Advertisement
ކ. މާލެ
|
9 ނޮވެންބަރ 2025 | އާދީއްތަ 13:10
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާގެ ރިޔާޟް ގައި ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ އާ ބައްދަލުކުރައްވަނީ - 2025 މެއި 14
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް ސައުދީ އަރަބިއްޔާގެ ރިޔާޟް ގައި ސީރިއާގެ ރައީސް އަހުމަދު އަލް-ޝަރާ އާ ބައްދަލުކުރައްވަނީ - 2025 މެއި 14
ރޮއިޓަރސް
ސީރިޔާ
އެމެރިކާ އިން ޓެރަރިސްޓެއްގެ ގޮތުގައި ލިސްޓު ކޮށްފައި އޮތް ސީރިޔާ ގެ ރައީސް އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ރަސްމީ ދަތުރެއްގައި ވަޑައިގެންފި
އަލް-ގައިދާ އާ ކުރިން ގުޅުން އޮތް އަލް-ޝަރާ، ސީރިއާ ގެ ވެރިކަމުން އަސަދު ދުރުކޮށް، އެ ގައުމުގެ ވެރިކަމާ ހަވާލުވުމަށްފަހު، ހޯމަ ދުވަހު ރައީސް ޓްރަމްޕާ ބައްދަލުކުރުމަށް ވައިޓް ހައުސްއަށް ވަޑައިގަންނަވާއިރު، މިއީ ތާރީޚީ ދަތުރުފުޅެއް ކަމަށް ސީރިއާގެ ރަސްމީ މީޑިއާ އިން ސިފަ ކޮށްފައި ވޭ.

ސީރިއާ ގެ ރައީސް އަހުމަދު އަލް-ޝަރާ ހޮނިހިރު ދުވަހު އެމެރިކާ އަށް ތާރީހީ ރަސްމީ ދަތުރެއްގައި ވަޑައިގެންފި ކަމަށް އެ ގައުމުގެ ސަރުކާރުގެ ނޫސް އޭޖެންސީން ރިޕޯޓްކޮށްފި އެވެ.

އަލް-ޝަރާ ވޮޝިންޓަނުނަށް ވަޑައިގަތީ، ޓެރަރިސްޓު ކަޅު ލިސްޓުން އޭނާގެ ނަން އެމެރިކާ ސަރުކާރުން އުނިކުރި ދުވަހު ނޫން އަނެއް ދުވަހު އެވެ.

އަލް-ޝަރާ ގެ ގުރޫޕުން ދިގު މުއްދަތަށް ސީރިއާ ގެ ވެރިކަން ކުރި ބަޝާރު އަލް-އަސަދު ފާއިތުވި އަހަރުގެ ފަހުކޮޅު ވެރިކަމުން ވައްޓާލި އެވެ.

އެމެރިކާ އަށް ކުރައްވާ ދަތުރުގައި އަލް-ޝަރާ ހޯމަ ދުވަހު ވައިޓް ހައުސް ގައި އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާ ބައްދަލުކުރުމަށް ހަމަޖެހިފައިވެއެވެ.

މިއީ 1946 ގައި ސީރިއާ އަށް މިނިވަންކަން ލިބުނީއްސުރެ އެ ގައުމުގެ ރައީސަކު އެމެރިކާ އަށް ކުރެއްވި ފުރަތަމަ މިފަދަ ދަތުރެވެ.

އެމެރިކާގެ ރައީސް މެދު އިރު މައްޗަށް މެއި މަހު ކުރެއްވި ދަތުރުގައި ރިޔާޟުގައި އަލް-ޝަރާ ޓްރަމްޕާ ފުރަތަމަ ފަހަރަށް ބައްދަލު ކުރެއްވި އެވެ.

ސީރިއާ ގެ ރައީސް އެމެރިކާ އަށް ދަތުރު މި ކުރައްވަނީ އެމެރިކާ އިން ސީރިއާ ގައި އަސްކަރީ ބޭސް އެއް ގާއިމު ކުރުމުގެ ވިސްނުން ގެންގުޅެމުންދާ ދަނޑިވަޅެއް ގައެވެ. އެމެރިކާ އިން ދިމިޝްގު ކައިރީގައި އަސްކަރީ ބޭސް އެއް ގާއިމުކުރުމަށް ރާވަނީ "އިންސާނީ އެހީތެރިކަން ވިލަރެސް ކުރުމަށާއި ސީރިއާ އާއި އިޒްރޭލާ ދެމެދު ހިނގާ ކަންކަން ބަލައި މޮނިޓަރ ކުރުމަށް" ކަމަށް ސީރިއާގައި ހުރި ޑިޕްލޮމެޓިކް މަސްދަރަކުން އޭއެފްޕީ އަށް މައުލޫމާތު ދީފައިވެއެވެ.

ހުކުރު ދުވަހު ސްޓޭޓް ޑިޕާޓްމަންޓުން އަލް-ޝަރާ ޓެރަރިސްޓުންގެ ކަޅު ލިސްޓުން އުނިކުރުމަށް ނިންމި ނިންމުން ގިނަ ގައުމުތަކަކުން ބަލައިގަނެފައިވާ ކަމަށް މީޑިއާ ރިޕޯޓު ތައް ބުނެފައި ވެއެވެ.

ސްޓޭޓް ޑިޕާޓްމަންޓުގެ ތަރުޖަމާން ޓޮމީ ޕިގޮޓް ވިދާޅުވީ އަލް-ޝަރާ ގެ ސަރުކާރުން އެމެރިކާގެ ޑިމާންޑުތައް ފުއްދަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ގެއްލިފައިވާ އެމެރިކާ ރައްޔިތުން ހޯދުމުގެ މަސައްކަތް ކުރުމާއި ބާކީ ހުރި ކެމިކަލް ހަތިޔާރުތައް ނައްތާލުން ހިމެނޭ ކަމަށެވެ.

އަލް-ޝަރާ ވޮޝިންޓަން ޑީސީ އަށް ރަސްމީ ދަތުރެއް ކުރެއްވި އިރު ސެޕްޓެމްބަރު މަހު އދ. ގެ އާންމު މަޖިލީހުގައި ބައިވެރިވެ ވަޑައިގަތުމަށް ވެސް އޭނާ ވަނީ އެމެރިކާ އަށް ވަޑައިގަނެފައެވެ.

ބުރާސްފަތި ދުވަހު، އެމެރިކާ އިން އިސްނަގައިގެން އަލް-ޝަރާ އާ ދެކޮޅަށް އަޅާފައިވާ ފިޔަވަޅުތައް އުވާލުމަށް އދ.ސަލާމަތީ މަޖިލީހުން ވެސް ވަނީ ފާސް ކޮށްފައެވެ.

މަސްދަރު: އޭއެފްޕީ
- ކޮމެންޓް