ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 13:11
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލައި ކުރިއަށްދާ ޝަރީއަތް
މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި ހިމެނޭ ބައެއްގެ މައްޗަށް ފުރަތަމަ ފަހަރަށް މަނީ ލޯންޑަރިންގެ ދައުވާތަކެއް އުފުލައި ކުރިއަށްދާ ޝަރީއަތް
ރާއްޖެއެމްވީ
ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރުން
ޑްރަގް ފައިސާއިން މަނީ ލޯންޑަރ ކުރި މައްސަލަ: 4 މީހުން އުމުރަށް ޖަލަށް، ކުށްކޮށްގެން ހޯދި ދޮޅު މިލިއަން ދައުލަތަށް ނަގަން ހުކުމްކޮށްފި
ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ ފެނިފައިވޭ
މި ހަތަރު މީހުން ޖުމްލަ 4 މިލިއަން ރުފިޔާއިން ޖޫރިމަނާކޮށްފައިވޭ

މަސްތުވާތަކެތީގެ މައްސަލައެއްގައި ހިމެނޭ 4 މީހަކު 25 އަހަރަށް ޖަލަށްލައި، މަސްތުވާތަކެތީގެ ވިޔަފާރިކޮށްގެން ހޯދާފައިވާ 1.5 މިލިއަނަށްވުރެ ރުފިޔާ ދައުލަތަށް ނެގުމަށް ހުކުމްކޮށްފިއެވެ.

މި މައްސަލައިގައި ޖަލަށްލުމަށް ހުކުމްކޮށްފައިވަނީ ތ. ތިމަރަފުށި، ވައިޓްރޯސް، އިސްމާއިލް ޝަރީފްއާއި، ކ. މާލެ، މއ. ހަސްލަތު، ޝާނިޔާ އިބްރާހީމް، ހުޅުމާލެ. ފްލެޓް ނަންބަރު 01-ޖީ-45 ހުޅުމާލެ، ހަސަން ރަޝީދު އަދި ގދ. ތިނަދޫ، ރަންގަލް، ހަސަން ލޫތު ހިމެނެއެވެ. މި ހަތަރު މީހުންގެ މައްޗަށް އުފުލީ ދެ ދައުވާއެކެވެ. އެއީ ޑައިމޯފިން ޓްރެފިކް ކުރުމުގެ ކުށުގެ ދައުވާއާއި، މަނީލޯންޑަރިންގެ ކުށުގެ ދައުވާއެވެ.

މި މައްސަލަ ގުޅެނީ 12 ޖަނަވަރީ 2021 ވަނަ ދުވަހު ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކޮށް އެތަކެތި ބޭނުންކޮށް، ގެންގުޅެ އަދި އެތަކެތި ޓްރެފިކް ކުރާކަމަށް ތުހުމަތުކުރެވުނު މައްސަލައާއެވެ. އެގޮތުން އެ މައްސަލައިގައި ހިމެނޭ ފަރާތްތަކެއްގެ މައްޗަށް މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ ދައުވާގެ އިތުރުން، މަނީ ލޯންޑަރިންގެ ދައުވާވެސް އުފުލާފައިވާއިރު، މިއީ މަސްތުވާތަކެތި ޓްރެފިކް ކުރުމުގެ މައްސަލައެއްގައި މަނީ ލޯންޑަރިންގެ ކުށުގެ ދަޢުވާކުރުމަށް ހުށަހެޅި ފުރަތަމަ މައްސަލައެވެ.

މި މައްސަލައިގައި ފުލުހުން ބަލައި ފާސްކުރި ތަންތަނުން ޖުމްލަ 1،542،675ރ (އެއްމިލިއަން ފަސްލައްކަ ސާޅީސް ދެހާސް ހަސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ ފެނިފައިވެއެވެ.

ކުރިމިނަލް ކޯޓުގެ ހުކުމުގައިވަނީ މ. ބުރެހިމާގޭގެދެވަނަ ފަންގިފިލާގައި ޙަސަން ލޫޠު ދިރިއުޅޭ ކޮޓަރި ފުލުހުން ބަލައިފާސްކުރި އިރު، އެ ކޮޓަރީގައި ހުރި ލޮކަރު ބަރީގެ މެދު ލޮކަރުގެ މަތީބައިގައި އޮތް ދަބަހެއްގެ ތެރެއިން 16،000 ރުފިޔާ އާއި ފެހި ކުލައިގެ ރަބަރު ކޮތަޅެއްގެ ތެރޭގައި އޮތް ހުދުކުލައާއި ރަތްކުލައިގެ ރަބަރު ކޮތަޅެއްގެ ތެރެއިން 1،000،000 (އެއް މިލިއަން) ރުފިޔާ އާއި ބްލޫ ކްރެބް ޖަހާފައިވާ ނޫކުލައިގެ ފޮތި ކޮތަޅެއްގެ ތެރެއިން 450،000 (ހަތަރުލައްކަ ފަންސާސް ހާސް) ރުފިޔާ ފުލުހުން ހޯދާފައިވެއެވެ.

