ރެކްރޫޓްމަންޓް އޭޖެންސީ ތަކަށް އެކްސްޕެޓް ސިސްޓަމް ގައި ރިޕްރެސެންޓެޓިވުން ގެ ގޮތުގައި ތަމްސީލު ކުރެވޭ އަދަދު ލިމިޓް ކުރުމާ އެކު ބިދޭސީ މަސައްކަތްތެރިންގެ ޚިދުމަތް ދޭ ފަރާތްތަކަށް ބޮޑެތި ދަތިތަކެއް ކުރިމަތިވެއްޖެއެވެ.
މިނިސްޓްރީ އޮފް ހޯމްލޭންޑް ސެކިއުރިޓީ އެންޑް ޓެކްނޯލޮޖީ އިން އާންމުކޮށްފައިވާ އިޢުލާނެއްގައި ބުނެފައިވާ ގޮތުން އަމިއްލަ ފަރުދަކަށް އެކްސްޕެޓް ސިސްޓަމުގައި ރެޕްރެޒެންޓޭޓިވްއެއްގެ ގޮތުގައި ވަޒީފާދޭ 5 ފަރާތަށް ވުރެ ގިނަ ފަރާތެއް ތަމަޞީލެއް ނުކުރެވޭނެ އެވެ. އަދި އަމިއްލަ ފަރުދުންގެ ހައިސިއްޔަތުން ވަޒީފާދޭ ފަރާތަށް ގިނަވެގެން އައްޔަނުކުރެވޭނީ 2 ރެޕްރެޒެންޓޭޓަރުން ކަމަށް ދިވެހިރާއްޖޭގައި ބިދޭސީން ވަޒީފާ އަދާކުރުމާބެހޭ ޤަވާއިދު އާއި ޙަވާލާދީ ބުނެފައިވީ ނަމަވެސް އެޖެންސީތައް ހިންގާ ފަރާތްތަކުގެ ވާހަކަ އެ ގަވައިދުގައި ބަޔާންކޮށްފައެއް ނުވެއެވެ.
އެހެންކަމުން އެކްސްޕެޓް ސިސްޓަމުގައި މިދެންނެވި ޢަދަދަށްވުރެ ގިނައިން ރެޕްރެޒެންޓޭޓިވްސް އައްޔަނުކޮށްފައިވާ ނުވަތަ ތަމްޞީލް ކުރާ ފަރާތްތަކުން ޤަވާއިދުގައިވާ ގޮތުގެ މަތިން ޢަމަލުކޮށް، އިތުރުވާ ފަރާތްތަކުގެ ރިލޭޝަން، ވަންގަވް މެދުވެރިކޮށް، 1 ސެޕްޓެމްބަރު 2025 ގެ ކުރިން ޑީއެކްޓިވޭޓް ކުރުމަށް ވަނީ އަންގާފައެވެ. ޤަވާޢިދުގައި މިގޮތަށް ބަޔާންކޮށްފައި ވީނަމަވެސް ރެކްރޫޓްމަންޓް އެޖެންސީތައް ހިންގާ ފަރާތްތަކަކީ ޙާއްޞަ ލައިސަންސްއެއްގެ ދަށުން ހިންގާ ވިޔަފާރިތަކެކެވެ.
ސަރުކާރުން ޤަވާޢިދުގެ ބޭރުން ޔޫޒަރތައް ޑީއެކްޓިވޭޓް ކުރިއިރު އެޖެންސީތަކުގެ ރެޕްރެޒިންޓޭޓިވް ޔޫޒަރތައްވެސް ވަނީ ޑީއެކްޓިވޭޓް ކޮށްފައެވެ. ރެކްރޫޓްމަންޓް އެޖެންސީތަކާއި އެއްވެސް މަޝްވަރާއެއް ކުރުމެއްނެތި ކުއްލިއަކަށް ގެނައި ބަދަލުގެ ސަބަބުން އެޖެންސީތަކުގެ މަސައްކަތް ހުއްޓި ކަސްޓަމަރުންގެ ވިސާ ފީތައް ނުދެއްކި ޗުއްޓީއަށް ގޮސް އެއަރޕޯޓަށް އައިސްފައިވާ ފަރާތްތައް ވިސާ ފީ އަޕްޑޭޓް ނުވުމުގެ ސަބަބުން ރާއްޖެ އެތެރެނުވެވިފައި ތިބި ކަމަށް އޭޖެންސީ އެއް ހިންގާ ފަރާތަކުން މައުލޫމާތު ދީފައިވެއެވެ.
މިނޫހަށް މަޢުލޫމާތު ދިން އެޖެންސީ އެއް ހިންގާ ފަރާތަކުން ބުނިގޮތުގައި، މިއީ ސަރުކާރުން އަމިއްލަ މަސައްކަތް ކުރާ ކުންފުނިތަކުގެ އެއްވެސް މަޝްވަރާއެއް ނެތި ކުއްލި ގޮތަކަށް ދިން ވަރަށް ބޮޑު ގެއްލުމެކެވެ.
"އަސްލު ޙަޤީޤަތުގައި އަޅުގަނޑުމެން އެޖެންސީ ލައިސަންސް ނަގާފައިވަނީ ސަރުކާރަށް ދައްކަން ޖެހޭ ލައިސަންސް ފީގެ ގޮތުގައި -/300000 (ތިން ލައްކަ) ރުފިޔާ ދައްކައިގެން. މިއީ ވަރަށް ބޮޑު ގެއްލުމެއް."
އެ ފަރާތުން ބުނި ގޮތުގައި މިއީ އަމިއްލަ ވިޔަފާރިތައް ސަރުކާރުން ކޮންޓްރޯލު ކުރުމުގެ އުކުޅެކެވެ.
"ސަރުކާރުން ބޭނުންވާ ވަރަކަށް ލާރި ނަގާފައި، ކުއްލިއަކަށް މިސާލަކަށް މިބުނަނީ މި ވިޔަފާރީގައި ސޭލްސް މިމަހު -/5000 ރުފިޔާ އަށްވުރެ މަތިންކޮށްގެން ނުވާނޭ. ސަރުކާރުން މިހާރު ނުވަންނާކަށް ވިޔަފާރިއެއް ނެތް. މިސަރުކާރާއި ހެދި މިހާރު އާންމު ދިރިއުޅުމަށް އުދަނގުލަކަށް ވެއްޖެ." ކަމަށް އެފަރާތުން ބުންޏެވެ.
އެ ފަރާތުން ބުނި ގޮތުގައި ޤަވާޢިދަކަށް އިޞްލާޙް ގެންނައިރު ނުވަތަ ޢަމަލުކުރަން ފެށުމުގެ ކުރިން އެންމެ ކުޑަ މިނުން ކަމާއި ގުޅުންހުރި ފަރާތްތަކާއި މަޝްވަރާ ކުރަން ޖެހޭނެ ކަމަށެވެ.