އެމެރިކާއިން އިރާނަށް އަަޅާފައިވާ ދަތިކުރުމުގެ ފިޔަވަޅުތައް ނައްތާލެވިދާނެތޯ ސުވާލުކުރާ ކަމަށް އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.
ވައިޓް ހައުސްގައި ބުރާސްފަތި ދުވަހުގެ ރޭ ނޫސްވެރިންނާ ވާހަކަ ދައްކަވަމުން ޓްރަމްޕް ވިދާޅުވީ އިރާނުން ދަތިކުރުންތައް ނައްތާލެވިދާނެތޯ އެދިފައިވާ ކަމަށާއި އެ ގައުމަށް ވަރަށް ބާރުގަދަ ދަތިކުރުންތަކެއް އެމެރިކާއިން ކުރަމުން އަންނަ ކަމަށެވެ. އެ ދަތިކުރުންތަކުގެ ސަބަބުން އިރާނަށް ބޭނުންވާ ގޮތަށް ކަންކަން ކުރުން ވަރަށް އުނދަގޫވެފައިވާ ކަމަށް ޓްރަމްޕް ވިދާޅުވި އެވެ.
ޓްރަމްޕުގެ މި ވާހަކަތަކާއި ގުޅިގެން އެމެރިކާގެ ނިއުޔޯކުގައި ހުންނަ އދ ގެ އިރާނުގެ މިޝަން އިން މިހާތަނަށް އެއްޗެއް ބުނެފައި ނުވެ އެވެ.
އިރާނުގެ އެންމެ އިސް ލީޑަރު އަލީ ޚާމަނާއީ ހޯމަ ދުވަހު ވިދާޅުވީ އެމެރިކާއިން އިޒްރޭލަށް ތާއީދު ކުރުމާއި އަދި މެދުއިރުމަތީގައި އަޝްކަރީ ބޭސްތައް ބަހައްޓައި އެ ސަރަހައްދުގެ ކަންކަމަށް ބަސްބުނަމުންދާހާ ހިނދަކު އިރާނާއި އެމެރިކާއާ ދެމެދު އެއްބާރުލުން ދެވޭނެ ގޮތެއް ނެތް ކަމަށެވެ.
ޓްރަމްޕް ދެވަނަ ދައުރަކަށް ވެރިކަމާ ހަވާލުވެވަޑައިގެންނެވުމަށް ފަހު އިރާނަށް ކުރިން ވެސް ކުރެއްވި "މެކްސިމަމް ޕްރެޝަރ" ކެމްޕޭން އަލުން ފަށާފައިވެ އެވެ. މި ކެމްޕޭނުގެ ދަށުން ތެހެރާން އިން ނިއުކްލިއަރ ހަތިޔާރު އުފައްދަން މަސައްކަތް ކުރުން ހުއްޓުވުމަށް މަސައްކަތް ކުރެ އެވެ. އަދި މި އަހަރުގެ ޖޫން މަހު އެމެރިކާއިން އިރާނުގެ ނިއުކްލިއަރ ސައިޓްތަކަށް ބޮމުގެ ހަމަލާތައް ވެސް ދީފައިވެ އެވެ.
ދެ ގައުމުން ނިއުކްލިއަރ މަޝްވަރާތަކުގެ ފަސް ބުރު ބޭއްވި އެވެ. އެއީ ޖޫން މަހު އިރާނާއި އިޒްރޭލާ ދެމެދު 12 ދުވަހުގެ ހަނގުރާމައެއް ހިނގުމުގެ ކުރިންނެވެ. ނަމަވެސް މި މަޝްވަރާތަކުގައި ވަރަށް ބޮޑެތި ހުރަސްތައް ދިމާވެފައިވެ އެވެ. އެގޮތުން އިރާނުގެ ބިމުގައި ޔުރޭނިއަމް އިތުރަށް ފައްކާކުރުމުގެ މައްސަލަ ވެސް ހިމެނެ އެވެ. ހަތިޔާރު އުފެއްދުމުގެ ނުރައްކާ މަދުކުރުމަށްޓަކައި ބާރުތަކުން ބޭނުންވަނީ އެ މިންވަރު ޒީރޯއަށް ގެނައުމަށެވެ. ނަމަވެސް މިއީ ތެހެރާން އިން ގަބޫލު ނުކުރާ ކަމެކެވެ.
މި މަޝްވަރާތަކުގެ ނަތީޖާއަކަށް ވާނެ ގޮތް އަދި ސާފެއް ނުވެ އެވެ. ނަމަވެސް ޓްރަމްޕް ދަތިކުރުންތަކާ ބެހޭ ގޮތުން މަޝްވަރާކުރަން ތައްޔާރަށް ހުންނެވުން ދެ ގައުމުގެ ގުޅުމުގައި އާ ބާބެއް ހުޅުވިދާނެ ކަމަށް މަސްރަހު ދިރާސާކުރާ ފަރާތްތަކުން ދެކެ އެވެ.