Advertisement
ކ. މާލެ
|
11 ސެޕްޓެންބަރ 2025 | ބުރާސްފަތި 16:21
ޓިބާ ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާގައި ޣައްޒާ ސިޓީ އިން ދުން އަރަނީ
ޓިބާ ސަރަހައްދުގައި އިސްރާއީލުން ދިން ހަމަލާގައި ޣައްޒާ ސިޓީ އިން ދުން އަރަނީ
ރޮއިޓަރސް
ޣައްޒާ ހަނގުރާމަ
އިސްރާއީލް އިން ހަނގުރާމަ ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފި
ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވެފައި ވަނީ، އިސްރާއީލް އިން އެއް މިލިއަން މީހުން ދެކުނަށް ފޮނުވާލުމަށް އެދޭ، "އިންސާނީ ސަރަހައްދު"ގައި އެހާ ގިނަ މީހުންނަށް އެކަށީވެންވާ ޖާގަ އާއި ޚިދުމަތްތައް ނެތް ކަމަށެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ އިތުރަށް ފުޅާ ކުރި ނަމަވެސް، ޣައްޒާގައި ދެމި ތިބޭނެ ކަމަށް ދުނިޔޭގެ ޞިއްޙަތު ޖަމިއްޔާ (ޑަބްލިއުއެޗްއޯ) އިން ބުނެފި އެވެ.

ބުދަ ދުވަހު އެ ޖަމިއްޔާ އިން ބުނެފައި ވަނީ، އިސްރާއީލްގެ އަސްކަރިއްޔާ އިން ޣައްޒާ ސިޓީގެ އާންމު ރައްޔިތުން އެ ސަރަހައްދު ދޫކޮށް ދިޔުމަށް އިންޒާރު ދީ، އެ ސަރަހައްދުގައި ހަނގުރާމަ ފުޅާ ކުރި ނަމަވެސް، އެ ޖަމިއްޔާގެ މުވައްޒަފުން އެ ސަރަހައްދުގައި މަސައްކަތް ކުރަމުން ގެންދާނެ ކަމަށެވެ.

އިސްރާއީލްގެ އަސްކަރިއްޔާ އިން މިހާރު ވަނީ ޣައްޒާގެ މައި އާބާދީ ކަމަށްވާ، ޣައްޒާ ސިޓީގައި ހަނގުރާމައިގެ ހަމާލަތައް ވަރުގަދަ ކޮށްފަ އެވެ. އަދި އިސްރާއީލްގެ އަސްކަރިއްޔާ އިން އެ ސަރަހައްދު ހިފުމަށް މަސައްކަތް ކުރަމުންދާއިރު، އެ ސަރަހައްދުގައި ދިރިއުޅޭ އާންމުން އެހެން ސަރަހައްދު ތަކަށް ބަދަލުވުމަށް ވަނީ އިންޒާރު ވެސް ދީފަ އެވެ.

އދ އިން ލަފާ ކޮށްފައިވާ ގޮތުގައި ޣައްޒާ ސިޓީ އާއި، އެ ސަރަހައްދު ވަށައިގެންވާ ތަންތަނުގައި ގާތް ގަނޑަކަށް އެއް މިލިއަން ފަލަސްޠީނުގެ ރައްޔިތުން ދިރިއުޅެމުން ގެންދެ އެވެ. އޭގެ ތެރެއިން ގިނަ ބަޔަކު ވަނީ މިހާރު ވެސް، އެކި ފަހަރު މަތިން އެ ސަރަހައްދު ދޫކޮށް ދާން މަޖުބޫރުވެފަ އެވެ. އަދ އިން ބުނެފައި ވަނީ، އެ ސަރަހައްދުގައި އުޅެމުން އަންނަ ރައްޔިތުން ދާނެ އެހެން ތަނެއް ނެތް ކަމަށެވެ.

ޑަބްލިއުއެޗްއޯގެ ވެރިޔާ ޓެޑްރޮސް އަދަނޮމް ގެބްރެޔެސަސް ވިދާޅުވެފައި ވަނީ، އިސްރާއީލް އިން އެއް މިލިއަން މީހުން ދެކުނަށް ފޮނުވާލުމަށް އެދޭ، "އިންސާނީ ސަރަހައްދު"ގައި އެހާ ގިނަ މީހުންނަށް އެކަށީވެންވާ ޖާގަ އާއި ޚިދުމަތްތައް ނެތް ކަމަށެވެ.

މީގެ އިތުރުން، ޣައްޒާގައި މިހާރު މަސައްކަތް ކުރަމުންދާ ހޮސްޕިޓަލް ތަކުގެ ދެބައި ކުޅަ އެއްބައި ހުރީ ޣައްޒާ ސިޓީގައި ކަމަށާއި، މިހާރު ވެސް ނިކަމެތި ޙާލުގައި އޮތް ޞިއްޙީ ނިޒާމަށް އެ ހޮސްޕިޓަލްތައް ގެއްލުމަކީ ކެތް ކުރެވޭނެ ކަމެއް ނޫން ކަަމށް ވެސް ޓެޑްރޮސް ވަނީ ވިދާޅުވެފަ އެވެ.

އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމައިގައި މިހާތަނަށް ވަނީ ޣައްޒާ އިން 64،000 އަށް ވުރެ ގިނަ މީހުން ޝަހީދު ކޮށްލައިފަ އެވެ. އޭގެ ތެރޭގައި ގިނައީ އަންހެނުންނާއި ކުޑަ ކުދިންނެވެ. އދ އިން ވަނީ، ޣައްޒާގައި ބަނޑުހައި ހޫނު ކަމުގެ ޙާލަތެއް އޮތް ކަަމަށް މިދިޔަ މަހު ރަސްމީކޮށް ކަނޑައަޅައިފަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް