ބ. ދޮންފަނު ކައިރީގައި އޮންނަ، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިފައިވާ ހަނިފަރު ބޭއަށް ގެއްލުން ލިބިދާނެކަމުގެ ބިރު އޮތް ދޮންފަނު ބިން ހިއްކުމުގެ މަޝްރޫޢު ހުއްޓުވުމަށް އެދި ހުޅުވާލި އޮންލައިން ޕެޓިޝަނެއްގައި މިހާތަނަށް 3،000 އަށް ވުރެ ގިނަ މީހުން ސޮއިކޮށްފި އެވެ.
2011 ވަނަ އަހަރުން ފެށިގެން ހިމާޔަތްކޮށްފައިވާ ހަނިފަރު ބޭގެ ސަރަހައްދާ އެންމެ ކައިރިން އޮންނަ ދޮންފަނުގައި 13 ހެކްޓަރުގެ ބިން ހިއްކުމުގެ މަސައްކަތް ކުރިއަށް ގެންދިއުމަށް ސަރުކާރުން ވަނީ އެމްޓީސީސީއާ ހަވާލުކޮށްފަ އެވެ. މި މަޝްރޫޢުގައި އޮގަސްޓު 13 ވަނަ ދުވަހު ސޮއިކުރެވުނީ ރައީސް މުހައްމަދު މުއިއްޒު އެ ރަށަށް ކުރެއްވި ދަތުރުފުޅެއްގަ އެވެ.
އަމިއްލަ ޖަމިއްޔާއެއް ކަމަށްވާ ރެޒިލިއެންސް މޯލްޑިވްސްއިން ދެ ދުވަސް ކުރިން ހުޅުވާލި މި އޮންލައިން ޕެޓިޝަން ސޯޝަލް މީޑިއާގެ އެކި ޕްލެޓްފޯމްތަކުގައި ގިނަ ބަޔަކު ދަނީ ހިއްސާކުރަމުންނެވެ.
ޕެޓިޝަނުގައި ފާހަގަކޮށްފައިވާ ގޮތުގައި މި މަޝްރޫޢުގެ ސަބަބުން ހަނިފަރު ބޭގެ އަސްލު ސިފައަށް ބަދަލު އައުމުގެ ބިރު އެބައޮތެވެ. އަދި މިކަމުގެ ސަބަބުން ތިމާވެށްޓަށާއި، އެ ސަރަހައްދުގެ އިޤްތިޞާދަށް އަދި ދިވެހި ސަގާފަތަށް ވެސް ނޭދެވޭ އަސަރުތަކެއް ކުރާނެ ކަމަށް ވަނީ ފާހަގަކޮށްފަ އެވެ.
ހަނިފަރު ބޭގައި ހިމާޔަތްކޮށްފައިވާ 529 ހެކްޓަރުގެ ސަރަހައްދަކީ އެންމަޑިތަކުން ކްލީނިން ސްޓޭޝަންތަކެއްގެ ގޮތުގައި ބޭނުންކުރާ މުހިންމު ސަރަހައްދެކެވެ. މި ސަރަހައްދަށް ފީނުމަށް 20 ޑޮލަރުގެ ފީއެއް ނެގިނަމަވެސް، ފުޅި އަޅައިގެން ފީނުން ވަނީ މަނާކޮށްފަ އެވެ.
ސަރުކާރުން މި މަޝްރޫޢު ފަށަން ނިންމާފައިވަނީ، އެންވަޔަރަންމަންޓް މިނިސްޓްރީން މި އަހަރު އެކުލަވާލި ކުރިއަށް އޮތް ފަސް އަހަރުގެ ހަނިފަރު ހިމާޔަތްކުރުމުގެ ޕްލޭންގައި، އެ ސަރަހައްދަށް އޮތް އެންމެ ބޮޑު ނުރައްކަލެއްގެ ގޮތުގައި ބިން ހިއްކުން ފާހަގަކޮށްފައި އޮއްވަ އެވެ.
އެ ޕްލޭންގައި ބަޔާންކޮށްފައިވާ ގޮތުގައި ހަނިފަރު ބޭގައި ހިންގާ ހުރިހާ ހަރަކާތްތަކަކީވެސް އެ ސަރަހައްދުގެ ދިރުންތަކަށް ވީހާވެސް ކުޑަ ގެއްލުމެއް ލިބޭނެ ގޮތަށް ހިންގަންޖެހޭ ހަރަކާތްތަކެއް ކަމަށެވެ.