ޣައްޒާ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމުގެ ދަށުން، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި މަރުވެފައިވާ ރަހީނުންގެ އިތުރު ތިން ހަށިގަނޑު ހަވާލު ކޮށްފައިވާ ކަމަށް އިސްރާއީލް އިން ބުނެފި އެވެ.
އެމެރިކާ މެދުވެރިވެގެން އެކުލަވާލާފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުގެ ދަށުން، ހަމާސް ޖަމާއަތުގެ ބެލުމުގެ ދަށުގައި ތިބި ހުރިހާ ރަހީނުން މިނިވަން ކުރަން ޖެހެ އެވެ. އޭގެ ތެރެއިން ދިރި ތިބި ހުރިހާ ރަހީނުން މިނިވަން ކޮށްފައިވާއިރު، ހަމާސް އިން ވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް ވެސް ހަވާލު ކުރާނެ ކަމަށް އެއްބަސްވެފަ އެވެ.
އާދީއްތަ ދުވަހު އިސްރާއީލް އިން ބުނެފައި ވަނީ، އިތުރު ތިން ރަހީނުންގެ ހަށިގަނޑު ލިބިފައިވާ ކަމަށެވެ. އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފައި ވަނީ، ރެޑް ކްރޮސް މެދުވެރިކޮށް ރަހީނުންގެ ހަށިގަނޑުތައް ހަވާލު ކޮށްފައިވާ ކަމަށެވެ. އިސްރާއީލްގެ އަސްކަރިއްޔާއާ ހަށިގަނޑުތައް ހަވާލު ކޮށްފައިވާއިރު، ހަށިގަނޑުތައް ދެނެގަތުމުގެ ފޮރިންސިކް ހެދުމަށް މެޑިކަލް މަރުކަޒު ތަކަށް ގެންދެވޭނެ ކަމަށް ވެސް ބުނެފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ހަމާސް އިން ބުނެފައި ވަނީ، އެ ތިން ރަހީނުންގެ ހަށިގަނޑު ފެނިފައި ވަނީ ދެކުނު ޣައްޒާ އިން ކަމަށެވެ. އެއްބަސްވުން ޤާއިމު ކުރިއިރު، ހަމާސްގެ ބެލުމުގެ ދަށުގައި ތިބީ ޖުމުލަ 48 ރަހީނުންނެވެ. އޭގެ ތެރެއިން ދިރި ތިބި ރަހީނުންގެ އަދަދަކީ 20 އެވެ. އެ އެންމެން ވެސް ހަމާސް އިން ވަނީ މިނިވަން ކޮށްފަ އެވެ.
މަރުވެފައިވާ 28 ރަހީނުންގެ ތެރެއިން، މިހާތަނަށް ހަމާސް އިން މި ވަނީ 17 މީހެއްގެ ހަށިގަނޑު ހަވާލު ކޮށްފަ އެވެ. އޭގެ ތެރެއިން 15 މީހުންނަކީ އިސްރާއީލްގެ ރައްޔިތުންނެވެ. ދެން ތިބީ ތައިލެންޑުގެ ރައްޔިތަކާއި، ނޭޕާލްގެ ރައްޔިތެކެވެ. ހަމާސް އިން ބުނެފައި ވަނީ، ބާކީ ހަށިގަނޑުތައް ވެސް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށެވެ.
އިސްރާއީލް އިން ތުހުމަތު ކޮށްފައިވާ ގޮތުގައި، މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް ހަވާލު ކުރުމުގައި ހަމާސް ޖަމާއަތް ލަސް ކުރެ އެވެ. ނަމަވެސް ހަމާސް އިން ބުނެފައި ވަނީ، ހަށިގަނޑުތައް ހޯދުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށާއި، ސުންނާފަތި ވެފައިވާ އިމާރާތް ތަކުގެ ދަށުގައި ހަށިގަނޑުތައް ވާނެ ކަމަށް ބެލެވޭއިރު، އެ މަސައްކަތް ކުރުމަށް ވަގުތު ނަގާނެ ކަމަށެވެ.
އެ މަސައްކަތް ހަމާސް އިން ކުރަމުން އަންނައިރު، އެ ޖަމާއަތުން ވަނީ ހަނގުރާމަ ހުއްޓާލުމުގެ މެދުވެރިން އަދި ރެކް ކްރޮސްގެ އެހީތެރި ކަމަށް ވެސް އެދިފަ އެވެ. އެގޮތުން ހަށިގަނޑުތައް ހޯދުމަށް ބޭނުންވާ ސާމާނާއި، މުވައްޒަފުން ފޯރުކޮށްދިނުމަށް ވެސް ހަމާސް އިން ވަނީ އެދިފަ އެވެ. ހަމާސްގެ ތަރުޖަމާނު ހާޒިމް ޤާސިމް ވިދާޅުވީ، އާދީއްތަ ދުވަހު ރަހީނުންގެ ހަށިތައް ހަވާލު ކޮށްފައިވާއިރު، އެކަމުން ދައްކުވައި ދެނީ ވީ އެންމެ އަވަހަކަށް ހަށިގަނޑުތައް ހަވާލުކޮށް ނިންމަން ހަމާސް އިން ބޭނުންވާކަން ކަމަށެވެ.
ރަހީނުންގެ އާއިލާ ތަކުން އުފައްދާފައިވާ ޖަމިއްޔާ އަކުން އިސްރާއީލްގެ ސަރުކާރަށް ގޮވާލާފައި ވަނީ މަރުވެފައިވާ މީހުންގެ ހަށިގަނޑުތައް އަނބުރައި ޤައުމަށް ގެނައުމުގައި ޚަރުދަނާ ފިޔަވަޅު ތަކެއް އެޅުމަށެވެ. ހޮސްޓޭޖް އެންޑް މިސިންގް ފެމިލީޒް ފޯރަމް އިން ބުނީ، އެއްބަސްވުމުގެ ދަށުން ހަމާސް އަށް އޮތް ޒިންމާތައް ވީހާ ވެސް އަވަހަކަށް ފުރިހަމަ ކުރުމަށާއި، މަރުވެފައިވާ ރަހީނުންގެ ހަށިގަނޑުތައް ޤައުމަށް ގެނައުމުގައި ބޮޑު ވަޒީރު ނަތަންޔާހޫ އާއި ސަރުކާރުން ޚަރުދަނާ ގޮތެއްގައި މަސައްކަތް ކުރަން ޖެހޭ ކަމަށެވެ.