Advertisement
ކ. މާލެ
|
10 ސެޕްޓެންބަރ 2025 | ބުދަ 20:46
މުޒާހަރާގެ ބައިވެރިން ވަނީ ޕެރިހުގެ މަގުތައް ބަންދުކޮށް އިމާރާތްތަކުގައި ރޯކޮށްފައި
މުޒާހަރާގެ ބައިވެރިން ވަނީ ޕެރިހުގެ މަގުތައް ބަންދުކޮށް އިމާރާތްތަކުގައި ރޯކޮށްފައި
ގެޓީ އިމޭޖަސް
ފްރާންސް-މުޒާހަރާ
ފްރާންސްގައި ކުރިއަށް ދާ ސަރުކާރާ ދެކޮޅު މުޒާހަރާގައި މަގުތައް ބަންދުކޮށް، ތަންތަނުގައި ހުޅު ޖަހައިފި
ފްރާންސްގެ އެކި ކަންކޮޅުތަކުގައި ބުދަ ދުވަހު ހިނގި މުޒާހަރާތަކުގައި 295 މީހުން ހައްޔަރުކޮށް، 80،000 އަށްވުރެ ގިނަ ފުލުހުން އެކި ސިޓީތަކުގައި ހަރަކާތްތެރިވެފައި ވެއެވެ. މިއީ ފްރާންސްގެ ސަރުކާރުގެ ވެރިންނާ ދެކޮޅަށް އުފެދިފައިވާ ނުރުހުމުގެ ސަބަބުން ހިނގަމުންދާ އިހުތިޖާޖުތަކެކެވެ.

ބުދަ ދުވަހު ފްރާންސްގެ އެކި ކަންކޮޅުތަކުގައި ކުރިއަށް ދިޔަ ސަރުކާރާ ދެކޮޅު މުޒާހަރާތަކުގައި މަގުތައް ބަންދުކޮށް، ތަންތަނުގައި ހުޅު ޖަހައި، ފުލުހުންނާ މުޒާހަރާ ކުރާ މީހުންނާ ދެމެދު ކުރިމަތިލުންތައް ހިނގައިފިއެވެ.

މުޒާހަރާ ކުރާ މީހުން ކޮންޓްރޯލު ކުރަން ފުލުހުން ވަނީ ކަރުނަ ގޭސް ބޭނުން ކޮށްފައެވެ.

މުޒާހަރާ އަށް މީހުން މަގުމައްޗަށް ނުކުތް އިރު، ސަރުކާރާ މެދު ހިތްހަމަ ނުޖެހުން އާންމު ރައްޔިތުންގެ މެދުގައި އުފެދިފައިވާތާ އެތައް ދުވަހެއް ވެއްޖެ ކަމަށް ރިޕޯޓުތައް ބުނެއެވެ.

މުޒާހަރާގެ ބައިވެރިން ވަނީ ރައީސް މެކްރޯންގެ އިސްތިއުފާ އަށް ގޮވާލާފައެވެ.

ފްރާންސްގެ ދާޚިލީ ވުޒާރާ އިން ބުނެފައިވާ ގޮތުގައި މިހާތަނަށް 295 މީހުން ހައްޔަރުކޮށްފައިވެއެވެ. އަދި މުޅި ޤައުމުގައި 80،000 ފުލުހުނ ވަނީ ހަރަކާތްތެރިވެފައެވެ. އޭގެ ތެރެއިން 6،000 ފުލުހުން ޕެރިހުގެ މަގުތަކަށް ވަނީ ނުކުމެފައެވެ. މުޒާހަރާތަކުގެ ސަބަބުން 100 އެއްހާ ސްކޫލުގެ ކިޔެވުމަށް ހުރަސްއެޅި، 27 ސްކޫލެއް މުޅިން ބަންދުކުރަން ޖެހުނު ކަމަށް ތައުލީމާ ބެހޭ ވުޒާރާ އިން ބުނެފައިވެއެވެ.

ރައްޔިތުން ނުކުމެ މުޒާހަރާ ކުރަމުން ދާއިރު ފަރަންސޭސި ބޮޑު ވަޒީރުގެ އިތުރުބާރު ނެތް ކަމަށް ގާނޫނު ހަދާ މަޖިލިހުން ފާސް ކުރުމާ ގުޅިގެން އައު ބޮޑު ވަޒީރެއް އައްޔަން ކުރުމުގެ މަސައްކަތް ދަނީ ކުރެވެމުންނެވެ.

