ޣައްޒާ ގައި ހިންގާފައިވާ ނަސްލު ނައްތާލުމުގެ ހަނގުރާމަ އާ ގުޅިގެން ގުޅިގެން އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ އާއި އޭނާގެ ސަރުކާރުގެ އިސް އޮފިޝަލުން ހައްޔަރު ކުރުމުގެ އަމުރެއް ތުރުކީ އިން ނެރެފިއެވެ.
މި އަމުރާ ގުޅިގެން އިޒްރޭލުގެ ފޮރިން މިނިސްޓަރު ގިޑިއޯން ސާރު ވިދާޅުވީ އިޒްރޭލުން މި އަމުރާ ދެކޮޅު ހަދާ ކަމަށާއި މި ތުހުމަތުތައް ބަލައި ނުގަންނަ ކަމަށާއި، މިއީ "އުރުދުޣާން ގެ އެންމެ ފަހުގެ ޕީއާރު ސްޓަންޓް" ކަމަށެވެ.
އިސްތަންބޫލް ޕްރޮސެކިއުޓަރުގެ އޮފީހުން ނެރުނު ބަޔާނެއްގައި، ފުރިހަމަ ލިސްޓު ހާމަ ކުރުމެއް ނެތި ބުނީ، ޖުމްލަ 37 ސަސްޕެކްޓަކު ހައްޔަރު ކުރުމުގެ ވޯރަންޓު ނެރެފައިވާ ކަމަށެވެ.
އެ ލިސްޓުގައި އިޒްރޭލުގެ ޑިފެންސް މިނިސްޓަރު އިޒްރޭލް ކަޓްޒް، ނޭޝަނަލް ސެކިއުރިޓީ މިނިސްޓަރު އިތަމާރު ބެން ގްވީރު އަދި އާމީ ޗީފް ލެފްޓިނަންޓް ޖެނެރަލް އެޔާލް ޒަމީރު ހިމެނެއެވެ.
ތުރުކީން އިޒްރޭލުގެ މި އޮފިޝަލުންނަށް ތުހުމަތު ކޮށްފައިވަނީ އިޒްރޭލުން ޣައްޒާ ގައި "ނިޒާމީ ގޮތުން" ހިންގާފައިވާ "ނަސްލު ނައްތާލުމާއި އިންސާނިއްޔަތާ ދެކޮޅު ކުށްތައް" ކުރި ކަމަށެވެ.
މި ބަޔާނުގައި ތުރުކީން ޣައްޒާ ސްޓްރިޕް ގައި ބިނާ ކުރި "ތުރުކީ-ޕަލެސްޓައިން ފްރެންޑްޝިޕް ހޮސްޕިޓަލް" އަށް މާޗް މަހު އިޒްރޭލުން ބޮމުގެ ހަމަލާ ދިން ކަމަށް ވެސް ފާހަގަ ކޮށްފައިވެއެވެ.
ޣައްޒާ ގައި ހިނގަމުން އަންނަ ހަނގުރާމަ އާ ދެކޮޅަށް އެންމެ ބާރަށް އަޑު އުފުލާފައިވާ ގައުމުތަކުގެ ތެރޭގައި ހިމެނޭ ތުރުކީން، ފާއިތުވި އަހަރު އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އަށް ދެކުނު އެފްރިކާ އިން ހުށަހެޅި އިޒްރޭލުން ހިންގާފައިވާ ނަސްލު ނައްތާލުމުގެ ކުށްތަކާ ބެހޭ މައްސަލައިގެ ތެރެއަށް ވަނީ ތަދައްހުލް ވެފައެވެ.
ފަލަސްތީނުގެ ދިފާއު ގައި ހަނގުރާމަ ކުރާ ހަމާސް އިން ތުރުކީގެ ނިންމުމަށް މަރުހަބާ ކިޔައި، މިއީ "ތުރުކީ ރައްޔިތުންނާއި އެ ގައުމުގެ ލީޑަރުންގެ ހަގީގީ ވިސްނުން (ކަށަވަރުވާ) ތައުރީފު ހައްގު ފިޔަވަޅެއް" ކަމަށް ބުނެފައި ވެއެވެ،