ފުވައްމުލައް ސިޓީ ފެނަށް ޖެހި ފެނުގެ މައްސަލަ ހައްލު ނުވާތީ ފެން ޕްލާންޓް ހުންނަ ސަރަހައްދަށް ރައްޔިތުން އެއްވާން ނިންމައިފި އެވެ.
އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އިންޖީނެއްގެ ފިލްޓަރެއް ބަދަލުކުރެވެން ވެސް ނެތް ކަމަށާއި، ނަރުދަމާ ހޮޅިއެއް ފަޅައިގެން ދިޔަޔަސް އެކަން ހައްލުކުރާނެ ސާމާނެއް ނެތް ކަމަށެވެ. ފުވައްމުލައް ފެނަށް ޖެހި ރައްޔިތުން އެތައް ތަކުލީފެއް އުފުލަމުން އަންނަ އިރު ރައްޔިތުންގެ އެދުމަކީ އަސާސީ ހިދުމަތްތައް ރަނގަޅަށް ލިބިގެން ދިއުން ކަމަށް ވާހަކަ ދެއްކި މީހަ ބުނެފައިވެ އެވެ.
އަދި ފެނަކައިގައި ހުރި މައްސަލަތައް ރައީސް ޑރ. މުހައްމަދު މުއިއްޒު އަށް އެތައް ފަހަރެއްގެ މަތިން ދަންނަވަމުން ދިޔަ ކަމަށާއި، ފުވައްމުލަކުގެ ފެނުގެ މައްސަލައަކީ ކުއްލިއަކަށް ދިމާވި ކަމެއް ނޫން ކަމަށް ވާހަކަ ދެއްކި މީހާ ބުނެފައިވެ އެވެ.
އެހެންކަމުން ކަންކަން ރަނގަޅު ކުރުމަށް ގޮވާލާ އިހުތިޖާޖު ކުރުމުގެ ގޮތުން އަންގާރަ ދުވަހުގެ ހަވީރު 4 ޖަހާއިރު ފެންޕްލާންޓް ކުރިމައްޗަށް ރައްޔިތުން އެއްވުމަށް ވަނީ ނިންމާފަ އެވެ.
ފުވައްމުލައް ފެނަށް ޖެހި އާންމުން ފެން ހޯދުމަށް ވަނީ ކިއު ޖެހިފަ އެވެ. ފެން ކަނޑާލީ ފެނަކައިން ދޫކުރާ ފެނުގައި ބެކްޓީރިއާ ހުރެ ބޭނުން ނުކުރެވޭ ވަރަށް ތަޣައްޔަރުވުމާއި ގުޅިގެންނެވެ. އަދި އެ މައްސަލަ ހައްލު ކުރުމަށް ދެތިން ދުވަސް މަދުވެގެން ނަގާނެކަމަށް ވަނީ ލަފާކޮށްފަ އެވެ.