުން އަންނަ ގޮންޖެހުންތައް ކުޑަ ކުރުމަށް އިމިގްރޭޝަންގެ މައްސަލައިގައި ވަރަށް ހަރުކަށި ވާހަކަ ތަކެއް ސްޓާމާ ވަނީ ދައްކަވައިފަ އެވެ.
ޒެކް ޕޮލަންސްކީގެ ލީޑާޝިޕްގެ ދަށުން ހިންގަމުން އަންނަ ގްރީން ޕާޓީ ވަރުގަދަ ވަމުން ދިޔުމުން ހާމަވަނީ، ލޭވާ ޕާޓީ އަށް ނުވަތަ ވާއަތު ފިޔައިގެ ޕާޓީ ތަކަށް ވޯޓު ގެއްލޭނެ ކަމުގެ ފުރުސަތު ބޮޑުވުން ކަމަށް މާހިރުން ވަނީ ފާހަގަ ކޮށްފަ އެވެ.