Advertisement
ކ. މާލެ
|
4 ސެޕްޓެންބަރ 2025 | ބުރާސްފަތި 13:34
މާލީ ބަޔާން ހުށަނާޅާ ޕީއެންސީގެ 4 މެންބަރުންނާއި އެމްއެންޕީގެ މެންބަރު ނާޒިމް (ކ)
މާލީ ބަޔާން ހުށަނާޅާ ޕީއެންސީގެ 4 މެންބަރުންނާއި އެމްއެންޕީގެ މެންބަރު ނާޒިމް (ކ)
ރާއްޖެއެމްވީ
މެންބަރުންގެ މާލީ ބަޔާން
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް ފިޔަވަޅު އަޅާނަން - މަޖިލިސް
މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 88 މެންބަރުން މާލީ ބަޔާން ހުށަހަޅާފައިވާއިރު 5 މެންބަރުން ހުށަހަޅާފައެއް ނުވޭ
މާލީ ބަޔާން ހުށަނާޅާ މެންބަރުންނަށް 15 ދުވަހުގެ މުއްދަތެއް ދިނުމަށްފަހު މަޖިލީހުގެ ތަޅުމުގައި ނަން އިއްވައި މުސާރައިން ކެނޑޭނެ

ރައްޔިތުންގެ މަޖިލީހުގެ ގަވާއިދުގައިވާ ގޮތަށް މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ފިޔަވަޅު އަޅުއްވާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނެފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ 93 މެންބަރުންގެ ތެރެއިން 88 މެންބަރުން ވަނީ މިހާތަނަށް މަޖިލީހަށް ހުށަހަޅާފައެވެ. މާލީ ބަޔާން ހުށަނާޅަނީ ވެރިކަން ކުރާ ޕީއެންސީގެ 4 މެންބަރަކާއި އެމްއެންޕީގެ މެންބަރެކެވެ. މާލީ ބަޔާން ހުށަނާޅާ ފަސް މެންބަރުންނަކީ މައްޗަންގޮޅި މެދު ދާއިރާގެ މެންބަރު އަހުމަދު ޒަމީރު (ޕީއެންސީ)، މާފަންނު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ނާޒިމް (އެމްއެންޕީ)، މާފަންނު ހުޅަނގު ދާއިރާގެ މެންބަރު މުހައްމަދު މުސްތަފާ އިބްރާހީމް (ޕީއެންސީ)، ކުރެންދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާމިން ހަބީބް (ޕީއެންސީ) އަދި ފޭދޫ އުތުރު ދާއިރާގެ މެންބަރު އިސްމާއީލް ނިޒާރު (ޕީއެންސީ) އެވެ.

މަޖިލީހުގެ ގަވާއިދު ބުނާ ގޮތުން، މެންބަރުން ހުވައިކުރާތާ އެއް އަހަރު ދުވަސް ފުރިހަމަވުމުން މާލީ ބަޔާން ހާމަކުރަންޖެހޭނެއެވެ. އެހެންވެ، މި ހިނގާ 20ވަނަ ރައްޔިތުންގެ މަޖިލީހުގެ މެންބަރުންގެ މާލީ ބަޔާން ހުށަހަޅުއްވަންޖެހޭނީ މޭ މަހުގެ 28ވަނަ ދުވަހަށް އެއް އަހަރު ފުރުމުން، މި މަހުގެ 31ވަނަ ދުވަހުގެ ކުރިންނެވެ.

މަޖިލީހުގެ އިދާރާއިން ބުނީ މާލީ ބަޔާން ހުށަނާޅުއްވާ މެންބަރުންނަށް ގަވައިދުގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މަޖިލީހުގެ ގަވާއިދުގެ 77 ވަނަ މާއްދާ، މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަނޭޅުމުން އަޅާ ފިޔަވަޅުގައި ބުނެފައިވަނީ އިތުރު 15 ދުވަސް ދެވޭނެ ކަމަށެވެ. އަދި މާލީ ބަޔާން ހުށަނާޅައިފިނަމަ މަޖިލީހުގެ ތަޅުމުގައި މެންބަރުގެ ނަން އިއްވޭނެއެވެ. އަދި އެ މެންބަރެއްގެ ނަން މަޖިލީހުގެ ރައީސް އިއްވުމަށްފަހު، ދެން އެ މެންބަރަކަށް މަޖިލީހުގެ ޖަލްސާއެއްގައި ނުވަތަ މަޖިލީހުގެ ކޮމިޓީގެ ބައްދަލުވުމެއްގައި ބައިވެރިވެވޭނީ މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމަށްފަހުގައެވެ. އަދި ނަން އިއްވުމަށްފަހު މުދަލާއި ފައިސާގެ ބަޔާން ނުވަތަ މާލީ ބަޔާން ހުށަހެޅުމާ ހަމައަށް ހިނގާ ކޮންމެ ދުވަހަކަށް އެ މެންބަރެއްގެ މުސާރައިން ދުވާލަކަށް ޖެހޭ ޢަދަދު ކެނޑެމުން ދާނެއެވެ.

މަޖިލީހުގެ ގަވާއިދު މިހާރު އޮންނަ ގޮތުން މެންބަރަކަށް އިންތިހާބުވާއިރު މާލީ ބަޔާން ހުށަހަޅަން ނުޖެހޭތީ، މަގާމާ ހަވާލުވާއިރު މެންބަރުގެ މުއްސަނދިކަމާއި ދެން މެންބަރުކަމުގައި ހުންނަވާ އަހަރުތަކުގައި މުއްސަނދިކަން އިތުރުވާ މިންވަރެއް އެނގޭނެ ގޮތެއް ނޯވެ އެވެ. މި ކަމުގެ ކަންބޮޑުވުން ޓްރާންސްޕޭރެންސީ އާއި މަދަނީ ޖަމިއްޔާތަކުން ފާޅުކޮށްފައިވެ އެވެ.

- ކޮމެންޓް