މީގެ އިތުރުން،އިސްމާޢީލް ޝަރީފްގެ ވޮލެޓްގެ ތެރޭގައި އޮތް 1875 (އެއްހާސް އަށްސަތޭކަ ހަތްދިހަ ފަހެއް) ރުފިޔާ އާއި، އިސްމާޢީލް ޝަރީފް ލައިގެން ހުރި ޖިންސްގެ ޖީބުގައި އޮތް 1000 (އެއްހާސް) ރުފިޔާއާއި އިސްމާޢީލް ޝަރީފް ހައްޔަރުކުރިއިރު އޭނާ ހުރި "ރޭއަލި" ގެސްޓްހައުސްގެ ރޫމް 402 ކޮޓަރީގެއެނދުމުގަތީގައި އޮތް އަތްދަބަހެއްގެ ތެރޭގައި އޮތް 66،000 (ފަސްދޮޅަސް ހަހާސް) ރުފިޔާ އާއި މި ކޮޓަރި ފުލުހުން ބަލައިފާސްކުރަމުން ދިޔަ ވަގުތު އެތަނަށް ޅ. ހިންނަވަރު، ސުވާސާގެ، މުޙައްމަދު އަފްލާޙް ޢަބްދުﷲ އައިސް އިސްމާޢީލް ޝަރީފްއާ ހަވާލުކުރި 7،800 (ހަތްހާސް އަށްސަތޭކަ) ރުފިޔާ ދައުލަތަށް ނަގައިދިނުމަށް އިސްމާޢީލް ޝަރީފްގެ މައްޗަށް ހުށަހަޅާފައިވާ މި ދައުވާގައި ބަޔާން ކޮށްފައިވެއެވެ.

އަދި ޙަސަން ލޫޠު ދިރިއުޅޭ ކޮޓަރިންފެނުނުޖުމްލަ 1،466،000 (އެއް މިލިއަން ހަތަރުލައްކަ ފަސްދޮޅަސް ހަހާސް) ރުފިޔާއާއި "ރޭއަލި" ގެސްޓްހައުސްއިން ފުލުހުން ހޯދިޖުމްލަ 76،675 (ހަތްދިހަހަހާސް ހަސަތޭކަ ހަތްދިހަފަހެއް) ރުފިޔާ ކުށް ކޮށްގެން ޙަސަން ލޫޠު އަދި އިސްމާޢީލް ޝަރީފް ހޯދާފައިވާ ފައިސާކަމަށް ތުހުމަތުކުރެވެއެވެ.

ޙަސަން ލޫޠު، ޙަސަން ރަޝީދު، އިސްމާޢީލް ޝަރީފް އަދި ޝާނިޔާ އިބްރާހީމްގެ މައްޗަށް ދައުލަތުން ކޮށްފައިވާ ޑައިމޯފިން ޓްރެފިކްކުރުމުގެ ކުށުގެ ދައުވާގެ މާއްދީ ރުކުނާއި މައުނަވީ ރުކުން، އެކަށީގެންވާ މިންވަރެއްގެ ޝައްކެއްނެތި ދައުލަތުން ސާބިތު ކޮށްދީފައިވާތީ، މި ދައުވާ ސާބިތުވާކަމަށް ކަނޑައަޅާފައިވެއެވެ. މިކުށުގެ އަދަބަކީ، އުމުރަށް ޖަލަށްލުމާއެކު 100،00 (އެއްލައްކަ) ރުފިޔާއިން ފެށިގެން 10،000،000 (ދިހަ މިލިއަން) ރުފިޔާއާ ދެމެދުގެ އަދަދަކަށް ޖޫރިމަނާކުރުމެވެ.

ދައުވާ ކޮށްފައިވާ ގާނޫނީ މާއްދާގައި ބަޔާންކުރާ ގޮތުން ޙަސަން ލޫޠު، ޙަސަން ރަޝީދު، އިސްމާޢީލް ޝަރީފް އަދި ޝާނިޔާ އިބްރާހީމްގެ މައްޗަށް ކަނޑައެޅޭނެ ޖަލު އަދަބަކީ 25 (ފަންސަވީސް) އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލުމެވެ. ހުކުމެއް ކުރުމުގެ ކުރިން މި މައްސަލައިގައި ޙަސަން ލޫޠު، ޙަސަން ރަޝީދު، އިސްމާޢީލް ޝަރީފް އަދި ޝާނިޔާ އިބްރާހީމް ބަންދުގައި ގިނަ ދުވަސްތަކެއް ހޭދަ ކޮށްފައިވާތީ، ޖިނާއީ އިޖުރާއަތުގެ ގާނޫނުގެ 186 ވަނަ މާއްދާއާ ހަވާލާދީ، ހުކުމެއް ކުރުމުގެ ކުރިން ބަންދުގައި ހޭދަކުރި މުއްދަތު މި ހަތަރު މީހުންގެ މައްޗަށް ކަނޑައެޅުނު ޖަލު އަދަބުން އުނިކޮށްފައިވެއެވެ.

އަދި ހަސަން ލޫތު 2،000،000 (ދެ މިލިއަން) ރުފިޔައިން ޖޫރިމަނާކޮށްފައިވެއެވެ. އަދި ޙަސަން ރަޝީދު 1،000،000 (އެއ މިލިއަން) ރުފިޔާއިން ޖޫރިމަނާ ކުރުމަށް ނިންމާފައިވެއެވެ. މީގެ އިތުރުން އިސްމާޢީލް ޝަރީފް އަދި ޝާނިޔާ އިބްރާހީމް 500،000 (ފަސްލައްކަ ރުފިޔާ) އިން ޖޫރިމަނާ ކުރުމަށް ނިންމާފައިވެއެވެ.

އަދި 1 އަހަރު ދުވަހުގެ ތެރޭގައި މީރާއަށް މި ޖޫރިމަނާ ދެއްކުމަށްވެސް ވަނީ ހުކުމްކޮށްފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: ނާޒުމީ ސައީދު
- ކޮމެންޓް