ނޮވެމްބަރ 17ގައި ބާއްވަން ތާވަލްކުރި އެމްޑީޕީގެ ބޮޑު އެއްވުން ބާއްވަން ސަރުކާރުން އެއްވެސް ފުރުސަތެއް ނުދިނުމުން އެ އެއްވުން ފަސްކޮށްފި އެވެ.
އެ އެއްވުން ކެންސަލްކޮށްފައި ވަނީ ހޮނިހިރު ދުވަހުގެ ރޭ ބޭއްވި ގައުމީ މަޖިލީހުގެ ބައްދަލުވުމުގަ އެވެ. ކޮމިޓީ އިން ހުށަހަޅާފައި ވަނީ އެއްވުން ފަސްކުރުމަށާއި، ދެން މި އެއްވުން ބާއްވާނެ ތާރީހު ކަނޑައަޅާނީ ލީޑަރޝިޕުން ކަމަށެވެ.
އެމްޑީޕީ އިން 17 ވަނަ ދުވަހު ބާއްވަން ތާވަލްކުރި އެއްވުން އިންތިޒާމް ކުރަން ނެގި ކޮމިޓީ އިން އެ ކޮމިޓީ އަށް އެކަމާއި މެދު ފެންނަ ގޮތުގެ ލަފައެއް ވަނީ އެމްޑީޕީގެ ޤައުމީ މަޖިލީހަށް ދީފަ އެވެ. އެއްވުން އިންތިޒާމް ކުރާ ކޮމިޓީ އިން މިހާރުގެ ހާލަތު ބަޔާންކޮށް ގައުމީ މަޖިލީހަށް ފޮނުވި ލަފާގައި ބުނެފައި ވަނީ ނޮވެމްބަރ 17ގައި އެއްވުމެއް ބާއްވަން ތަނެއް ހޯދުމަށް ކުރި މަސައްކަތް ކާމިޔާބު ނުވާ ކަމަށެވެ. އެ އެއްވުން ބާއްވަން އެއްވެސް ތަނެއް ނުލިބުނު ކަމަށް ވެސް އެ ކޮމިޓީ އިން ބުނެފައިވެ އެވެ.
ސަރުކާރުން ވަނީ އެ އެއްވުމަށް އެއްވެސް ތަނެއް ނުލިބޭ ގޮތަށް ބްލޮކްކޮށްފައި ކަމަށް އެމްޑީޕީގެ ޗެއަރޕަސަންގެ ނައިބު އިބްރާހިމް ވަހީދު ވަނީ ޤައުމީ މަޖިލީހުގައި އެކަމާއި ގުޅޭ މައުލޫމާތު ހިއްސާ ކުރައްވަމުން ވިދާޅުވެފައެވެ. އެގޮތުން، އާޓިފިޝަލް ބީޗާއި، ކާނިވާ، ރަސްފަންނު، ސަލްޓަން ޕާރކް ވެސް ނުލިބުނު ކަމަށް އޭނާ ވިދާޅުވި އެވެ.
" ސަލްޓަން ޕާކް މަރާމާތުކުރަން ކަމަށް ބުނެ ސިޓީ ކައުންސިލްގެ ދަށުން ނަގާ ދަތްދޮޅި އާދަނުގެ މިނިސްޓްރީ ދަށަށް ލަފައި އޮތީ. އުސްފަސްކަނޑު ސްކޭޓިން ޕާކެއް ހަދަން ކަމަށް ބުނެ ނުދިން. އެމްޑީޕީ ހަރުގޭގައި ބޭއްވޭ ވަރަށް ވުރެ ބޮޑު ހަރަކާތެއް މިއީ." އިބްރާހިމް ވަހީދު ވިދާޅުވި އެވެ.
ހާމަކަން ބޮޑު ތަނެއް ނުލިބޭ ނަމަ އެ އެއްވުން ބާއްވަން ދަތިވާނެ ކަމަށް އެ އެއްވުން ބޭއްވުމަށް ނަގާފައިވާ ކޮމިޓީ އިން ވަނީ ބުނެފައެވެ. ހަމައެހެންމެ އެ އެއްވުން ޕްރޮމޯޓްކުރުމަށް ކުރި މަސައްކަތަށް ވެސް ސަރުކާރުން ކެނޑިނޭޅި ހުރަސް އަޅާފައިވާ ކަން އެ ކޮމިޓީ އިން ފާހަގަކުރެ އެވެ. އޭގެ ތެރޭގައި ބެނާތައް ކަނޑާލުމާއި، ޕިކަޕް މެދުވެރިކޮށް ޖަލްސާ ޕްރޮމޯޓް ކުރުމަށް ކުރި މަސައްކަތް ވެސް އިދާރާތައް މެދުވެރިކޮށް ހުއްޓުވާފައިވާ ކަމަށް އެމްޑީޕީ އިން ވަނީ ބުނެފައެވެ.
މިކަންކަމަކީ ރޭވިގެން ސަރުކާރުގެ އިސް ފަރާތްތަކުން ކުރާ ކަމެއް ކަަމަށް އެމްޑީޕީ އިން ވަނީ ބުނެފަ އެވެ. އޮކްޓޯބަރ މަހުގެ 3 ވަނަ ދުވަހު ވެސް ސަރުކާރު ޖަވާބުދާރީކުރުވުމަށް އިދިކޮޅު އެމްޑީޕީން ވަނީ ބޮޑު އެއްވުމެއް ބާއްވާފައެވެ. ރައީސް ޑރ މުހައްމަދު މުއިއްޒުގެ ޚުދުމުހުތާރު ސަރުކާރު ޖަވާބުދާރީ ކުރުމަށް އަންނަ ނޮވެމްބަރު މަހުގެ 17 ވަނަ ދުވަހު ބޮޑު މުޒާހަރާއެއް ބޭއްވުމަށް އެމްޑީޕީން ނިންމާފައި ވަނީ އޮކްޓޯބަރ މަހު އެވެ. އެއާއި އެކު އެކި ގޮތް ގޮތުން އެ އެއްވުމަށް ނުފޫޒު ފޯރުވުމަށް ސަރުކާުރުން މަސައްކަތް ކޮށްފައި ވާ ކަމަށް އެމްޑީޕީ އިން ބުނެ އެވެ.