ހައްޖާ އުމުރާގެ އަޅުކަމަށް މީހުން ގެންދިޔުމަށް ދިން ހުއްދަ ބާތިލް ކުރުމުން، ޓްރެވެލް އެޖެންސީއަކަށް ނަން ބަދަލުކޮށްގެން ހުސްވި އަހަރުގެ ރަމަޟާން މަހު އުމުރާއަށް މީހުން ގެންދިޔަ އަލް މަޝްއަރު ޕްރައިވެޓް ލިމިޓެޑްގެ ވެރިޔާ އަލީ ފާރިޝް ތިން އަހަރަށް ޖަލަށްލާން ކްރިމިނަލް ކޯޓުން ހުކުމްކޮށްފިއެވެ.
ދައުލަތުން އަލީ ފާރިޝްގެ މައްޗަށް ދައުވާކުރީ ރާއްޖެއިން އުމްރާއަށް މީހުން ގެންދަން އޭސް އޭވިއޭޝަން ސާވިސް އާއި އޭސް ޓްރެވެލް މޯލްޑިވްސް މެދުވެރިކޮށް 48 މީހެއްގެ ޓިކެޓު ބުކިން ހެދުމަށް ފަހު، ފައިސާ ނުދެއްކި މައްސަލައިގައެވެ. މީގެ އިތުރުން އަލް މަޝްއަރު ޕްރައިވެޓް ލިމިޓެޑާއި އެ ކުންފުންޏާ ގުޅުން ހުރި އެހެން ކުންފުނިތަކަށް މަކަރާއި ހީލަތް ހަދައި ފައިސާ އަށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ދައުވާކުރުމަށް ފޮނުވާފައިވެއެވެ.
މި މައްސަލައިގައި ބުނެފައިވަނީ ޢަލީ ފާރިޝް 03 ފެބްރުއަރީ 2023 ދުވަހުގެ ވަގުތެއްގައި އޭނާ ހިންގާ އަލް މަޝްޢަރު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ފަރާތުން އެ އަހަރުގެ ރޯދަ މަހު ދިވެހި ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމަށްޓަކައި އޭސް އޭވިއޭޝަން ސާރވިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، އޭސް ޓްރެވެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑް މެދެވެރިކޮށް 48 މީހެއްގެ ރިޓާން ޓިކެޓުގެ ބުކިންގ ހެއްދުމަށްފަހު އެ ޓިކެޓް ތަކަށް ދައްކަންޖެހޭ ފައިސާ ދެއްކުމުގެ ގޮތުން އަލް މަޝްޢަރު ޙައްޖު އެންޑް އުމްރާ ގުރޫޕްގެ ނަމުގައި ބޭންކް އޮފް މޯލްޑިވްސްގައި ހުޅުވާފައިވާ އެކައުންޓުން 23 މާރޗް 2024 ދުވަހު 390،126 (ތިންލައްކަ ނުވަދިހަހާސް އެއްސަތޭކަ ސައްބީސް ރުފިޔާ) އާއި 23 މާރޗް 2024 ދުވަހު 156،050.40 (އެއްލައްކަ ފަންސާސް ހަހާސް ފަންސާސް ރުފިޔާ ސާޅީސް ލާރި) އާއި 24 މާރޗް 2024 ދުވަހު 414،643.80 (ހަތަރުލައްކަ ސާދަހާސް ހަސަތޭކަ ސާޅީސް ތިން ރުފިޔާ އަށްޑިހަ ލާރި) ނެގޭ ގޮތަށް އޭސް ޓްރެވަލްސް މޯލްޑިވްސް ޕްރައިވެޓް ލިމިޓަށް ފާރިޝް ދޫކޮށްފައިވާ 3 ޗެކަށް ފައިސާ ނެގުމަށްޓަކައި އެ ޗެކްތައް ބޭންކަށް ހުށަހެޅުމުން އެ އެކައުންޓްގައި ފައިސާ ނެތުމުގެ ސަބަބުން އެ ޗެކްތަކުގައިވާ އަދަދަށް ފައިސާ ދެވެން ނެތް ކަމަށް އެ ޗެކްތައް ހުށަހެޅި ފަރާތަށް ބޭންކުން އެންގުމުން އެ ޗެކްތަކުގައިވާ އަދަދަށް ފައިސާ ދިނުމަށް އޭސް އޭވިއޭޝަން ސާރވިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާ، އޭސް ޓްރެވެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން އެދި ކުންފުނީގެ ޑެޕިއުޓީ ޖެނަރަލް މެނޭޖާރ ޝަޝިކާ ޕަތުން ޕަނަންޑޯ ކުމަރަވައްޓަގެ މީނާއަށް އެންގުމުން 7 ދުވަހުގެ ތެރޭގައި މި ޗެކްގައި އަދަދަށް ފައިސާ ދައްކާފައިނުވާތީ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ ދަޢުވާ ކޮށްފައިވެއެވެ.
