އިސްރާއީލް އިން ޣައްޒާގައި ހިންގަމުން އަންނަ ހަނގުރާމަ ހުއްޓާލުމަށް އެކުލަވާލާފައިވާ އެއްބަސްވުމާ ގުޅޭ ގޮތުން މަޝްވަރާ ކުރުމަށް، މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ތުރުކީގެ އިސްތަމްބޫލުގައި ބައްދަލު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.
ތުރުކީގެ ފޮރިން މިނިސްޓަރު ހަކަން ފިދާން ވިދާޅުވީ، ޣައްޒާ ހަނގުރާމަ ހުއްޓުމާ ގުޅޭ ގޮތުން މުސްލިމް ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ހޯޯމަ ދުވަހު އިސްތަމްބޫލުގައި ބައްދަލު ކުރައްވާނެ ކަމަށެވެ. އެ ބައްދަލުމުގައި ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، ދެން އަޅަން ޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން ވެސް މަޝްވަރާ ކުރައްވާނެ ކަމަށް ފިދާން ވިދާޅުވި އެވެ.
ތުރުކީގެ ވެރި ރަށް އަންކަރާގައި ހުކުރު ދުވަހު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ފިދާން ވިދާޅުވީ، އެ ބައްދަލުވުމުގައި ވަނީ މިދިޔަ ސެޕްޓެމްބަރު މަހު ނިއު ޔޯކުގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕްއާ އެކު ބޭއްވި ބައްދަލުވުމުގައި ބައިވެރިވި ޤައުމު ތަކުގެ ފޮރިން މިނިސްޓަރުން ކަމަށެވެ. އެ ބައްދަލުވުމުގައި ތުރުކީ، ޤަތަރު، ސައުދީ އަރަބިއްޔާ، މިޞްރު، އެކުވެރި ޢަރަބި އިމާރާތް، ޖޯޑަން، ޕާކިސްތާން އަދި އިންޑޮނޭޝިއާ އިން ބައިވެރިވި އެވެ.
ނަމަވެސް، ނޫސްވެރިންގެ ބައްދަލުވުމުގައި ފިދާން ވަނީ ކަންބޮޑުވުން ފާޅު ކުރައްވައިފަ އެވެ. އެގޮތުން ޣައްޒާގެ ހަނގުރާމަ ހުއްޓާލުމަށް ވެފައިވާ އެއްބަސްވުމާ އެއްގޮތަށް ކަންކަން ކުރިއަށް ދާނެ ކަމުގެ ޔަގީންކަން ނެތް ކަމަށް އޭނާ ވިދާޅުވި އެވެ. އެގޮތުން އިސްރާއީލް އާއި ހަމާސް ޖަމާއަތާ ދެމެދު ވެފައިވާ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމުން ދެމެހެއްޓޭނެ ކަމާ މެދު ސުވާލު އުފެދިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
މިދިޔަ ހަފުތާގެ ތެރޭގައި އިސްރާއީލްގެ ބޮޑު ވަޒީރު ބެންޖަމިން ނަތަންޔާހޫ ވިދާޅުވީ، ޣައްޒާގައި ހަނގުރާމަ ހުއްޓާލުމަށް ފަހު، އެ ސަރަހައްދުގައި ޤާއިމު ކުރާ ބައިނަލްއަޤުވާމީ ބާރު ތަކުގައި ތުރުކީގެ އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށެވެ. އަދި އެކަމަށް އެއްވެސް ފުރުސަތެއް ނުދެއްވާނެ ކަމަށް ވެސް ނަތަންޔާހޫ ވިދާޅުވި އެވެ.
ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އެއްގޮތަށް ޣައްޒާގައި ބައިނަލްއަޤުވާމީ ސަލާމަތީ ބާރެއް ޤާއިމު ކުރަން ޖެހޭއިރު، އެ މަސައްކަތް ކުރަމުން އަންނަ ކަމަށް އެމެރިކާ އިން ވަނީ ހާމަ ކޮށްފަ އެވެ. އެ ކަމުގައި ގިނަ ޤައުމު ތަކަކުން ބައިވެރިވާން ޝައުޤުވެރިކަން ފާޅު ކޮށްފައިވާ ކަމަށް ވެސް އެމެރިކާ އިން ވަނީ ހާމަ ކޮށްފަ އެވެ. ޚާއްސަކޮށް އެކަމުގައި މުސްލިމް ޤައުމު ތަކުން ބައިވެރިވާން ބޭނުންވާއިރު، އިސްރާއީލްގެ ފަރާތުން އެކަމުގައި ހުރަސްތަކެއް ކުރިމަތި ވާނެ ކަމަށް ލަފާ ކޮށްފައިވެ އެވެ.
މާހިރުން ފާހަގަ ކޮށްފައިވާ ގޮތުގައި ހޯމަ ދުވަހު އިސްތަމްބޫލުގައި އޮންނަ އެ ބައްދަލުވުމަކީ، ޣައްޒާގެ މައްސަލަ އަށް ހައްލެއް ހޯދުމަށް މުސްލިމް ޤައުމު ތަކުން އެކުގައި މަސައްކަތް ކުރާނެ ގޮތްތަކާ ބެހޭ ގޮތުން މަޝްވަރާ ކުރާ މުހިންމު ބައްދަލުވުމަށް ވާނެ އެވެ.