Advertisement
ކ. މާލެ
|
19 އޯގަސްޓް 2025 | އަންގާރަ 19:12
ކްރިޕްޓީ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން ބިދޭސީންގެ އަތުން ފައިސާ ހޯދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައި
ކްރިޕްޓީ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން ބިދޭސީންގެ އަތުން ފައިސާ ހޯދާ މައްސަލަތަކެއް ވަނީ ފެންމަތިވެފައި
ޕޮލިސް
ކްރިޕްޓޯކަރެންސީ
ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގައިފި
މަކަރުވެރިން އަމާޒުކުރަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް
ފުލުހުން އާންމުންނަށް އިލްތިމާސްކޮށްފައިވަނީ ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް

ކްރިޕްޓޯ ކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން އޮޅުވާލައިގެން ބިދޭސީ މަސައްކަތްތެރިންގެ އަތުން 2.9 މިލިއަން ރުފިޔާ ނަގާފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.

ފުލުހުން ބުނީ ބިދޭސީ މަސައްކަތްތެރިންނަށް އަމާޒުކޮށްގެން ހިންގާ އައު ބާވަތެއްގެ މަކަރާއި ހީލަތް ހެދުމުގެ މައްސަލަތަކެއް ދިވެހި ފުލުހުންގެ ޚިދުމަތަށް ހުށަހެޅެމުންދާ ކަމަށެވެ. އަދި މި މައްސަލަތަކުގައި މިހާތަނަށް 2.9 މިލިއަން ދިވެހި ރުފިޔާގެ މާލީ ގެއްލުން ވެފައިވާ ކަމަށް ފުލުހުން ބުނެއެވެ. އަދި މި މަކަރާއި ހީލަތުގެ އަމަލު ހިންގަނީ ކްރިޕްޓޯކަރަންސީގެ މުއާމަލާތްތަކުގެ ތެރެއިން، އޮޅުވާލައިގެން ކަމަށާއި، މިގޮތަށް މަކަރާއި ހީލަތް ހަދާ ފަރާތްތަކުން މައިގަނޑު ގޮތެއްގައި އަމާޒުކުރަނީ ދިވެހިރާއްޖޭގައި ދިރިއުޅޭ އަދި މަސައްކަތްކުރާ ޗައިނާގެ ރައްޔިތުންނަށް ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުން ބުނީ އެންމެ ފުރަތަމަ މަކަރުވެރިން ގުޅަނީ ދިވެހިރާއްޖޭގައި ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތްތަކާ ކަމަށެވެ. އަދި ހާއްސަގޮތެއްގައި ޓެދަރ (ޔޫއެސްޑީޓީ) ގަނެވިއްކާ ފަރާތްތަކާ ކަމަށާއި، މަކަރުވެރިން، ޔޫއެސްޑީޓީ ވިއްކާފަރާތަށް އޮޅުވާލައި، ރަނގަޅު ރޭޓެއްގައި ބޭރު ފައިސާ (ޗައިނީޒް ޔުއާން) ގަނެވިއްކުމުގެ މުއާމަލާތެއް ހިންގަން ހުށަހަޅާ ކަމަށެވެ. އަދި މި މަރުހަލާގައި މަކަރުވެރިޔާ ވިއްކާ ފަރާތަށް ހުށަހަޅަނީ ފައިސާ ޓްރާންސްފަރ ކުރުމަށް ވަކި ޑިޖިޓަލް ވޮލެޓް އެޑްރެހެއް ކަމަށެވެ. މިއީ މުޅި މި މަކަރުވެރި އަމަލުގެ ފެށުން ކަމަށް ފުލުހުން ބުނެއެވެ.

އެއާއެކު، މަކަރުވެރިޔާ ހަމަޖައްސަނީ ދިވެހި ރުފިޔާ ނަގުދު ފައިސާގެ ގޮތުގައި ގެންގުޅޭ ބޭރު ގައުމެއްގެ މީހަކު ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތާ ބައްދަލުކުރުމަށް ކަމަށާއި، ބޭރު ގައުމުގެ މީހާ މި މުއާމަލާތުގައި ބައިވެރިވަނީ އޭނާގެ އަތުގައިވާ ދިވެހި ރުފިޔާ ބަދަލުކުރެވެނީ އޭނާގެ ބޭންކް އެކައުންޓަށް ޖަމާކުރެވޭނެ ބޭރު ފައިސާއަކަށް ކަމަށް ގަބޫލުކޮށްގެން ކަމަށް ބުނެފައިވެ އެވެ.

ދެ ފަރާތް ބައްދަލުވުމުން، ބޭރު ގައުމުގެ މީހާ ކްރިޕްޓޯކަރަންސީ ވިއްކާ ފަރާތަށް ނަގުދު ފައިސާ ހަވާލުކުރާ ކަމަށާއި، ފައިސާ ގުނައި ޗެކްކުރުމަށްފަހު، ވިއްކާ ފަރާތުން އެއާ އެއްވަރުގެ ޔޫއެސްޑީޓީ މަކަރުވެރިޔާ ދީފައިވާ ވޮލެޓް އެޑްރެހަށް ޓްރާންސްފަރ ކުރާ ކަމަށް ފުލުހުން ބުނެ އެވެ.

ނަމަވެސް، ޓްރާންސްފަރ ކުރުމަށްފަހު، ބޭރު ގައުމުގެ މީހާގެ ބޭންކް އެކައުންޓަށް އެއްވެސް ފައިސާއެއް ޖަމާނުކުރާ ކަމަށާއި، ކްރިޕްޓޯކަރަންސީ ޖަމާވަނީ މަކަރުވެރިޔާގެ ވޮލެޓަށް ކަމަށް ބުނެފައިވެއެވެ. އަދި ޔޫއެސްޑީޓީ ވިއްކާ ފަރާތާއި ބޭރު ގައުމުގެ މީހާ ދެމެދު ހިލާފު އުފެދި ވިއްކާ ފަރާތުން ގެއްލެނީ އެމީހުންގެ ކްރިޕްޓޯކަރަންސީ ކަމަށް ފުލުހުން ބުނެ އެވެ. ފުލުހުން ބުނީ ހިލާފު އުފެދެނީ ނަގުދު ފައިސާގެ މިލްކުވެރިކަމާމެދު ކަމަށެވެ. ޔޫއެސްޑީޓީ ބޭރު ގައުމުގެ މީހާއަށް ނުލިބުމުން ދެފަރާތުން އެކަކު އަނެކަކަށް މަކަރާއި ހީލަތުގެ ތުހުމަތުކޮށް ފުލުހުންނަށް މައްސަލަ ހުށަހަޅަނީ އެހާ ހިސާބުން ކަމަށް ފުލުހުން ބުނެ އެވެ.

ފުލުހުންވަނީ ކްރިޕްޓޯކަރަންސީ ނުވަތަ ފައިސާ ގަނެވިއްކުމުގެ މުއާމަލާތްތަކުގައި ސަމާލުވުމަށް ދިވެހި ފުލުހުންގެ ޚިދުމަތުން އިލްތިމާސްކޮށްފަ އެވެ. މީހަކާއެކު މާލީ މުއާމަލާތެއް ކުރާނަމަ، އެމީހަކީ ކާކުކަން އަބަދުވެސް ކަށަވަރުކުރުމަށާއި، ގަންނަ ފަރާތްތަކާއި ވިއްކާ ފަރާތްތަކާ ގުޅުވައިދޭން މަސައްކަތްކުރާ ނުދަންނަ، ތިންވަނަ ފަރާތްތަކަށް އިތުބާރު ނުކުރުމަށް އެދިފައިވެއެވެ. އަދި ގާތުގައި ނެތް، ނުދަންނަ އެހެން މީހެއްގެ އެކައުންޓަކަށް ނުވަތަ ވޮލެޓްތަކަށް ފައިސާ ނުވަތަ ކްރިޕްޓޯކަރަންސީ ފޮނުވުމަށް އެއްބަސް ނުވުމަށްވެސް ވަނީ އެދިފައެވެ.

ފުލުހުން ބުނީ މިފަދަ ހުށަހެޅުމެއް މީހަކު ހުށަހަޅައިފިނަމަ، ނުވަތަ މާލީ މުއާމަލާތެއް ހިންގުމުގައި ޝައްކެއް އުފެދިއްޖެނަމަ، ނުވަތަ މިފަދަ މަކަރުވެރި އަމަލެއްގެ ޝިކާރައަކަށް ވެއްޖެކަމަށް ގަބޫލުކުރެވޭނަމަ، ލަސްނުކުރައްވައި އެކަން ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓަލައިން 3322111 ނުވަތަ ނެޝަނަލް އިމަޖެންސީ ކޯލް ސެންޓަރ 911 އަށް ގުޅުއްވައި ހިއްސާކުރުމަށް އެދޭ ކަމަށެވެ. ނުވަތަ އެންމެ ކައިރީގައި ހުރި ފުލުހުންގެ މަރުކަޒަކަށް ހާޒިރުވެ މައްސަލަ ހުށަހެޅުމަށް ވަނީ އެދިފައެވެ.

މި މައްސަލަތައް ދިވެހި ފުލުހުންގެ ޚިދުމަތުން ގެންދަނީ ތަހުގީގު ކުރަމުންނެވެ.

- ކޮމެންޓް