އަލިމަގެއް ނުފެނި މާޔޫސްވެފައިވާތީ މަސްވެރިންގެ ދުވަހު ބޮޑުކަންނެލި މަސްވެރިން އިހުތިޖާޖް ކުރަން ނިންމައިފި އެވެ.
ބޮޑުކަންނެލި މަސްވެރިންގެ ޔޫނިއަން އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އެ ޔޫނިއަނުން ދެކޭ ގޮތުގައި ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ދެމެހެއްޓެނިވި ހައްލެއް ހޯދައި ނުދެވޭނަމަ މި ސިނާއަތް ނެތި ހިނގައިދާނެ ކަމުގެ ބިރު އެބައޮތް ކަމަށެވެ. އެހެންކަމުން ސަރުކާރާއި ކަމާބެހޭ ފަރާތްތަކާ އެކު ތަފާތު ގޮތްގޮތަށް އަންނަނީ މަސައްކަތް ކުރަމުން ކަމަށެވެ. ނަމަވެސް އެއްވެސް ކުރިއެރުމެއް ލިބިފައި ނުވާކަމަށް އެ ޔޫނިއަން އިން ބުނެފައިވެ އެވެ.
ޔޫނިއަންގެ ބަޔާނުގައި ބުނެފައިވަނީ އެ ޔޫނިއަންގެ މެންބަރުން ގަބޫލުކުރާ ގޮތުގައި، ސަރުކާރުގެ މަސްކުންފުނިން ކަންނެލި ގަނެ، އެކްސްޕޯޓްކޮށް މާކެޓް ކުރުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގެއް ކަނޑައެޅުމާއި، މަސްވެރިކަން ކުރުމަށް ކުރަންޖެހޭ ހަރަދުތައް ކުޑަކުރެވޭނެ މަގަށް ސަރުކާރުގެ ސިޔާސަތުތައް ބަދަލުކުރުމާއި، މަސްވެރިންގެ މެދުގައި ގެންގުޅޭ ތަފާތުކުރުންތައް ނައްތާލުމަކީ ކަންނެލި މަސްވެރިކަމުގެ ސިނާއަތް އެތައް ގޮތަކުން ކުރިއަރާދާނެ މަގެއް ކަމުގަ އެވެ.
ބަޔާނުގައި ވަނީ ސަރުކާރުން ބޮޑުކަންނެލި މަސްވެރިންނަށް ވީ ވައުދުތައް ވެސް ތަކުރާރުކޮށްފަ އެވެ. އެގޮތުން ސަރުކާރުގެ މަސް ކުންފުނި މިފްކޯއަށް ބޮޑުކަންނެލި ގަންނަން ފެށުމާއި، ކަންނެލި ގަނެވޭނެ އެންމެ ދަށް އަގަކީ 80 ރުފިޔާއާއި 100 ރުފިޔާ ކަމަށާއި އަދި މަސްވެރިންނަށް ބޭސް ރޭޓުގައި ތެޔޮ ފޯރުކޮށްދިނުމާއި ފަސޭހައިން އައިސް ލިބޭނެ އިންތިޒާމް ހަމަޖެއްސުން ހިމެނެ އެވެ.
ޔޫނިއަނުން ބުނީ މި ވައުދުތައް ހިމަނާ، ކެމްޕޭންކޮށް މަސްވެރިންގެ ބޮޑު ތާއީދާއެކު ވެރިކަން ހޯދާފައިވާ ކަމީ ދެބަސް ނުވެވޭނެ ހަގީގަތް ކަމަށެވެ. ނަމަވެސް މިއަދާ ހަމައަށް ކުރެވުނު އެއްވެސް މަސައްކަތަކުން ކަންނެލި މަސްވެރިންނަށް އެއްވެސް އަލިމަގެއް ނުފެނި މާޔޫސްކަން ގެނުވާފައިވާ ކަމަށެވެ. އެހެންކަމުން މިއަދާ ހަމައަށް އައި އިރު ވެސް ކަންނެލި މަސްވެރިންގެ ކަންބޮޑުވުންތަކަށް ސަރުކާރުން އަޅާނުލުމާއެކު ހައްލު ހޯދާ ދީފައި ނުވާތީ، ޑިސެމްބަރު 10 ވަނަ ދުވަހު އެ ޔޫނިއަންގެ އަހަރީ ބައްދަލުވުމަށްފަހު ކަންނެލި މަސްވެރިންގެ ހައްގުގައި އަޑުއުފުލާ އިހުތިޖާޖު ކުރަން އެ ޔޫނިއަންގެ މެންބަރުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ބޮޑު ކަންނެލި މަސްވެރިންނަށް ސަރުކާރުން ވީ ވައުދުތައް ފުއްދުމަށް ގޮވާލާފައިވާ އިރު ހުރިހާ މަސްވެރިން އެ ޔޫނިއަންއާ އެކު ބައިވެރިވެ އަޑު އުފުލުމަށް ވަނީ ގޮވާލާފަ އެވެ.