މިއީ ވިޔާނުދާ ސަރުކާރެއް ކަމަށާއި، އޮކްޓޯބަރު 3 ގައި ބާއްވާ ބޮޑު މުޒާހަރާއަށް ހުރިހާ ރައްޔިތުން ނުކުތުމަށް މާލެސިޓީގެ މޭޔަރު އާދަމް އާޒިމް ގޮވާލައްވައިފިއެވެ.
އާދިއްތަ ދުވަހުގެ ރޭ ކުރިއަށް ގެންދިޔަ ފަލަސުރުހީ ޕްރޮގްރާމްގައި މޭޔަރު އާޒިމް ވިދާޅުވީ ރައްޔިތުން ވަރަށް ބޮޑަށް ނިކަމެތިވެފައިވާ ކަމަށާއި، ވިޔަފާރިތައް އިދަޖެހެމުންދާ ކަމަށެވެ.
މިއީ ވިޔާނުދާ ސަރުކާރެއްކަން ފާހަގަކުރައްވައި އާޒިމް ވިދާޅުވީ މިއަށްވުރެ ބޮޑަށް ދެން ވިޔާނުދާ ނުވެވޭނެ ކަމަށެވެ.
މި މައްސަލަތައް ހައްލުކޮށް، ގައުމު ހަމަމަގަށް އެޅުވުމަށް އެމްޑީޕީން އޮކްޓޯބަރު މަހުގެ 3 ވަނަ ދުވަހުން ފެށިގެން މާލޭގައި މި ސަރުކާރައި ދެކޮޅަށް ކުރިއަށް ގެންދާ މުޒާހަރާތަކުގައި ހުރިހާ ރައްޔިތުން ބައިވެރިވާންޖެހޭ ކަމަށް އޭނާ ވިދާޅުވިއެވެ.
އާޒިމް ވިދާޅުވީ މުޒާހަރާއަށް ނުނިކުތުމުން ހިފަހައްޓާފައިވާ ފްލެޓާއި، ގޯތި ނުލިބޭނެ ކަމަށެވެ. ހައްގު ލިބެން އޮތީ މަގުމައްޗަށް ނުކުމެގެން ކަމަށެވެ. އަދި ވިދާޅުވީ ވިޔަފާރިވެރިން ވެސް ވިޔަފާރިތައް ހިންގަން ބޭނުންވާނަމަ މަގުމައްޗަށް ނުކުމެ އަޑު އުފުލަންޖެހޭ ކަމަށެވެ.
އަޅުގަނޑު ހަމަ ބުނާނީ 3 އޮކްޓޫބަރު އަޅުގަނޑުމެން ބާއްވާ ބޮޑު މުޒާހަރާގައި ވިޔަފާރިވެރިން ބައިވެރިވާށޭ. ގޭގައި ނުތިބޭށޭ. އެއްވެސް ބޭފުޅަކު. ވިޔަފާރިތަކުގެ ބޭފުޅުން ބައިވެރިވާންޖެހޭ. މިކަންތައްތަކުގައި ބައިވެރިވެ އަޑު އުފުލައިގެން ނޫނީ އެއްޗެއް ނުލިބޭނެ. ބިންތަކާއި، ފްލެޓުތަކާއި އަޅުގަނޑުމެން ސަރުކާރުތަކުގައި ތިބި މީހުން އެމީހުންގެ މޫނު ފެނިދާނެތީ އެއްޗެއް ނުލިބިދާނެތީ ނުނިކުމެ ތިބެގެން ނުލިބޭނެ. ނުކުންނަވާ. ނުކުތީމަ ލިބޭނެ. މޫނު ފެނިގެން ނުދީ ނުވެސްވާނެ. އެމްޑީޕީ ސަރުކާރުން އެމްޑީޕީ ސަރުކާރު ނިމިގެންދިޔައިރު އެލިޔެކިއުންތައް ދިނީ މިކަހަލަ ވިޔާ ނުދާ ބަޔަކު އައިސްގެން އެއެއްޗެހި އަތުލަފާނެތީ އެއެއްޗެހި ޔަގީންކޮށްދިނުމަށްޓަކައި. އެ ލިޔުން ދިނުމުގެ ސަބަބުން މިއަދު ޔަގީން ކަމެއް މިއޮތީ އެމީހުންނަށް އެ އެއްޗެހި ލިބޭނެކަން. އެމީހުންނަށް އެ އެއްޗެހި ލިބެންޖެހޭނެ. އެއީ އެއްވެސް ޝައްކެތް އޮތް ކަމެއްނޫން. އެއީ ދައުލަތަކުން ލިބިފައި އޮތް އެގްރިމެންޓަކުން އެއީ ސައްހަ އެއްޗެއް ފްލެޓަށް ދިނަސް. ބިމަށް ދިނަސް އެއީ ސައްހަ އެއްޗެއް އެ ބަދަލު ކުރެވޭނެ އެއްވެސް ގޮތެއް ނޯންނާނެ. އަމިއްލަ އަމިއްލައަށް އެ ކެންސަލް ނުކުރެވޭނެ.
މާލެސިޓީގެ މޭޔަރު އާދަމް އާޒިމް![]()
އާޒިމް ވިދާޅުވީ މިސަރުކާރުގެ ބޭފުޅުންގެ އަތުގައި މިއަދު ބާރުވެރިކަން އޮތުމުން އެބާރުގެ ބޭނުން ނަހަމަ ގޮތުގައި ހިފަމުންދާ ކަމަށާއި، ކަންކަމުގައި ރައްޔިތުން ލައްވައި އާދޭސް ކުރުވަމުންދާ ކަމަށެވެ. އަދި ވިދާޅުވީ އެބާރުވެރިކަން ވެސް އަބަދު ނޯންނާނެ ކަމަށެވެ.