ޢަލީ ފާރިޝްގެ މައްޗަށް ދަޢުވާ އުފުލާފައިވަނީ، ޤާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ އެމާއްދާގެ (ބ) ގެ 1 ވަނަ ނަންބަރު (i( އާ ހަވާލާދީ 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރުގެ ދަށުންނެވެ.
މި މައްސަލައާއި ގުޅޭ ގޮތުނ އަލީ ފާރިޝްގެ ފަރާތުން އެދިފައިވަނީ އޭނާ ބަލަންޖެހޭ ކުޑަކުދިންތަކެއް ތިބި ކަމަށާއި، ނުކުޅެދޭ ކުއްޖަކުވެސް ހުރިކަމަށާއި، އެހެންކަމުން، ލުއި އަދަބެއް ކަނޑައަޅައި ދިނުމަށް އެދޭކަމަށެވެ.
މި މައްސަލައިގެ ހުކުމުގައި ބުނފައިވަނީ ކ.މާލެ / މ.ހަވީރީފިނި، އަލީ ފާރިޝް ގެ މައްޗަށް ހުށަހަޅާފައިވާ މަކަރާއި ހީލަތް ހެދުމުގެ ކުށުގެ މި ދަޢުވާ ޝަރީޢަތުން ބެލި ބެލުމުން، ދައުލަތުން ކޮށްފައިވާ ދަޢުވާ އަށް، އަލީ ފާރިޝް ޝަރީޢަތުގައި އިންކާރު ކުރިނަމަވެސް، މި ދަޢުވާ އާ ގުޅިގެން ޕްރޮސިކިއުޝަން އިން ޝަރީޢަތަށް ހުށަހަޅާފައިވާ ހެކިތަކަށް ރިއާޔަތްކޮށް މި ދަޢުވާ އަކީ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނު އަސާސީގެ 51 ވަނަ މާއްދާގެ (އ) ގައި ބަޔާންކުރާ އެކަށީގެންވާ ޝައްކެއްނެތް މިންވަރަށް ޝަރީޢަތަށް ސާބިތުވާ މައްސަލައެއް ކަމަށް ވަނީ ކަނޑައަޅާފައެވެ.
އަދި މަކަރާއި ހީލަތް ހެދުމުގެ ކުށުން ކުށްވެރިވެއްޖެކަމަށް ކަނޑައަޅައި ާނޫނު ނަންބަރު 9/2014 (ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތު) ގެ 212 ވަނަ މާއްދާގެ (ހ) ގެ 1 ވަނަ ނަންބަރާއި 2 ވަނަ ނަންބަރާ އެމާއްދާގެ (ބ) ގެ 1 ވަނަ ނަންބަރު (i) އާ ހަވާލާދީ 210 ވަނަ މާއްދާގެ (ށ) ގެ 1 ވަނަ ނަންބަރާއި ޤާނޫނުލްޢުޤޫބާތުގެ 1002 ވަނަ މާއްދާގެ ދަށުން، އަލީ ފާރިޝް، 03 އަހަރާއި 2 މަހާއި 12 ދުވަހުގެ މުއްދަތަށް ޖަލަށްލުމަށް ވަނީ ހުކުމްކޮށްފައެވެ.
އަދި އޭސް އޭވިއޭޝަން ސާރވިސް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑްއާއި، އޭސް ޓްރެވެލް މޯލްޑިވްސް ޕްރައިވެޓް ލިމިޓެޑަށް ލިބުނު ގެއްލުމުގެ ބަދަލުގެ ގޮތުގައި، 26،350.32 ޔޫއެސް ޑޮލަރު ނުވަތަ އެއާއި އެއްވަރަށް 406،321.93 އެ ކުންފުނިތަކަށް ދައްކައި 2 އަހަރުގެ ތެރޭގައި އެ ފައިސާ ހަލާސްކުރުމަށް ވަނީ ހުކުމްކޮށްފައެވެ.