ނުވަ އަހަރުގެ ޖަލު ހުކުމެއް ތަންފީޒުކުރަމުން އަންނަ އެފްއޭއެމްގެ ކުރީގެ ރައީސް ބައްސާމް އަދީލް ޖަލީލު ޖަލުގެ ގައިދީން ލުމަށް ހާއްސަކޮށްފައިވާ ހެދުން ލާން ދެކޮޅުހެދުމުން އޭނާ ކުލަ ހެދުމުގައި ކޯޓަށް ހާޒިރު ކޮށްފި އެވެ.
އެފްއޭއެމްގެ ފައިސާ ލޯންޑާކޮށްގެން ބައްސާމް ޕެންޓްހައުސް އެއް ގަތް ކަމަށް ބުނެ އޭނާގެ މައްޗަށް އުފުލާފައިވާ ހިޔާނާތާއި މަނީލޯންޑްރިންގެ ދައުވާގެ ޝަރީއަތުގެ އަޑުއެހުމެއް އާދިއްތަ ދުވަހު ހެނދުނު 8:15 އަށް ތާވަލުކުރި ނަމަވެސް، އެ އަޑުއެހުން ނުފެށި ދިގުލައިގެންދިޔަ އެވެ. ކްރިމިނަލް ކޯޓުން ބުނީ އޭނަ ކޯޓަށް ހާޒިރުވާން ދެކޮޅު ހެދީ އަތުގައި ބިޑި އަޅުވައި ގައިދީންނަށް ހާއްސަ ހެދުމުގައި ކޯޓަށް ހާޒިރު ވާންޖެހޭތީ ކަމަށެވެ.
ނަމަވެސް 11:00 އަށް ބައްސާމް ކޯޓަށް ގެނެވުނީ ކުލަ ހެދުމުގައި ބިޑި އަޅުވައިގެން ކަމަށް އެ ކޯޓުން ބުނެ އެވެ. ކޯޓަށް ހާޒިރުވާން ބައްސާމް ދެކޮޅު ހެދި މައްސަލައިގައި މިހާތަނަށް ޝަރީއަތުން އޭނާއަށް ފިޔަވަޅެއް އަޅާފައެއް ނުވެ އެވެ.
އާދިއްތަ ދުވަހަށް ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދަން ތާވަލުކޮށްފައި ވަނީ ބައްސާމް އެފްއޭއެމްގެ ފައިސާ ބޭނުންކޮށްގެން އަމީން އެވެނިއުގެ ޕެންޓްހައުސްއެއް ގަތް މައްސަލައިގެ ޝަރީއަތެވެ. އެ މައްސަލައިގައި އެނާގެ މައްޗަށް އުފުލާފައި ވަނީ ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ އާއި މަނީ ލޯންޑަރިންގެ ކުށުގެ ދައުވާ އެވެ.
ހިޔާނާތްތެރިވުމުގެ ކުށުގެ ދައުވާ ސާބިތުވެ 4 އަހަރުގެ ޖަލު ހުކުމެއް މީގެ ކުރިން އިއްވާފައިވާ އިރު މަނީ ލޯންޑަރިންގެ ދައުވާ ސާބިތުވުމުން އޭނާގެ މައްޗަށް އެފްއޭއެމްގެ ފައިސާގެ މައްސަލައިގައި މުޅި ޖުމްލަ 9 އަހަރު ދުވަހުގެ ޖަލު ހުކުމެއް މިވަނީ އިއްވާފަ އެވެ.
ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ މައްސަލައިގައި ބައްސާމްގެ މައްޗަށް އެންމެ ފުރަތަމަ ހަތަރު އަހަރުގެ ހުކުމެއް އިއްވީ އޮކްޓޯބަރު 8، ގަ އެވެ. އޭނާގެ މައްޗަށް ހިޔާނާތްތެރިވުމާއި މަނީލޯންޑްރިންގެ އިތުރު މައްސަލައެއްގައި ފަސް އަހަރަށް ހުކުމްކުރީ އޮކްޓޯބަރު 30، ގަ އެވެ.