ރައީސް އެމެނުއެލް މެކްރޯން އަންގާރަ ދުވަހު ވަނީ ކުރީގެ ދިފާޢީ ވަޒީރު ސެބަސްޓިއަން ލުކޮނޫ ބޮޑު ވަޒީރު ކަމަށް އައްޔަން ކުރައްވާފައެވެ. ކުރީގެ ބޮޑު ވަޒީރު ބެއިރޫ ވަނީ ދަރަނި ކުޑަކުރުމަށް ހުށަހެޅުއްވި ޕްލޭނަކާ ގުޅިގެން ޕާލިމެންޓުގައި އިތުބާރު ނެތްކަމުގެ ވޯޓެއް ނަގާ މަގާމުން ދުރުކޮށްފައެވެ.

މީގެ މަސްތަކެއް ކުރިން އިޢުލާނު ކުރެވުނު މި މުޒާހަރާތައް އަމާޒު ކުރެވިފައި ވަނީ ރައީސް މެކްރޯން އަދި ސިޔާސީ ވެރިންނާ ދެކޮޅަށެވެ.

ބުދަ ދުވަހު ހެނދުނު، އެކްޓިވިސްޓުން ވަނީ ވެރި ރަށާއި އެހެން ބޮޑެތި ސިޓީތަކުގެ މުހިންމު މަގުތައް ބަންދުކޮށްފައެވެ.

ސީއެންއެން އިން ބުނެފައިވާ ގޮތުގައި މުޒާހަރާކުރާ މީހުން ވަނީ ވެރިރަށް ޕެރިހުގެ އެންމެ ބިޒީ ރޭލްވޭ ސްޓޭޝަންތަކުގެ ތެރެއިން އެއް ސްޓޭޝަނުގެ ބޭރުގައި މަގު ބަންދުކޮށްފައެވެ.

އަދި އެތައް ހާސް މީހުން ޕެރިސްގެ މެދުތެރޭ ސަރަޙައްދަށް އެއްވެފައިވެއެވެ.

"އަހަރެމެން ރުޅިއައިސްފައި މިތިބީ، ވަރަށް ބޮޑަށް ރުޅިއައިސްފައި،" 29 އަހަރުގެ ރިސާރޗަރެއް ކަމަށްވާ އެނާ ސީއެންއެން އަށް ބުންޏެވެ.

"ވޯޓުލުމުގެ ބޭނުމަކީ ކޮބައިބާ؟ ސަރުކާރުން އަހަރެމެންގެ އަޑު އަހަމުން ނުދާކަން އަހަރެމެންނަށް ޤަބޫލުކުރެވޭ،" އޭނާ ބުންޏެވެ. އަދި މެކްރޯންގެ ދަށުން ވިދިވިދިގެން އައި ސަރުކާރުތަކާމެދު މީހުން ވަނީ ފޫހިވެފައިކަމަށް އޭނާ ބުންޏެވެ.

ބުދަ ދުވަހުގެ މުޒާހަރާތަކުގައި ޒުވާނުން ގިނަ އަދަދަކަށް ބައިވެރިވެފައިވެއެވެ. މުޒާހަރާ އިންތިޒާމު ކުރާ ފަރާތްތަކުން ބުނެފައިވާ ގޮތުގައި، އަންނަ ހަފްތާގައި ފްރެންޗް ޔޫނިއަންތަކާއެކު ބާއްވާ މުޒާހަރާ މިއަށް ވުރެވެސް ބޮޑުވާނެ އެވެ.

މުޒާހަރާ ކުރި މީހުން ވަނީ ޕެރިހުގެ އަގު ބޮޑު ސަރަހައްދެއްގައި ހުރި ރެސްޓޯރަންޓުތަކެއް ގައި ރޯކޮށްލާފައެވެ.

ސަރުކާރުގެ ސިޔާސަތުތަކާ މެދު ހިތްހަމަ ނުޖެހުމުގެ ސަބަބުން މުޒާހަރާތައް ބާއްވަމުން ދަނީ "ބްލޮކް އެވްރިތިންގ" ނަމަކަށް ކިޔާ މޫވްމަންޓަކުންނެވެ. މި ޙަރަކާތަކީ - ސޯޝަލް މީޑިއާގައި އުފެދުނު ވަކި ލީޑަރެއް ނެތް ހަރަކާތެކެވެ.

ފްރާންސްގެ ހުރިހާ ވަޒީފާ އާ ބެހޭ ޔޫނިއަންތަކެއް ބައިވެރިވާނެ ކަމަށް ބެލެވޭ އިތުރު ޤައުމީ ފެންވަރުގެ ބޮޑު މުޒާހަރާއެއް ސެޕްޓެމްބަރ 18 އަށް ރޭވިފައިވާ ކަމަށް އިންތިޒާމު ކުރާ ފަރާތާ ހަވާލާދީ ރިޕޯޓުތައް ބުނެއެވެ.

- ކޮމެންޓް