Advertisement
ކ. މާލެ
|
21 އޮކްޓޯބަރ 2025 | އަންގާރަ 05:34
ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ފޮނަދޫގައި ބޭއްވި ޖަލްސާގައި ރައީސް މުއިއްޒުގެ އަރިހުގައި މަޖިލީހުގެ ރައީސް އަބްދުއްރަހީމް
ރައީސް އޮފީސް
ޢަބްދުއްރަޙީމް ޢަބްދުﷲ
ރައީސް މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ފާސް ކުރާނަން، ފާޑު ކިޔާ ބަޔަކު ފާޑު ކިޔަންވީ: އަބްދުއްރަހީމް
ރައީސް މުއިއްޒު ފޮނުއްވާ ކޮންމެ ބިލަކީ ގައުމަށް އަދި ރައްޔިތުންނަށް ލާބައާއި މަންފާ އޮތް ބިލެއްކަން ޔަގީން ކަމުގައި ވެސް އަބްދުއްރަހީމް ވިދާޅުވި
މަޖިލީހުގެ މެންބަރުން ތިބީ ފިސާރި ކެރިގެން ރައްޔިތުންގެ އުއްމީދުގައި ކުލަޖެއްސުމަށް ތައްޔާރަށް ކަމަށް އަބްދުއްރަހީމް ވިދާޅުވި
ފާޑުކިޔާ ބަޔަކު ފާޑުކިޔަސް އެކަމާއި ވާހަކަ ދައްކާނެ ބަޔަކު ވާހަކަ ދެއްކިޔަސް ސަރުކާރުން ހުށަހަޅާ ކޮންމެ އެއްޗެއް ފާސް ކުރާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވި

ރައީސް ޑރ. މުހައްމަދު މުއިއްޒު މަޖިލީހަށް ފޮނުވާ ކޮންމެ ބިލެއް ވެސް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

ހައްދުންމައްޗަށް ރައީސް މުއިއްޒު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން ހޯމަ ދުވަހުގެ ރޭ ފޮނަދޫ ރައްޔިތުންނާއި ބައްދަލުކުރެއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން މަޖިލީހުގެ ރައީސްކަން ވެސް ކުރައްވަމުން ގެންދަވާ ފޮނަދޫ ދާއިރާގެ މެންބަރު އަބްދުއްރަހީމް ވިދާޅުވީ އޭނާ ޕޯޑިއަމް ކައިރީގައި ހުންނެވީ ފޮނަދޫ ދާއިރާގެ މެންބަރުގެ ހައިސިއްޔަތުން ކަމަށާއި، އެހެން ނަމަވެސް ދެ ހައިސިއްޔަތު ވެސް އޮތީމާ ދަންނަވާލަން ބޭނުންވަނީ މަޖިލީހުގެ ތެރެއިން ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ސަރުކާރު ހިންގެވުމަށް ބޭނުންވާ އެއްވެސް ކަމެއްގައި ކުޑަ ވެސް ފަސްޖެހުމެއް ނޯންނާނެ ކަމަށެވެ.

އަބްދުއްރަހީމް ވިދާޅުވީ މަޖިލީހުގެ މެންބަރުން ތިބީ ފިސާރި ކެރިގެން، ރައްޔިތުންގެ އުއްމީދުގައި ކުލަޖެޖެއްސުމަށް ތައްޔާރަށް ކަމަށެވެ. އަދި ރައީސް މުއިއްޒު ފޮނުއްވާ ކޮންމެ ބިލަކީ ގައުމަށް، ރައްޔިތުންނަށް އޭގެ ލާބައާއި މަންފާ އޮތް ބިލެއްކަން ޔަގީން ކަމަށާއި، އެ ބިލެއް ފާސްކުރުމުގައި މަޑުޖެހުމެއް ނޯންނާނެ ކަމަށެވެ.

ފާޑުކިޔާ ބަޔަކު ފާޑުކިޔަންވީ. އެކަމާއި ވާހަކަ ދައްކާނެ ބަޔަކު ވާހަކަ ދައްކަންވީ. އެކަމަކު ރައްޔިތުންގެ އަޣުލަބިއްޔަތު އޮތީ ރައީސް މުއިއްޒުއާ އެކީގައި. އެހެންވީމަ ރައްޔިތުންގެ އަޣުލަބިއްޔަތުން ނިންމާ ނިންމުމަކަށް މައިނޯރިޓީ ޖެހޭނީީ ތަބާވާން. އެއީ ޑިމޮކްރަސީއަކީ.

މަޖިލީހުގެ ރައީސް އަބްދުއްރަހީމް އަބްދުﷲ

ޕީއެންސީގެ ސުޕަރ މެޖޯރިޓީ އޮންނަ ރައްޔިތުންގެ މަޖިލިސް މިހާރު ހިންގަމުންދަނީ ރައީސް މުއިއްޒުގެ އިރުޝާދުގެ ދަށުންނެވެ. ގާނޫނު އަސާސީއަށް ގެނައި އިސްލާހާއެކު ޕީއެންސީގެ މެންބަރުންގެ ގޮނޑި ގެއްލިދާނެކަމުގެ ބިރާއެކު މަޖިލިސް ކުރިއަށް ގެންދަނީ ސަރުކާރުން ބޭނުންވާ ގޮތަށެވެ.

އަބްދުއްރަހީމް މިހެން ވިދާޅުވި އިރު، ގާނޫނޫ އަސާސީ އަށް ގެނައި ބަދަލުތައް ގެނައުމުގަ އާއި ބިލުތައް ފާސްކުރުމުގައި ރައްޔިތުންގެ ކަންބޮޑުވުން އިންތިހާ އަށް ހުރި ކަންކަމުގައި އެއްވެސް ފަރުވާލެއް ބެހެއްޓުމެއް ނެތި މަޖިލީހުން ގެންދަނީ ހަލުއި ސްޕީޑުގައި ސަރުކާރުން ހުށަހަޅާ ގޮތައް ބިލްތައް ފާސް ކުރަމުންނެވެ.

- ކޮމެންޓް