ކ. މާލެ
|
17 އޮކްޓޯބަރ 2024 | ބުރާސްފަތި 15:03
ވަކިކުރެއްވުމަށްފަހު އަލުން އައްޔަންކުރެއްވި ދެ ސްޓޭޓުން
ވަކިކުރެއްވުމަށްފަހު އަލުން އައްޔަންކުރެއްވި ދެ ސްޓޭޓުން
ރާއްޖެއެމްވީ
ސިޔާސީ މަގާމުތައް
ސިޔާސީ މަގާމުތައް މަދުކުރުން: ވަކި ކުރި ދެ ސްޓޭޓަކު އެހެން ދެ މިނިސްޓްރީގެ ސްޓޭޓަކަށް އައްޔަންކޮށްފި
228 ސިޔާސީ މަޤާމު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައި

ރައީސް ޑރ. މުހައްމަދު މުއިއްޒު އިއުލާންކުރައްވާފައިވާ ސިޔާސީ މަގާމުތައް މަދުކުރުމުގެ އުސޫލުގެ ދަށުން، ދެ ސްޓޭޓް މިނިސްޓަރަކު ވަކިކޮށް، އެހެން ދެ މިނިސްޓްރީއެއްގެ ސްޓޭޓް މިނިސްޓަރުކަމަށް އައްޔަންކުރައްވައިފިއެވެ.

ވަކިކޮށް އެހެން ދެ މިނިސްޓްރީއެއްގެ ސްޓޭޓުންގެ ގޮތުގައި އައްޔަންކުރެއްވީ ހަޔާ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށް ހުންނެވި ޑރ. އަބްދުﷲ ފައިރޫޝް އަދި އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓު މިނިސްޓަރަކަށް ހުންނެވި އާއިޝަތު ޞަފޫރާއެވެ.

މީގެ ތެރެއިން ޑރ. އަބްދުﷲ ފައިރޫޝް އައްޔަންކުރައްވާފައިވަނީ ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީއަށެވެ. އަދި އާއިޝަތު ޞަފޫރާ އައްޔަންކުރައްވާފައިވަނީ ޑިފެންސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރަކަށެވެ.

މި ގެނެވުނު ބަދަލާއެކު ޑިފެންސް މިނިސްޓްރީގައި 2 ސްޓޭޓް މިނިސްޓަރުންނާއި 2 މިނިސްޓަރުންގެ ނައިބުން ތިއްބަވައެވެ. އަދި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީގައި 4 ސްޓޭތް މިނިސްޓަރުންނާއި، 13 ނައިބުން ތިއްބަވައެވެ.

ސަރުކާރުގެ ޚަރަދު ކުޑަކުރުމުގެ ގޮތުން 228 ސިޔާސީ މަޤާމު އުވާލުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު މިއަދު ނިންމަވާފައިވަނީ އަންގާރަ ދުވަހުއެވެ.

ރައީސް މުޢިއްޒުގެ އެކްސް އެކައުންޓުގައި ކުރެއްވި ޕޯސްޓުގައި ވިދާޅުވެފައިވަނީ ކުރިއަށް އޮތް 15 ދުވަހުގެ ތެރޭގައި ސަރުކާރުގެ އެކި މިނިސްޓްރީތަކުން މަޤާމުތަކެއް އުވާލެވޭނެ ކަމަށެވެ.

އެގޮތުން އުވާލެވޭ މަޤާމުތަކުގެ ތެރޭގައި ހިމެނެނީ 7 ސްޓޭޓް މިނިސްޓަރުން، 43 ޑެޕިއުޓީ މިނިސްޓަރުން، 109 ސީނިއަރ ޕޮލިޓިކަލް ޑިރެކްޓަރުން އަދި 69 ޕޮލިޓިކަލް ޑިރެކްޓަރުންނަރުންނެވެ.

މި ފިޔަވަޅުގެ ސަބަބުން ސަރުކާރުގެ ބަޖެޓުން މަހަކު 5.714 މިލިއަން ރުފިޔާ ސަލާމަތްކުރެވޭނެ ކަމަށް ރައީސް މުޢިއްޒު ވިދާޅުވެފައި ވެއެވެ. މިއީ އަހަރަކު 68.568 މިލިއަން ރުފިޔާއެވެ.

މިހާތަނަށް ސަރުކާރުގެ ސިޔާސީ މަޤާމުތަކުގެ ޖުމްލަ އަދަދު ރަސްމީކޮށް ހާމަކޮށްފައެއް ނުވެއެވެ. ނަމަވެސް ޑރ. މުއިއްޒު ވެރިކަމަށް ވަޑައިގަންނަވަން ވީ ވައުދުތަކުގެ ތެރޭގައި ސިޔާސީ މުވަައްޒަފުންގެ އަދަދު 700ށްވުރެ ގިނަ ނުކުރާނެ ކަމަށް ވިދާޅުވެފައި ވެއެވެ. ނަމަވެސް މި ސަރުކާރުގެ ސިޔާސީ މަގާމުތަކުގައި 2300 މީހުންނާއި، ކުންފުނިތަކުން ދިން ވަޒީފާތަކުގައި ތިބި މީހުންގެ އަދަދާއެކު ޖުމްލަ 7000ށް ވުރެ ގިނަ މީހުން ތިބިކަމުގެ މައުލޫމާތު ލިބެއެވެ.

ސަރުކާރުގެ ސިޔާސީ މަގާމުތަކުން ބަޔަކު ވަކިކުރާކަން ރައީސް މުއިއްޒު ހާމަކުރެއްވި ނަމަވެސް އެއީ ކޮން ބައެއްކަން އެނގޭނެ ތަފްސީލެއް ސަރުކާރުން ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 22 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރިޔަމް އުހާމަތު
- ކޮމެންޓް