Advertisement
ކ. މާލެ
|
18 ސެޕްޓެންބަރ 2025 | ބުރާސްފަތި 17:40
އިސްރާއީލް އިން ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ އދ ގެ މިނިވަން ކޮމިޝަންގެ ޗެއަރ ޕިއްލޭ
އިސްރާއީލް އިން ޣައްޒާގައި ހިންގާ އަނިޔާވެރި އަމަލުތައް ތަހުގީގު ކުރުމަށް އުފައްދާފައިވާ އދ ގެ މިނިވަން ކޮމިޝަންގެ ޗެއަރ ޕިއްލޭ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
ޤަތުލު އާންމުގެ ސަބަބުން، އިސްރާއީލްގެ ވެރިން ޖަލަށް ލެވޭނެ ކަމުގެ އުންމީދު ޕިއްލޭ ފާޅު ކުރައްވައިފި
އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމަކީ، ރުވަންޑާގައި ހިނގި ކަންތައްތަކާ އެއް ފަދަ ކަމެއް ކަމަށް ފާހަގަ ކުރައްވައި ޕިއްލޭ ވިދާޅުވީ، އިސްރާއީލްގެ ވެރިން ޖަލަށް ލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމުގެ ސަބަބުން، އިސްރާއީލްގެ އިސްވެރިން ޖަލަށް ލެވޭނެ ކަމުގެ އުންމީދު އޮތް ކަމަށް އދ ގެ އިންސާނީ ހައްގު ތަކުގެ އިސްވެރިޔާގެ މަގާމު ފުރުއްވާފައިވާ ދެކުނު އެފްރިކާގެ ކުރީގެ ފަނޑިޔާރު ނަވީ ޕިއްލޭ ވިދާޅުވެއްޖެ އެވެ.

އިސްރާއީލްގެ ޤަތުލު އާންމު ތަހުގީގު ކުރަމުން އަންނަ އދ ގެ ތަހުގީގީ ޓީމުގައި ހިމެނި ވަޑައިގަންނަވާ ޕިއްލޭ ވިދާޅުވީ، އިސްރާއީލްގެ އަމަލުތަކަށް އަދުލު އިންސާފު ޤާއިމު ކުރުމުގެ މަސައްކަތް ލަސްވާ ކަމަށެވެ. ޕިއްލޭ އަކީ ރުވަންޑާގައި 1994 ވަނަ އަހަރުގެ ޤަތުލު އާންމުގެ ބައިނަލްއަޤުވާމީ ޓްރައިބުނަލްގެ އިސްވެރިޔާގެ މަގާމު ވެސް އަދާ ކުރެއްވި ފަރާތެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ޤަތުލު އާންމަކީ، ރުވަންޑާގައި ހިނގި ކަންތައްތަކާ އެއް ފަދަ ކަމެއް ކަމަށް ފާހަގަ ކުރައްވައި ޕިއްލޭ ވިދާޅުވީ، އިސްރާއީލްގެ ވެރިން ޖަލަށް ލެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށެވެ.

އޭއެފްޕީ އަށް ދެއްވި އިންޓަވިޔުއެއްގައި ޕިއްލޭ ވިދާޅުވީ، ނެލްސަން މަންޑޭލާ ވިދާޅުވެފައިވާ ފަދައިން، އަގެއް ކުރެވެން ދެން ހީވާނީ، ކަމެއް ނުކުރެވޭނެ ކަމަށެވެ. އެކަން ފާހަގަ ކުރައްވައި ޕިއްލޭ ވިދާޅުވީ، މުސްތަޤުބަލުގައި ޝަރީއަތްތައް ހިންގޭނެ ކަމީ، ނުވާނެ ކަމެއްގެ ގޮތުގައި ނުފެންނަ ކަމަށެވެ.

މިދިޔަ އަންގާރަ ދުވަހު ނެރުނު ރިޕޯޓެއްގައި ޕިއްލޭގެ މިނިވަން ބައިނަލްއަޤުވާމީ ތަހުގީގު ކޮމިޝަން އިން ނިންމާފައި ވަނީ، ޣައްޒާގައި ނަސްލު ނައްތާލުމުގެ ޖަރީމާއެއް އިސްރާއީލް އިން ހިންގަމުން އަންނަ ކަމަށެވެ. ނަމަވެސް، އިސްރާއީލް އިން ވަނީ އެ ރިޕޯޓާ ދެކޮޅު ހަދާ ކަމަށް ހާމަކޮށްފަ އެވެ.

އެ ތަހުގީގު ކޮމިޝަން އިން ނިންމާފައި ވަނީ އިސްރާއީލްގެ ރައީސް އިސާގް ހާޒޮގްގެ އިތުރުން، ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ އަދި ކުރީގެ ޑިފެންސް މިނިސްޓަރު ޔޯވް ގަލަންޓް ވެސް ނަސްލު ނައްތާލުގެ ޖަރީމާ ހިންގުމަށް ހިތްވަރު ދީފައިވާ ކަމަށެވެ.

ޕިއްލޭ ވިދާޅުވެފައި ވަނީ ރުވަންޑާގެ ނަސްލު ނައްތާލުމުގައި ޓުޓްސީންނަށް އަމާޒު ކުރެވުނު ފަދައިން، ހުރިހާ ހެކި ތަކަކުން ވެސް ދައްކަނީ މިހާރު އެކަން އަމާޒު ކުރެވެނީ ފަލަސްޠީނުގެ ރައްޔިތުންނަށް ކަމަށެވެ. އަދި އިސްރާއީލްގެ ވެރިން، ފަލަސްޠީނުގެ ރައްޔިތުން "ޖަނަވާރުން"ގެ ގޮތުގައި ސިފަ ކޮށްފައިވާ ކަމަށާއި، އެއީ ރުވަންޑާގެ ނަސްލު ނައްތާލުމުގައި ޓުޓްސީންނަށް "ފަނިފަކުސާ"ގެ ގޮތުގައި ގޮވި ގޮވުމާ އެއްފަދަ ކަމެއް ކަމަށް ޕިއްލޭ ވަނީ ވިދާޅުވެފަ އެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް