Advertisement
ކ. މާލެ
|
2 ސެޕްޓެންބަރ 2025 | އަންގާރަ 10:25
އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް
އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް
ރޮއިޓަރސް
ކަމަލާ ހެރިސް
ކެލެފޯނިއާ ހައިވޭ ޕެޓްރޯލް އިން ކަމަލާ އަށް ސެކިއުރިޓީ ފޯރުކޮށްދެނީ
ކެލެފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްގެ ތަރުޖަމާނު އިޒީ ގޯޑަން ވިދާޅުވީ، އެ އޮފީހުން ސަލާމަތީ އިންތިޒާމުތަކާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އާންމު އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ސިޔާސީ ބަދަލު ހިފުމުގެ ރޫޙެއްފައި ނިންމައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ކުރީގެ ނައިބު ރައީސް ކަމަލާ ހެރިސް އަށް ދެމުން އައި ސެކިއުރިޓީ ކަނޑާލަން، އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ނިންމެވުމާ އެކު، ކެލެފޯނިއާ ހައިވޭ ޕެޓްރޯލް (ސީއެޗްޕީ)ގެ ފަރާތުން ކަމަލާ އަށް ސެކިއުރިޓީ ފޯރުކޮށްދޭން ނިންމާފައިވާ ކަމަށް މީޑިއާ ރިޕޯޓުތައް ބުނެފި އެވެ.

ނިމުނު ދައުރުގަައި އެމެރިކާގެ ނައިބު ރައީސް އަކަށް ހުންނެވި ކަމަލާ އަށް ދެމުން އައި ސެކިއުރިޓީ ކަނޑާލަން ރައީސް ޓްރަމްޕް ނިންމެވުމާ ގުޅިގެން، ގިނަ ބަޔަކު އަންނަނީ އެކަމާ ދެކޮޅަށް ފާޑު ވެސް ކިޔަމުންނެވެ. އަދި މިއީ ޓްރަމްޕްއާ ދެކޮޅު އަދި ވާދަވެރިންނާ ދެކޮޅަށް ޓްރަމްޕް ހިންގަވާ ކަމެއްގެ ގޮތުގައި ގިނަ ބަޔަކު ވަނީ ސިފަ ކޮށްފަ އެވެ.

ޓްރަމްޕް ސޮއި ކުރައްވައި އެމެރިކާގެ ހޯމް ލޭންޑް އެންޑް ސެކިއުރިޓީ އަށް ފޮނުއްވާފައިވާ ސިޓީ އާއެކު، ހޯމަ ދުވަހުން ފެށިގެން، ސީކްރެޓް ސާވިސް އިން ކަމަލާ އަށް ދެމުން އައި ސެކިއުރިޓީ ކަނޑާލާނެ އެވެ. އާންމު ގޮތެއްގައި އެމެރިކާގެ ކުރީގެ ނައިބު ރައީސުންނަށް ހިމާޔަތް ދެނީ، މަގާމުން ވަކިވުމަށް ފަހު ހަ މަސް ދުވަހުގެ މުއްދަތަކަށެވެ.

ނަމަވެސް ކުރީގެ ރައީސް ޖޯ ބައިޑަން ވަނީ، އޭނާގެ ރިޔާސީ ދައުރު ނިމުމުގެ ކުރިން އެ މުއްދަތު އިތުރު ކުރައްވައިފަ އެވެ. އެގޮތުން އާންމު އުސޫލެއްގެ ދަށުން ލިބޭ ހަ މަސް ދުވަހުގެ މުއްދަތު މިއަހަރުގެ ޖުލައި މަހު ހަމަވެފައިވާއިރު، ބައިޑަންގެ ނިންމެވުމުގައި ވަނީ 2026 ވަނަ އަހަރުގެ ޖުލައި މަހާ ހަމައަށް ކަމަލާ އަށް ސެކިއުޓީ ދިނުމަށެވެ.

އެ ނިންމެވުން ބާތިލު ކުރުމަށް ޓްރަމްޕް ނިންމެވިއިރު، ކެލެފޯނިއާގެ ގަވަރުނަރު ގެވިން ނިއުސަމްގެ ތަރުޖަމާނު އިޒީ ގޯޑަން ވިދާޅުވީ، އެ އޮފީހުން ސަލާމަތީ އިންތިޒާމުތަކާ ގުޅޭ ގޮތުން އެއްވެސް ކޮމެންޓެއް ކުރަން ބޭނުން ނުވާ ކަމަށެވެ. އަދި އާންމު އޮފިޝަލުންގެ ސަލާމަތާއި ރައްކާތެރިކަން ސިޔާސީ ބަދަލު ހިފުމުގެ ރޫޙެއްފައި ނިންމައިގެން ނުވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

މީގެ އިތުރުން ލޮސް އެންޖަލަސްގެ މޭޔަރު ކެރެން ބާސް ވިދާޅުވީ، އެއީ ސިޔާސީ ބަދަލު ހިފުމުގެ ގޮތުން އަޅާފައިވާ ފިޔަވަޅެއް ކަމަށާއި، އެކަމުގެ ސަބަބުން ކުރީގެ ނައިބު ރައީސް ކަމަލާގެ ސަލާމަތަށް ނުރައްކާ ވެދާނެ ކަމަށެވެ. އަދި ކަމަލާގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމަށް، ގަވަރުނަރާ އެކު މަސައްކަތް ކުރައްވާނެ ކަމަށް ވެސް އޭނާ ވިދާޅުވެފައިވެ އެވެ.

އެމެރިކާގެ ފުރަތަމަ އަންހެން ނައިބު ރައީސްގެ ޝަރަފު ވެސް ލިބިވަޑައިގެންފައިވާ ކަމަލާ އަށް ދެމުން އައި ސެކިއުރިޓީ ކަނޑާލަން ނިންމާފައި ވަނީ، ރިޔާސީ އިންތިޚާބުގެ ދުވަސްވަރުގެ ތަޖުރިބާގެ މައްޗަށް ލިޔުއްވާފައިވާ "107 ދުވަސް" ފޮތް ރަސްމީކޮށް ނެރުމަށް ކަމަލާ ތައްޔާރު ވަމުން ގެންދަވަނިކޮށެވެ. އެ ފޮތް ޕްރޮމޯޓު ކުރުމަށް 15 ތަނެއްގައި އިވެންޓު ތަކެއް ބޭއްވުމަށް ހަމަޖެހިފައިވާއިރު، އޭގެ ތެރޭގައި ލަންޑަން އަދި ޓޮރިންޓޯ ވެސް ހިމެނެ އެވެ.

މިދިޔަ އަހަރު އޮތް އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސް ޕާޓީގެ ފަރާތުން ވާދަ ކުރެއްވި ކަމަލާ ވަނީ، އަންނަ އަހަރު އޮންނަ ކެލަފޯނިއާގެ ގަވަރުނަރު އިންތިޚާބުގައި ވާދަ ނުކުރައްވާނެ ކަމަށް ކަމަށް އިއުލާން ކުރައްވައިފަ އެވެ. އޭގެ ކުރިން ވަނީ، އެ އިންތިޚާބުގައި ކަމަލާ ވާދަ ކުރައްވާނެ ކަމުގެ އަޑު ތަކެއް ވެސް ފެތުރިފަ އެވެ.

އެމެރިކާގެ ސިޔާސީ މަސްރަހު ދިރާސާ ކުރައްވާ ފަރާތްތަކުން ފާހަގަ ކޮށްފައިވާ ގޮތުގައި، 2024 ވަނަ އަހަރު އޮންނަ އެމެރިކާގެ ރިޔާސީ އިންތިޚާބުގައި ޑިމޮކްރަޓްސް ޕާޓީ އިން ވާދަ ކުރުމުގެ ޝައުޤުވެރިކަން ކަމަލާ ގެންގުޅުއްވަ އެވެ.

މަސްދަރު: އަލް އަރަބިއްޔާ
- ކޮމެންޓް