ކ. މާލެ
|
31 އޯގަސްޓް 2025 | އާދީއްތަ 09:18
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
މެޗުގައި ލަނޑު ޖެހުމަށް ފަހު ރެއާލްގެ ކުޅުންތެރިން އުފާ ފާޅު ކުރަނީ
ރޮއިޓަރސް
ސްޕެނިޝް ލީގު
ރެއާލް އިން މަޔޯކާ ބަލި ކުރިއިރު، ވީއޭއާރުގެ އުނދަގޫ
މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، މެޗުގައި ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަ ނަމަވެސް، ރެއާލް ބޭނުންވީ މެޗުން މޮޅުވާން ކަމަށެވެ. އެހެންކަމުން މެޗުން ތިން ޕޮއިންޓު ލިބުމުން އެކަމާ ހިތްހަމަ ޖެހި، އުފާވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

ސްޕެނިޝް ލީގުގައި މަޔޯކާއާ ދެކޮޅަށް ކުޅުނު މެޗުން ރެއާލް މެޑްރިޑް މޮޅުވީއިރު، އެ ޓީމަށް ވީޑިއޯ އެސިސްޓެންޓް ރެފްރީ (ވީއޭއާރު)ގެ އުނދަގޫ ކުރިމަތި ވެއްޖެ އެވެ.

ރެއާލްގެ އަމިއްލަ ދަނޑުގައި ހޮނިހިރު ދުވަހުގެ ރޭ ކުޅުނު މެޗު އެ ޓީމުން ކާމިޔާބު ކުރީ 2-1 އިންނެވެ. މެޗުގައި ފުރަތަމަ ލަނޑު ޖަަހައި ކުރި ހޯދީ މަޔޯކާ އިންނެވެ. ނަމަވެސް، ރެއާލް އިން ވަނީ ފަހަތުން އަރައި ދެ ލަނޑު ޖަހައިގެން މެޗުން މޮޅުވެފަ އެވެ.

މެޗު ފަށައިގެން ހަތް ވަނަ މިނެޓުގައި، ރެއާލް އަށް ކުޅެމުން އަންނަ ފްރާންސްގެ ކެޕްޓަން ކީލިއަން އެމްބާޕޭ ލަނޑެއް ޖެހި ނަމަވެސް، ވީއޭއާރު އިން ވަނީ އެ ލަނޑު ބަލައި ނުގަންނަން ނިންމައިފަ އެވެ.

އޭގެ ފަހުން މެޗުގެ 18 ވަނަ މިނެޓުގައި މަޔޯކާ އިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފަ އެވެ. ޕަބްލޯ ޓޮރޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި މަޔޯކާ އަށް އެ ލަނޑު ޖަހައިިދިނީ ވެދާތު މުރީގީ އެވެ.

ރެއާލް އިން މެޗުގެ ނަތީޖާ ހަމަހަމަ ކުރީ ފުރަތަމަ ހާފުގެ 37 ވަނަ މިނެޓުގަ އެވެ. އެ ލަނޑު ރެއާލް އަށް ޖަހައިދިނީ އާޑާ ގުލާ އެވެ. އެ ލަނޑު ޖަހަން ގުލާ އަށް ފުރުސަތު ތަނަވަސްކޮށްދިނީ ޑީން ހުޖްސެން އެވެ.

އޭގެ މިނެޓެއް ފަހުން ރެއާލް އަށް ކުޅެމުން އަންނަ ބްރެޒިލްގެ ވިނީޝިއުސް ޖޫނިއާ ވަނީ ލަނޑު ޖަހައި ރެއާލް އަށް ލީޑު ނަގައިދީފަ އެވެ. އެއީ ފެޑެރިކޯ ވަލްވާޑޭ ތަނަވަސްކޮށްދިން ފުރުސަތެއްގައި ވިނީޝިއުސް ޖެހި ލަނޑެކެވެ.

މެޗުގެ ފުރަތަމަ ހާފުގެ ފުރިހަމަ ވަގުތު ހަމަވެ އިތުރަށް ދެއްކި ވަގުތުގައި ރެއާލްގެ އެމްބާޕޭ ޖެހި ލަނޑު ވެސް ވީއޭއާރު އިން ވަނީ ބަަލައި ނުގަންނަން ނިންމައިފަ އެވެ. އޭގެ ފަހުން ދެ ވަަނަ ހާފުގައި ރެއާލްގެ ގުލާ ޖެހި ލަނޑެއް ވެސް ވީއޭއާރު އިން ވަނީ ބަލައި ނުގަންނަން ނިންމައިފަ އެވެ.

މޮޅާއެކު ރެއާލް އެއް ވަަނައިގައި އޮތީ މިހާތަނަށް އެ ޓީމު ކުޅެފައިވާ ތިން މެޗުން ވެސް މޮޅުވެ، ނުވަ ޕޮއިންޓާ އެކު އެވެ. ލީގުގައި ދެން ރެއާލް އަށް އޮންނާނީ ރަށުން ބޭރުގައި ރެއާލް ސޮސިއެޑާޑްއާ ދެކޮޅަށް ކުޅޭ މެޗެވެ.

މެޗަށް ފަހު ވާހަކަ ދައްކަމުން ރެއާލްގެ ކޯޗު ޒަބީ އަލޮންސޯ ބުނެފައި ވަނީ، މެޗުގައި ކޮންމެ ގޮތަކަށް ކަންތައް ވެގެން ދިޔަ ނަމަވެސް، ރެއާލް ބޭނުންވީ މެޗުން މޮޅުވާން ކަމަށެވެ. އެހެންކަމުން މެޗުން ތިން ޕޮއިންޓު ލިބުމުން އެކަމާ ހިތްހަމަ ޖެހި، އުފާވެފައި ހުރި ކަމަށް އޭނާ ބުންޏެވެ.

މެޗުގެ ފުރަތަމަ ހާފުގައި ކޮންމެ ވެސް ވަރެއްގެ އުނދަގޫ ތަކެއް ހުރި ނަމަވެސް، މަޔޯކާ އިން ލަނޑު ޖަހައި ލީޑު ނެގި ފަހުން، ރެއާލް އިން ވަރަށް ބޮޑަށް ކުޅުން ރަނގަޅު ކޮށްފައިވާ ކަމަށް އޭނާ ބުންޏެވެ. އޭގެ ފަހުން ރެއާލް އިން ލަނޑު ތަކެއް ޖެހި ކަމަށާއި، ކުޅުންތެރިންގެ ކުޅުމާ މެދު ހިތްހަމަ ޖެހޭ ކަމަށް އަލޮންސޯ ބުންޏެވެ.

- ކޮމެންޓް