Advertisement
ކ. މާލެ
|
15 ސެޕްޓެންބަރ 2025 | ހޯމަ 15:18
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަދައްކަވަނީ
ރައްޔިތުން މަޖިލީހުގެ ޖަލްސާގައި ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވާހަކަދައްކަވަނީ
ރާއްޖެއެމްވީ
ރިޔާސީ ދައުރު
ރިޔާސީ ދައުރު ދަންމާނުލާނެ، އެކަމަށް ރައީސް މުއިއްޒު ތާއީދުވެސް ނުކުރައްވާނެ: މެންބަރު ފަލާހު
ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރަން، ބިލާ ގުޅޭގޮތުން ހަގީގަތް އޮޅޭ ގޮތަށް ބައެއް މެންބަރުން ވާހަކަދައްކަވާ
ދައުރު ދަންމާލައި، ރަސްކަމެއް ގެނައުމަށް މަސައްކަތް ނުކުރަން
5 އަހަރުގެ ރިޔާސީ ދައުރު ދަންމާލަން ތާއީދުކުރައްވާ ކަމަށް ޖަނާބު ވިދާޅުވެފައިވޭ

ދިވެހިރާއްޖޭގެ ވެރިކަމުގެ ރިޔާސީ ދައުރު ދަންމާނުލާނެ ކަމަށާއި، އެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ތާއީދުނުކުރައްވާނެ ކަމަށް ސަރުކާރު ހިންގާ ޕާޓީ، ޕީއެންސީގެ ޕީޖީ ގްރޫޕްގެ ލީޑަރު އަދި ރައްޔިތުންގެ މަޖިލީހުގެ އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ވިދާޅުވެއްޖެއެވެ.

ހޯމަ ދުވަހު ކުރިއަށް ގެންދިޔަ ރައްޔިތުން މަޖިލީހުގެ ޖަލްސާގައި، މެންބަރު ފަލާހު ހުށަހެޅުއްވި ރައްޔިތުންގެ ޚިޔާލު ހޯދުމުގެ އާންމު ވޯޓުގެ ބިލަށް ބަހުސް ކުރައްވަމުން ވިދާޅުވީ، މި ބިލުގައި ވަނީ ކުރިއަށް އޮތްތަނުގައި ރައީސުލްޖުމްހޫރިއްޔާކަން ކުރައްވާ ބޭފުޅަކު 11 ނޮވެންބަރަށް ހުވާ ކުރެއްވުގެ އެންމެހައި ކަންކަން ބަދަލު ކުރުމަށާއި، ރިޔާސީ އިންތިޚާބާއި މަޖިލިސް އިންތިޚާބު އެއްކޮށްލުމަށް ޖާގަ ދިނުން ކަމަށެވެ.

ނަމަވެސް ބިލާ ގުޅޭގޮތުން ރައްޔިތުންނަށް ހަގީގަތް އޮޅޭ ގޮތަށް ބައެއް މެންބަރުން ވާހަކަދައްކަވާ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ. އަދި ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލުމަށް މަސައްކަތް ނުކުރާ ކަމަށާއި، ދައުރު ދަންމާލައި، ރަސްކަމެއް ގެނައުމަށް މަސައްކަތް ނުކުރާ ކަމަށެވެ.

މެންބަރު ފަލާހު ވިދާޅުވީ މިސަރުކާރުން ރިޔާސީ ދައުރު ދަންމާނުލާނެ ކަމަށާއި، އެކަމަށް ތާއީދު ނުކުރައްވާ ކަމަށެވެ. އަދި އެކަމަށް ރައީސް މުއިއްޒު ވެސް ތާއީދުނުކުރައްވާނެ ކަމަށް މެންބަރު ފަލާހު ވިދާޅުވިއެވެ.

ވަރަށް ސާފު މި ބިލު. މި ބިލުގައި ނެތް. ރިޔާސީ ދައުރެއް މިސަރުކާރުން ނުދަންމާނެ. އަޅުގަނޑުމެން ތާއީދެއް ނުކުރާނެ. ރައީސުލްޖުމްހޫރިއްޔާ ކުޑަކޮށް ވެސް ތާއީދެއް ނުކުރާނެ. ރިޔާސީ ދައުރު މިއުޅެނީ ކުރުކޮށްލަން. މަޖިލީހުގެ ދައުރު ވެސް މިއުޅެނީ ކުރުކޮށްލަން. މިހާރު ކުރިއަށް އޮތް ދުވަސްތަކުގައި. އަނެއްކާ މިވެސް އޮޅުވާނުލާތި. މިކިޔަނީ މިއަންނަ ފަހަރު ރިޔާސީ އިންތިޚާބާއި، މަޖިލިސް އިންތިޚާބު އެއްކޮށްލާ ވާހަކަ. ކުރިއަށް އޮތްހާތާގައި މަޖިލިސް ކުރުކުރާ ވާހަކައެއް ނޫން މިދައްކަނީ.

ޕީއެންސީ ޕާލަމެންޓަރީ ގްރޫޕްގެ ލީޑަރު އިބްރާހީމް ފަލާހު

މެންބަރު ފަލާހު މިމޭރުމުން ވާހަކަދެއްކެވި ނަމަވެސް 5 އަހަރުގެ ރިޔާސީ ދައުރު ދަންމާލަން ތާއީދުކުރައްވާ ކަމަށް، މައްޗަންގޯޅި އުތުރު ދާއިރާގެ މެންބަރު އިބްރާހީމް މުހައްމަދު (ޖަނާބު)، މެންދުރު ޓީވީ ޕްރޮގްރާމެއްގައި ވަނީ ވިދާޅުވެފައެވެ.

އޭނާއަކީ ރައީސް މުއިއްޒުގެ އަނބިކަނބަލުން ސާޖިދާ މުހައްމަދުގެ އެއްބައްޕާފުޅު ބޭބެއެވެ.

- ކޮމެންޓް